06 ފެބުރުއަރީ 2021 - 16:13

ދިރާގު ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދީފި އެވެ.
އެ ކުންފުނިން ބުނީ ވެކްސިން ދިނީ ސަރުކާރުން ފްރޮންޓްލައިން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ވެކްސިންގެ ބައިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމަރުންނާ ސީދާ ބައްދަލުވާ މުވައްޒަފުންނެވެ.
ދިރާގުން ބުނި ގޮތުގައި ބަލިމަޑުކަމުގެ މި ދަނޑިވަޅު ވެސް މަސައްކަތް ކުރަނީ މެދުނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ދޭށެވެ. ބައެއް ހިދުމަތްތައް އޮންލައިންކޮށް ދެމުން އަޔަސް ބައެއް ހިދުމަތްތައް އަދިވެސް ކަސްޓަމާ ސާވިސް ސެންޓަރުތަކުން ދޭ ކަމަށް ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން ދިރާގުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ތަފާތު ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އުސޫލުތައް ބަދަލުކުރި އެވެ.
ކޮވިޑްގެ ތިން ވަނަ ރާޅުގެ މި ހާލަތުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިރާގުން އެދެނީ ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތް ހޯދުމަށެވެ. އިންޓަނެޓާއި މޯބައިލް ޕެކޭޖުތައް ބަދަލުކޮށް ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ޕެކޭޖުތަކުގެ ޔޫސޭޖު ބަލާލައި ބިލް ދެއްކުމާއި ދިރާގުގެ އެހެން ހިދުމަތްތައް ހޯދަން، ދިރާގުގެ އޮފީސްތަކަށް ދިއުމުގެ ބަދަލުގައި "މައިއެކައުންޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނަސް އެޕޮއިންޓްމަންޓް ހައްދަން ޖެހެ އެވެ. އަދި އެޗްޕީއޭއިން އަންގާފައިވާ ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް ހިދުމަތް ދޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށެވެ.