09 ނޮވެމްބަރ 2016 - 06:26

ބްރެޓް ޕިޓް ކައިރިން ވަރިވާން އެންޖެލީނާ ޖޮލީ ސެޕްޓެމްބަރު މަހު ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު، ދެން އުފެދުނީ ދެ މީހުންގެ ދަރިންގެ މައްސަލަ އެވެ.

އެންޖެލީނާ ބޭނުންވީ އެ މީހުންގެ ހަ ދަރިން އަބަދު ވެސް އޭނާގެ ކައިރީގައި ތިބޭށެވެ. އަނެއްކޮޅުން ޕިޓް ވެސް ވަކާލާތު ކުރަމުން ދިޔައީ ދަރިން އޭނާގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ބުނެ އެވެ.
ދަރިން ތިބޭނީ ކޮން ފަޅިއެއްގައިކަމާ މެދު ދެ މީހުންގެ ދޭތެރޭގައި ފެށުނު ހަނގުރާމަ އެންޖެލީނާ މިހާރު ވަނީ ކާމިޔާބު ވެސްކޮށްފަ އެވެ.
އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ޕިޓްގެ ބެލުމުގެ ދަށަށް ދަރިންކޮޅު ގެންގޮސްފި ނަމަ، އެ މީހުންގެ ރައްކާތެރިކަމާއި ސަލާމަތަށް ނުރައްކާ ވެދާނެތީ އެވެ.
ޕިޓް ކައިރިން ވަރިވާން އެންޖެލީނާ ނިންމި ސީދާ ސަބަބެއް މިހާތަނަށް ސާފު ނުވިޔަސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މައްސަލަ އުފެދެން ދިމާވި މައިގަނޑު އެއް ސަބަބަކީ ވެސް ދަރިއަކަށް ޕިޓްގެ ފަރާތުން އަނިޔާތަކެއް ލިބުމެވެ.
ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ދޮށީ ދަރިފުޅު މެޑޮކްސް ޖޯލީ-ޕިޓް، 15، އަށް ޕިޓްގެ ފަރާތުން ޖިސްމާނީ އަނިޔާތަކެއް ލިބިފައިވެ އެވެ.
އެހެންވެ މި މައްސަލަ މިހާރު ވެސް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ދަރިން ތިބޭނީ އެންޖެލީނާގެ ބެލުމުގެ ދަށުގައި ކަމަށް ނިންމުމާ ގުޅިގެން، އޭނާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ދަރިން އެންޖެލީނާގެ ކައިރީގައި ބޭތިއްބުމަށް ނިންމީ އެ މައްސަލާގައި ގާނޫނީ ލަފާ ހޯދުމަށް ފަހު، އެއްބަސްވުމަކަށް އާދެވި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
އެހެން ނަމަވެސް ބަޔާނުގައި ބުނީ މިކަމާ ބެހޭ އިތުރު ތަފުސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
އެ ބަޔާނުގައި އަދި ބުނީ ދަރިން އެންޖެލީނާ ކައިރީގައި ތިބި ނަމަވެސް ދަރިންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ޕިޓަށް އޮންނާނެ ކަމަށެވެ.
ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ޕިޓަށް ދަރިންނާ މިހާތަނަށް ބައްދަލުވެފައި ވަނީ އެންމެ ދެ ފަހަރު ކަމަށްވެ އެވެ.
ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ އެންޖެލީނާ އާއި ޕިޓް 2004 ވަނަ އަހަރުން ފެށިގެން ޑޭޓް ކުރުމަށް ފަހު، ކައިވެނި ކުރީ 2014 ގަ އެވެ.
ޕިޓްގެ ޒާތީ ދިރިއުޅުމަށް ކުރިމަތިވި މައްސަލަތަކާ ހެދި، އޭނާގެ ކުރިއަށް އޮތް ފިލްމް "އެލައިޑް" ގެ ޕްރޮމޯޝަންތަކުގައި ވެސް ބައިވެރި ނުކުރަން މާކެޓިން ޓީމުން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ މި މަހުގެ 23 ގަ އެވެ.
އެއީ ޕިޓް ޕްރޮމޯޝަންތަކުގައި ބައިވެރިވާ ނަމަ، ފިލްމުގެ ވާހަކަ އަށް ވުރެ ބޮޑަށް ނޫސްތަކުގައި އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް އިސްކަން ދެވި، ފިލްމުގެ ވިޔަފާރި އަށް އަސަރުކޮށްފާނެތީ ކަމަށްވެ އެވެ.