ފަލީހަތް
ފަލީހަތް

ބުދަ ދުވަހާ ގުޅޭ

ޒިޔާން ބަލައިލި އިރު އެއީ ކޯޓުއަމުރެކެވެ. އޭގައި އޮތީ ޒިޔާންގެ ފޯނު ވަގުތުން ކޮމިޓީއާ ހަވާލުކުރުމަށެވެ. މަގާމުގެ ކުރިއެރުމަކަށް އުންމީދުކޮށްގެން އައި ޒިޔާން ހުރީ ހުއްޓުންއަރާފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

"މީ ކޯޗެއްތޯ؟" ޒިޔާނަށް ބުނެވުނެވެ.

"ތީ ކޯޓުއަމުރެއް،" އެޗުއާރު ކޮމިޓީގެ ވެރިޔާ ރަމީޒު ބުންޏެވެ. "އަމުރަށް ތަބާވުން ނޫން ގޮތެއް ޒިޔާނަކަށް ނެތް."

ފޯނު ނުދޭކަށް ޒިޔާން ނުވިސްނައެވެ. ޖެހިލުންވާ ވަރުގެ އެއްޗެއް ޒިޔާންގެ ފޯނަކު ނޯންނާނެއެވެ. އެކަމަކު ޒިޔާންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ފޯނު ދޭން ޖެހެނީ ކީއްވެގެން ހެއްޔެވެ؟

"ފޯނު ދިނުމުގެ ކުރިން އަޅުގަނޑު ބޭނުން އަޅުގަނޑުގެ އާއިލާޔާ މަޝްވަރާކޮށްލަން،" މޭޒުމަތީގައި ކޯޓުއަމުރު ބާއްވަމުން ޒިޔާން ބުންޏެވެ. "ފޯނު އަތުލަން ތި އުޅުއްވާ ސަބަބު ވެސް އަޅުގަނޑު އެނގެން ބޭނުން."

ޒިޔާން ފަސޭހައިން ހަތިޔާރު ނުބަހައްޓާނެކަން އެނގުމުން ރަމީޒު ނިކަން ރަނގަޅަށް ގޮނޑީގައި ހަމަޖެހިލިއެވެ. ކޮމިޓީގައި ދެން ތިބި އެކަކު ވެސް އެއްޗެއް ނުބުނެއެވެ. އަނގަމަޑުންލައިގެން ކުޅިބަލަން ތިބެން އެ މީހުންނަށް އަމުރުކޮށްފައިވާ ކަހަލައެވެ.

"އެންމެ ފުރަތަމަ ވެސް ބުނަން އޮތް އެއްޗަކީ، މި ވާހަކަ އެއްވެސް މީހަކާ ހިއްސާކޮށްގެން ނުވާނެ،" އެދުމަކަށް ވުރެ ބޮޑަށް ރަމީޒުގެ އަޑުގައި ވަނީ އިންޒާރުގެ ރާގެވެ. "އާއިލާއަށް ވެސް އަންގައިގެން ނުވާނެ. މީ މުޅި މުވައްސަސާގެ ގަދަރާ ކަރާމަތާ ގުޅިފަ އޮތް ކަމެއް. ވިސްނިއްޖެ؟ ދެވަނައަށް ބުނަން އޮތީ، ފޯނު ގެނޭ! ޒިޔާނާ ގުޅޭ ގޮތުން ވަރަށް ބޮޑެތި ތުހުމަތުތަކެއް އެބަހުރި."

އެއްވެސް ތުހުމަތެއް ނޯންނާނެކަން ޒިޔާނަށް ކަށަވަރެވެ. ޒިޔާނަކީ އިންޒާރާއި ބިރުދެއްކުމަށް ސިހޭނެ މީހެއް ނޫނެވެ. އެކަނިމާ އެކަނި ވިޔަސް ހަގީގަތާ ކުރިމަތިލާން ޒިޔާނަށް ކެރޭނެއެވެ.

"އެއީ ކޮން ކަމަކާ ގުޅޭ ގޮތުން ތޯ؟" ހައިރާންވެފައި ޒިޔާން ސުވާލުކުރިއެވެ.

"އަޑުއަހަން ކެރޭނެ؟ އެހެންވިއްޔާ އަޑުއަހާ! ޔުނިޓު ހެޑު މަނާރަތުގެ އޮރިޔާން ފޮޓޯ ގެންގުޅުމާ، އޭނައަށް ޖިންސީ ފުރައްސާރަ ކުރުމާ، ބްލެކްމޭލްކުރުމާ، ފިޒިކަލީ އަދި މެންޓަލީ އެބިއުސްކުރުން. އޭނަ އެބަ އޮތް ބަޔާނެއް ދީފަ. މައްސަލަ ބަލަން ޒިޔާން ގެނެއްސަ ތިހިރީ. ފޯނު ގެނޭ! ތިއޮތީ ކޯޓު އަމުރު."

މަނާރަތު އެ ފަދަ ކަމެއް ކޮށްފާނެ ކަމަކަށް ޒިޔާނަކަށް ގަބޫލެއް ނުކުރެވެއެވެ. އަނެއްކޮޅުން އެއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ތަނުގެ ވެރިމީހާއަށް ޒިޔާން އެ ފަދަ ގޯނާއެއް ކުރަންޏާ، ވަގުތުން ޒިޔާން މަގާމުން ވަކިކޮށްފައި އެ މައްސަލަ ނުބެލެންވީ ކީއްވެގެން ހެއްޔެވެ؟ ބާރާއި ނުފޫޒުގެ ގޮތުން މަނާރަތާއި ޒިޔާން އަޅައެއް ނުކިޔޭނެއެވެ.

"އޭނަ އެހެން ބުނިތަ؟" ޒިޔާން ސުވާލުކުރިއެވެ.

"ބަޔާނުގަ އެބަ އޮތް!" ރަމީޒު ބުންޏެވެ.

"ކީކޭ އޮތީ؟" ޒިޔާން އެހިއެވެ.

ބަޔާން ކިޔައިދިނުމުގެ އެއްވެސް ޝައުގުވެރިކަމެއް ރަމީޒުގެ ނެތެވެ. އެ ވަގުތު ޒިޔާން ހަނދާންވީ މުލަކުގައި އުޅުނު އިރު ރަމީޒުގެ ސައިކަލު ފަހަތަށް މަނާރަތު އެރި ދަނޑިވަޅެވެ. މަނާރަތު ސައިކަލުގައި ހަމަޖެހިލަމުން ހިނިތުންވެލި ގޮތާއި، ސަމާސާ ގޮތަކަށް ރަމީޒުގެ ގައިގައި ވިކާލި ގޮތެވެ. ރަމީޒަކީ މަނާރަތުގެ ކިރުއިލޮށީގައި ރަނގަޅަށް ތަތްވެފައިވާ ދޮންދޫންޏެކެވެ. ދެ ފިކުރެއްގައި އިނދެފައި ރަމީޒު ކަރުދާސްތަކެއް ނެގިއެވެ. ކިޔައިދޭން ފެށިއެވެ. ރަމީޒު ކިޔައިދިނީ ޒިޔާނަށް އަޑުއަހަން އުނދަގޫ ވާހަކަތަކެކެވެ. ޖިންސީ ގޮތުން މަނާރަތަށް ކުރި ހުރިހާ ކަމެއް ޒިޔާން ކުރިކަމަށް ވީ ގަދަކަމުންނެވެ. މަނާރަތުގެ ނުރުހުމުގައެވެ. ކުރި ކަންތައްތަކުގެ ތަފުސީލުތައް ވެސް ރަމީޒު ކިޔައިދިނެވެ. ހުސް ދޮގެވެ. އެހެނަސް ދޮގެއްކަން ޒިޔާން ސާބިތުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ތެދެއްކަން ސާބިތުކުރަން ރަމީޒަށް ދާދި ފަސޭހައެވެ. ދުލުކުރިން ބުނެލީމައި ނިމުނީއެވެ.

"މީ ވަރަށް ސީރިޔަސް މައްސަލައެއް،" ރަމީޒު ބުންޏެވެ. "އަހަންނަކަށް ނޭނގެ މި ކޮމެޓީގެ އެހެން މެންބަަރުން ދެކޭ ގޮތެއް. އަހަރެން ގައިމު ވެސް ޒިޔާނަށް ވަރަށް އިތުބާރުކުރިން. އިހުތިރާމު ވެސް ކުރިން. ހުރިހާ އެއްޗެއް ފެނަަށް."

"މައްސަލައެއް ނެތް! އެހެންވިއްޔާ އަޑުއައްސަވާ! އަޅުގަނޑު މި ފަށަނީ!" ފުން ނޭވައެއް ބޭރުކޮށްލައިފައި ޒިޔާން ބުންޏެވެ. "މީ އެންމެ ދުވަހެއް ދެ ދުވަހެއްގެ ވާހަކައެއް ނޫން. ކިތައް ރަށުގަ ކިތައް ހާދިސާ؟ ފޮރެންޒިކު މަސައްކަތްތަކުގަ އަޅުގަނޑު ތޯ މަނާރަތާ ކަންކަން ހަވާލުކުރާނީ ނޫނީ އޭގެ އިދިކޮޅަށް ތޯ ކަން ހިނގާނީ؟ މަނާރަތު ބޭނުންވާނެ އަޅުގަނޑު ދާ ކޮންމެ ރަށަކަށް ދާން. އަޅުގަނޑު ރަށުގަ ހުރިހާ ދުވަހަކު ރަށުގަ ހުންނަން. މީ ހަމަ ހައްގު ތެދެއް."

ޒިޔާން ވާހަކަ ފަށައިގެން ގޮސް ފުވައްމުލަކުގައި ހިނގި ހާދިސާގެ ތަފުސީލުތައް ކިޔައިދޭން ފެށިއެވެ. އިސްނެގީ މަނާރަތު ކަމާއި، ތަކުރާރުކޮށް ކަންކަމަށް އިސްނަގަނީ މަނާރަތުކަމެވެ. ހުޅުމާލޭ ބާބަކިއު ސަރަހައްދުގައި ހިނގި ކަންތައްތަކާއި، މާލޭގެ މަސްވެރިންގެ ޕާކުގައި ހިނގި ކަންތައްތަކާއި، މަނާރަތު ދެއްކި ވާހަކަތަކާއި ކުރި ކަންތައްތަކުގެ ހުރިހާ ތަފުސީލެކެވެ. އެ ހިސާބަށް ވާހަކަ ދިޔުމުން ރަމީޒު ހިތްހަމަނުޖެހެން ފެށިއެވެ. އެއީ ކީއްވެގެން ކަމެއް ޒިޔާނަކަށް ނޭނގެއެވެ.

"ކީއްކުރަން ތި ހުރިހާ ޑީޓެއިލްސްއެއް ތި ކިޔައިދެނީ؟" ޝަކުވާގެ ރާގެއްގައި ރަމީޒު އެހިއެވެ. "އެހެން މީހެއް ނަމަ އެކައްޗެއް ވެސް ކިޔައެއްނުދޭނެ."

ރަމީޒު ވާނީ މަނާރަތުގެ ލޯބިވެރިޔަކަށެވެ. ޒިޔާނަށް ކަށަވަރެވެ. މަނާރަތާ އެއްކޮޅަށް މައްސަލަ ނިންމާލަން ރަމީޒަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެއެވެ. އެހެނަސް، ރަމީޒު ލައިގެން ހުރި ޔުނީފޯމުގައި ކޮންމެވެސް އަގެއް ހުންނާނެ ކަމަށް ޒިޔާން އުންމީދުކުރިއެވެ. ކޮމިޓީގައި ދެން ތިބީ ބުދުތަކެއް ނޫންކަމާއި، އިންސާފު ލިބޭނެކަމަށް ވެސް ޒިޔާނަށް އުންމީދުކުރެވުނެވެ.

"ހުރިހާ ވާހަކައެއް މި ކިޔައިދެވުނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ވެސް ނޭނގޭ،" ޒިޔާން ބުންޏެވެ. "އަޅުގަނޑު ފަހަރެއްގަ ވެސް ހިޔެއް ނުކުރަން އަޅުގަނޑާ އެހާ ގާތްކޮށް އުޅެ، މަނާރަތު އަތުގަ ހުރިހާ ބާރެއް އޮވެ، މި ކަހަލަ ބޮޑު ދޮގެއް ހަދާފާނެ ކަމަކަށް. އޭނަ ބޭނުމިއްޔާ މިހާރު ވެސް އަޅުގަނޑު މި ޑިޕާޓުމަންޓުން ބޭރުކޮށްލަންވީ. އެއީ އުނދަގޫ ކަމެއް ނޫން. ވެރިމީހާ ބޭނުން ވެއްޖެއްޔާ ބޭނުން ދިމާއަކަށް ބަދަލުކޮށްލެވޭނެ. ޕޮލިހަކީ އެ ކަހަލަ ތަނެއް. މަނާރަތަށް އެނގޭނެ އަޅުގަނޑު މެންޓަލީ ކިހާ ބޮޑަށް ބްރޭކުވެފަކަން ހުރީ. އޭނައަށް އެނގޭނެ ފައިނޭންޝަލީ ވެސް އަޅުގަނޑު ކިހާ ސްޓްރެސް ވެފަކަން ހުރީ. އެ ހުރިހާ އެއްޗެއް އެނގި ހުރެ އޭނަ ބޭނުންވީ އަޅުގަނޑަށް ހެދެން އޮތް އެންމެ އިހާނެތިކޮށް ހަދާފަ، ދުވަހަކު ވެސް އަޅުގަނޑު ލޯ ހުޅުވައިލަން ނުކުރޭ ވަރަށް ފަލީހަތް ކޮށްފަ، އަޅުގަނޑަކީ ނެތް މީހަކަށް ހަދާލަން."

މަނާރަތު އިސްވެ ޒިޔާނަށް ދައުވަތުދީގެން އެކި ތަންތަނަށް ޒިޔާން ގެންދިޔަ ރޭތަކުގައި، މަނާރަތު ލައިގެން ހުރި ހެދުމުގެ ކުލައާއި، އިސްތަށިގަނޑު ހުރި ގޮތަށް ދާންދެން ޒިޔާން ކިޔައިދިނެވެ. އެއީ ހިނގި ކަންތައްތަކެއްކަން ސާބިތުކޮށްދިނުމަށް ޓަކައެވެ. ވަކި ހިސާބަކުން ރަމީޒަކަށް ނީނދެވުނެވެ.

"ދެން ހުއްޓާލާ!" ރަމީޒު ބުންޏެވެ. "އަހަރުމެންނަކަށް ތިހާ ބައިވަރު އެއްޗެއްސެއް އަޑެއް ނޭހޭނެ. މި ހިސާބުން ރެކޯޑިން ވެސް މި ހުއްޓާލީ! ކިޔައިދިން ހުރިހާ ކަމެއް އަހަރުމެން ބަލާނަން. ތަހުގީގުކުރާނަން. ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނަން. މީ ދެ ފުލުހެއްގެ މަސްލަހަތު ހިމެނޭ ކަމެއް. މައްސަލަ ރަނގަޅަށް ތަހުގީގު ނުކޮށް އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް ނާޅާނެކަމުގެ ފުރިހަމަ ޔަގީންކަން އަހަރެން ދެން. ފޯނު ދީފަ ދެން މައްސަލައެއް ނެތް ދިޔަސް. ބަޔާނުގަ ސޮއިކުރަންވީމަ ގުޅާނަން."

ރަމީޒަށް އިތުބާރުކުރުމަކީ ޒިޔާން ކުރަން ހެޔޮވާ ވަރުގެ ކަމެއް ހެއްޔެވެ؟ ހިތާހިތުން ޒިޔާން ބުނެލިއެވެ. އެކަމަކު އިތުބާރު ނުކޮށް ވެސް ޒިޔާން ކުރާނީ ކީއް ހެއްޔެވެ؟ ޒިޔާންގެ ހަނދާނަށް އަންނަމުން ދިޔައީ، މަނާރަތާ ދުރުވާން އެދި އަހުސަން ދިން ނަސޭހަތްތަކެވެ. އޭރު ޒިޔާނަކަށް އެ ވާހަކަތަކެއް ގަބޫލެއް ނުކުރެވުނެވެ. ދެން ހަދާނީ ކިހިނެއްބާއޭ ޒިޔާން ހިތަށްއެރިއެވެ. އަހުސަނެއް ނެތެވެ. ދެން ހިޔާލެއް ދޭން ހުރީ ދީމާއެވެ. ޒިޔާންގެ އަނބިމީހާއެވެ. ދުނިޔެއިން އެންމެން ހުސްވިޔަސް ދީމާ ގާތުގައި މަނާރަތުގެ ވާހަކައެއް ޒިޔާނަކަށް ނުދެއްކޭނެއެވެ. އެކަމަކު ގޯހުންގޯހަށް ކަންތައް ހިނގައްޖެއްޔާ، ފަހަރެއްގައި ޒިޔާން ވަޒީފާއިން ވަކިކޮށްފާނެއެވެ. އެ ކަން ޒިޔާން ހަނދާންހުއްޓެވެ. އެ ދުވަހަކުން އެއްވެސް ވާހަކައެއް ޒިޔާނަކަށް ސިއްރެއް ނުކުރެވޭނެއެވެ. ޒިޔާނަށް އެންމެ ރައްކާތެރި ގޮތަކީ މަނާރަތުގެ ދެފައި މައްޗަށް ވެއްޓި އާދޭސްކުރުމެވެ. މަނާރަތުގެ ހުރިހާ ޝަރުތެއް ގަބޫލުކޮށް އޭނަގެ މުށުތެރޭގައި ބަންދުވެގެން ހުރުމެވެ. އެ ކަމާ ޒިޔާން ވަރަށް ގިނަ އިރު ވިސްނިއެވެ.

މަނާރަތާ ނުގުޅަން ހުރެފައި ވެސް އެންމެ ފަހުން ޒިޔާން ގުޅިއެވެ. އަތުގައި އޮތް ބާ ފޯނަކަށް އެހެން ސިމެއް ލައްވައިގެންނެވެ.

"އެނގޭ ގުޅާނެކަން،" ޒިޔާންކަން އެނގުމާ އެކު މަނާރަތު ބުންޏެވެ. "އެކަމަކު ހީކުރި ވަރަށް ވުރެ މާ ލަހުން ތި ގުޅީ. ފޯނު ވެސް އަތުލީ ދޯ!"

"ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟" ޒިޔާން ސުވާލުކުރިއެވެ.

"އަހަރެން ކަމެއް އެބަ ކުރަންތަ؟" މަނާރަތު ހައިރާންވާ ކަަމަށް ހެދިފައި ބުންޏެވެ. "ޒިޔާނަށް އުޅެން ނޭނގޭތީ ވާހާ ކަންތަކެއްނު ތި ހުންނަނީ. އަހަރެން މަތިނާޅުވާ! ކުޑަކުއްޖަކަށް ވެސް ކިޔައިނުދޭހާ ތިލަކޮށް އަހަރެން ޒިޔާނަށް ހުރިހާ އެއްޗެއް ކިޔައިދިނިން. ނުލާހިކު ރަނގަޅަށް އަޑުއަހާފަ ގޮސް ބޮސްއާ ކޮން ވާހަކައެއް ދެއްކީ؟ އޭނ؟ ޒިޔާނަށް ތި ލިބުނު ހުރިހާ ރީތި ނަމެއް ހޯދައިދިނީ ކާކު؟ އަހަރެން. ޗާންސްތައް ހޯދައިދިނީ ކާކު؟ އަހަރެން. ދެން އަހަރެން ކަރަށްތަ ޒިޔާން ފައިން އަރަންވީ؟ ގޮތްކުޑަ ވިޔަސް، އަމިއްލަ އެދުން ބޮޑު ވިޔަސް ތީ ފުކެއް ބޮޑުވަރު. މާދަމާ ޖޮބުން ކަނޑާލީމަ ކިހިނެއް ފެމެލީ ބަލާނީ؟ ޒިޔާން ވިސްނަބަލަ! ކިހިނެއް ޒިޔާން އަހަންނާ ފައިޓްކުރާނީ؟ ނުވާނެ އެ ކަމެއް. އަދިވެސް ވަގުތު އެބަ އޮތް. މާހިދު ކައިރީގަ ބުނޭ ޕްރޮމޯޝަން ބޭނުމެއް ނޫނޭ. ކެރޭނެތަ؟ ޔޭސް އޯ ނޯ!"

ނުނިމޭ