އެޗްޕީއޭގެ ގައިޑްލައިނުން ފުޓްބޯޅައަށް ފައިދާއެއް ނުކުރި
އެޗްޕީއޭގެ ގައިޑްލައިނުން ފުޓްބޯޅައަށް ފައިދާއެއް ނުކުރި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މަސައްކަތް ފެށިތާ އެތައް ދުވަހެއް ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދޭން ނިންމީ ކޮވިޑް-19 އިން ރައްކާތެރިވާން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިންނެވެ. އެ ގައިޑްލައިނާ އެއްގޮތަށް ބަރާބަރަށް އެފްއޭއެމުންނާއި ކްލަބްތަކުން އަމަލުކުރަމުން ދަނިކޮށް، މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވުމާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމަކީ ހީކުރާ ވަރަށް ވުރެ ގެއްލުން ބޮޑު ނިންމުމެކެވެ.

މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 14 ދުވަހަށް އެޗްޕީއޭ އިން އަޅަން ނިންމި ފިޔަވަޅުތަކުގައިވާ ގޮތުން "އެކަނި ކުރާ ކަސްރަތު ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުން" ހިމެނެ އެވެ. މި އުސޫލުގެ ދަށުން މި ވަނީ ޕްރޮފެޝަނަލްކޮށް ކުޅޭ ކުޅިވަރު މުބާރާތްތައް ވެސް ހުއްޓާލަން އަންގައިފަ އެވެ. ކަންކަން ނިންމާއިރު، ރާއްޖޭގައި ކުޅިވަރުން އާމްދަނީ ހޯދަމުން އަންނަ މީހުންނާ މެދު ވިސްނާލުމެއް ނެތްކަމުގެ ކަންބޮޑުވުން މި ނިންމުމާ އެކު އާވެގެން ދިޔަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ޕްރެކްޓިސްތައް ފަށަން މިދިޔަ އޮކްޓޫބަރު މަހު އެޗްޕީއޭ އިން ދިން ހުއްދައާ އެކު ޓީމުތަކުން ޕްރެކްޓިސް ފެށީ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަވޭތޯ ބަލަން ކޮންމެ ކްލަބަކުން ހައިޖީން އޮފިސަރެއް ހަމަޖައްސައިގެންނެވެ. އެ އޮފިސަރުގެ ޒިންމާ އަކީ އެޗްޕީއޭއާ އެކު އެފްއޭއެމުން މަޝްވަރާކޮށްފައިވާ ހުރިހާ ކަމެއް އުސޫލާ އެއްގޮތަށް ދޭތޯ ކަށަވަރުކުރުމެވެ. އެފްއޭއެމުން ގައިޑްލައިނެއް ހެދުމުގައި އޭއެފްސީ އާއި ފީފާގެ ތަޖުރިބާކާރުންގެ ލަފާ ވެސް ހޯދި އެވެ.

ގައިޑްލައިންގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ވަންނަން ޖެހޭނީ މާސްކް އަޅައިގެންނެވެ. ދަނޑަށް ވަންނައިރު ހަށިގަނޑުގެ ފިނިހޫނުމިން ޗެކްކުރަން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ފިނިހޫނުމިނަށް ވުރެން މަތި ވެއްޖެ ނަމަ ދަނޑަށް ނުވައްދާ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހެ އެވެ. މީގެ އިތުރުން ޓްރެއިނިން ދަނޑަށް ދާއިރު އެއް ކްލަބް އަނެއް ކްލަބާ މަސްހުނިނުވާ ގޮތަށް ހެދުމާއި ޓްރެއިން ކުރާއިރު ކޮންމެ ޓީމަކުން ވެސް ބައިވެރިވެވޭނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުން ކަމަށް ކަނޑައަޅާފައިވެ އެވެ. ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެނިޓައިޒާ އާއި ފެނުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ. މި ހުރިހާ ކަމެއް ކްލަބްތަކުން ބަރާބަރަށް ފުރިހަމަކުރޭތޯ ބަލަން އެޗްޕީއޭ އަށް ވެސް ހާއްސަ އިހުތިޔާރެއް އޮވެ އެވެ.

އެޗްޕީއޭގެ އުސޫލާ އެއްގޮތަށް މިހާތަނަށް ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެ ނިންމައިފި އެވެ. ލީގު މެދުކަނޑާލަން ޖެހުނީ ދެ ވަނަ ބުރުގެ ދެ ވަަނަ މެޗުތަކަށް ބައެއް ކްލަބްތަކުން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. ލީގު މެދުކަނޑާލަން ޖެހިފައިވާކަން ބުދަދުވަހު މެންދުރު ފަހު އެފްއޭއެމުން އިއުލާނުކުރިއިރު، އެ ދުވަހު ހަވީރާއި އެ ރޭ ކުޅެން އޮތް މެޗަށް ކްލަބްތަކުން ދިޔައީ އަވަދިނެތި ތައްޔާރުވަމުންނެވެ.

އުސޫލުގައިވާ ގޮތުން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން އެޗްޕީއޭ އިން އަންގާފައި އޮތުމުން މެޗުތައް ބަލަން ދަނޑަށް ވަދެވެނީ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އެފްއޭއެމާއި މީޑިއާގެ ވެސް ނިސްބަތުން މަދު ބަޔަކަށެވެ. މި ހުރިހާ ކަމަކަށް ބަލައިގެން ލީގުގެ މެޗުތައް ކުރިއަށްގެންދިޔަ އެންމެ ބޮޑު ސަބަބަކީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމެވެ. އެކަމަކު ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އެޗްޕީއޭ އިން ނިންމީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެވެ. އަމިއްލަ ފަރާތްތަކުން ބާއްވާ މުބާރާތްތައް ހުއްޓާލަން ޖެހޭ އުސޫލުން ޕްރޮފެޝަނަލްކޮށް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ ގުޅިފައިވާ މުބާރާތްތައް ހުއްޓާލަން އެންގުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ އެވެ. އެއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަމަލުކުރާ ގޮތެއް ނޫނެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ އަށް ބަލާއިރު ފުޓްބޯޅަ އަކީ އާމްދަނީ ލިބޭ ކުޅުންތެރިން އެންމެ ގިނަ ކުޅިވަރެވެ. މުޅި އަހަރަށް ބަހާލައިގެން ކުޅުންތެރިންނާއި ކޯޗުންނަށް އާމްދަނީ ލިބޭ ގޮތަށް ކުރިއަށްދާ ކުޅިވަރަކަށް ރާއްޖޭގައި ހަަމައެކަނި އޮތީ ވެސް ފުޓްބޯޅަ އެވެ. މިއީ ފުޓްބޯޅަ ހާއްސަވާ އެއް ސަބަބެވެ.

މިދިޔަ އަހަރުގެ ބޮޑު ބައިގައި ފުޓްބޯޅަ ހުއްޓިފައި އޮތުމުން ކުޅުންތެރިންނާއި މުސާރަ ލިބޭ އޮފިޝަލުން ތިބީ ގޮތްހުސްވެފަ އެވެ. އެ އުނދަގޫ ހާލަތުން އަރައިގަނެގެން ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށީ، އޮކްޓޫބަރު ތެރޭ ޕްރީ ސީޒަން ފަށައިގެންނެވެ. އެކަމަކު ސީޒަން ފެށި، ކުޅުންތެރިންނާއި އޮފިޝަލުންނަށް ރަނގަޅަށް މުސާރަ ލިބެން ފެށިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އަނެއްކާވެސް ހުއްޓާލަން ޖެހުމުން މާލީ ގޮތުން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ކްލަބްތަކުން ވެސް އަންނަނީ ބުނަމުންނެވެ. މިކަމުގައި ކްލަބްތަކަށް ކުރިމަތިވާ ގެއްލުން ވެސް ކުޑައެއް ނޫނެވެ.

ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ކްލަބުން އަހަރަކަށް ކަނޑައަޅާ ބަޖެޓް މި ވަގުތަށް ބަލާއިރު ވެސް އުޅޭނީ 25 މިލިއަން ރުފިޔާ އަށް ވުރެން މަތީގަ އެވެ. އެ ގޮތުން ބަލާ ނަމަ ވެސް ރާއްޖޭގައި ފުޓްބޯޅައިގައި ދައުރުވާ ފައިސާގެ އަަދަދު އެހެން ކުޅިވަރުތަކަށް ވުރެ އެތައް ހާސް ގުނައެއް އިތުރެވެ. ފުޓްބޯޅައިން އާމްދަނީ ހޯދާ ބޮޑު ޕަސެންޓޭޖެއް ހިއްސާކުރަނީ ވެސް ޒުވާނުންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާއިރު، ޖިމްތައް ހުޅުވޭ ގޮތަށް ހެދުމަކީ އެ ވިޔަފާރި ސަލާމަތްކުރަން ނިންމާ އުސޫލަކަށް ވާ ނަމަ ފުޓްބޯޅަ އަކީ ވެސް ވިޔަފާރި އުސޫލުން ކުރާ ކަމެއްގެ ގޮތުގައި ދެކެން ޖެހޭނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކްލަބްތަކާއި ކުޅުންތެރިން ދިޔައީ ޕްރެކްޓިސް ކުރަމުންނެވެ. އެޗްޕީއޭ އިން ފަހުން މި ނިންމި ނިންމުމާ އެކު ޕްރެކްޓިސް ކުރަން ވެސް މިހާރު ހުއްދައެއް ނެތެވެ. މިއީ ކުޅުންތެރިންް ފިޒިކަލީ ތަަހައްމަލުކުރަމުން އަންނަ ދަތިތަކަށް އިތުރުވާ ބޮލު ރިހުމެކެވެ. ނުވަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ފުޓްބޯޅަ ދަނޑަށް އެނބުރި އާދެވުނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ފިޒިކަލީ ގޮތުން ކުޅުންތެރިން ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި އަނެއްކާވެސް ހުރިހާ ކަމެއް ހުއްޓާލަން ޖެހުމަކީ ކުޅުންތެރިންނަށް ވެސް ބޮޑު ގެއްލުމެކެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މިދިޔަ ތިން އަހަރަށް ބަލާއިރު، އެކި ސަބަބުތަކާ ހުރެ، ކުޅުނު ދުވަސްތަކަށް ވުރެ ނުކުޅެ ހޭދަވި މުއްދަތު އިތުރުވާނެ އެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ނުވަ މަސް ނުކުޅެ ތިބެން ޖެހުނުއިރު، އޭގެ ކުރީ އަހަރު ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނެސްގެން ޖޫން މަހު ސީޒަން ފެށި އެވެ. އެހެންވެ އެ ސަބަބާ ހުރެ ވެސް ނުކުޅެ ތިބެން ޖެހުނު މުއްދަތު ދިގެވެ.

ކެރިއަރެއްގެ ގޮތުގައި ފުޓްބޯޅަ ނަގައިގެން ކުރިއަށްދާ ގިނަ ޒުވާނުންތަކެއް އެބަ ތިއްބެވެ. މި ކަހަލަ ސަބަބުތަކާ ހެދި އަންނަ ބްރޭކްތައް ގިނަވުމަކީ އެ ކުޅުންތެރިން ފިޒިކަލީ ފިޓްކޮށް ތިބެން ކުރިމަތިވާ ޗެލެންޖެކެވެ. ރާއްޖެ ކަހަލަ ސެމީ ޕްރޮފެޝަނަލް ކުޅިވަރު ކުޅުންތެރިން އުޅޭ ގައުމެއްގައި ތަހައްމަލު ކުރަން ޖެހޭނެ އިތުރު އުނދަގުލެކެވެ. އެކަން ރާއްޖޭގެ ކޯޗުންނާއި ރާއްޖޭގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެޗްޕީއޭގެ ހާއްސަ ހުއްދައެއް ހޯދައިގެން ބައެއް އެހެން ކުޅިވަރުތަކުން ޕްރޮގްރާމްތައް ހިންގަ އެވެ.

"މީގެ އެންމެ ބޮޑު ދެރަައަކީ ގައިޑްލައިނެއް ހަދައިގެން ފުޓްބޯޅަ ކުޅެން ފެށީ. އެހެން އެއްވެސް ކުޅިވަރެއް ނެތް ގައިޑްލައިނެއް ހަދައިގެން އެޗްޕީއޭއާ އެތައް ގޮތަކުން މަޝްވަރާކޮށްގެން ފެށި ކުޅިވަރެއް،" ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ އޮފިޝަލަކު، ހާލަތުގެ ގޮތުން ނަން ހާމަނުކުރަން އެދެމުން، "މިހާރު" އަށް ބުންޏެވެ.

"އެކަމަކު ފުޓްބޯޅަ އަށް ކުރި ފައިދާއެއް ނެތް. ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށްގެން ވެސް މި ޖެހުނީ އުސޫލުތަކެއް ހަދައި ޕްރެކްޓިސް ނުކޮށް ތިބެން."

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަން، އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 14 ދުވަސް ވަންދެން ފުޓްބޯޅަ މެދުކަނޑާލުމަކީ އަންނަ މަހު ގައުމީ ޓީމުން ކުޅެން ހަމަޖެހިފައިވާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުގެ ތައްޔާރީތަކަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ.

"ކުޅުންތެރިން މިހާރު ވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުއްޓައި މިއީ ދިމާވި ދައްޗެއް. އަހަރެން އުއްމީދުކުރަނީ މާ ގިނަ ދުވަހެއް ނުވާނެ ކަމަށް [މާ ލަސްތަކެއް ނުވެ ފުޓްބޯޅަ ފެށޭނެ ކަމަށް]،" ދާދި ފަހުން ގައުމީ ޓީމާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ކޫޕްމަން ބުނެފައިވެ އެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބެއްޔަސް ކޮވިޑް-19ގެ ހާލަތު މާ ނުރައްކާތެރި ދަނޑިވަޅެއްގައި ކުޅިވަރުތައް ފެށި އަދި ކުރިއަށް ގެންދެ އެވެ. މަދު ގައުމެއްގައި ނޫނީ ކުޅިވަރުތައް މުޅިން މެދުކަނޑާލައިފައެއް ނުވެ އެވެ. އެއީ ކުޅިވަރަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކޮށްފި ނަމަ ބަލީގެ ނުރައްކާ ބޮޑުނުވެ ކޮންޓްރޯލް ކުރެވޭތީ އެވެ. ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެފައެއް ނުވެ އެވެ. ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މެޗެއް ނުކުޅެވޭނެ ހާލަތަށް ދިޔަ ނުވަތަ ޕްރެކްޓިސް މެދުކަނޑާލަން ޖެހުނު ފަހަރެއް ވެސް ނާދެ އެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅެއްގެ ތެރޭގައި ރާއްޖެ ދުވަސް ގުނަމުން ދާއިރު، މި ވަގުތު އެކި ދާއިރާތަކުން އަންނަނީ ހައްލުތަކެއް ހޯދަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިސްނަނީ ދަރިވަރުންގެ ކިޔެވުން ހުއްޓާނުލައި ކުރިއަށްގެންދާށެވެ. އިކޮނޮމިކް މިނިސްޓްރީ އިސްވެ ކުރަނީ ކޮވިޑް-19ގެ ސަަބަބުން ވިޔަފާރިތަކަށް އަންނަ އިގްތިސާދީ ލޮޅުން ކުޑަކުރާށެވެ. ކޮންމެ ބަޔަކު ވެސް ބޯލަނބަނީ އެޗްޕީއޭ އިން އަންގާ އެންގުމަށެވެ. މީގެ އެންމެ ބޮޑު ޒިންމާ އޮތީ އެޗްޕީއޭ އަށެވެ. އެހެން ދާއިރާތަކުގެ ވެސް ހައްގުތަކާ މެދު ވިސްނައިގެން އެޗްޕީއޭ އިން ފިޔަވަޅު އަޅާއިރު ކުޅިވަރު ދާއިރާއާ މެދު ވެސް އެގޮތަށް ވިސްނަން ޖެހޭ ސަބަބުތަކެއް އެބަ ހުއްޓެވެ. ފުޓްބޯޅައާ މެދު ހާއްސަ ގޮތަކަށް ބަލަން ޖެހެނީ މިއީ ވެސް އެތައް ބައެއްގެ އާމްދަނީ އާއި ހައްގުތައް ގުޅިފައިވާ ދާއިރާއަކަށް ވާތީ އެވެ.