06 ފެބުރުއަރީ 2021 - 16:02

އޭރުގެ އިދިކޮޅު ލީޑަރުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކާ އެކު ވެސް ސަރުކާރުން އޭނާ "މަގުމަތިކޮށްލުމަކީ"، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ކޯލިޝަންގެ އެހެން ލީޑަރުން ވެސް ލަދުފުޅު ގަންނަން ޖެހޭ ކަމެއް ކަމަށް، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ސިފަކުރައްވައިފި އެވެ.
އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާ މީގެ ބަރާބަރު އެއް އަހަރު ކުރިން، ފެބްރުއަރީ 6، 2020 ގައި އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާނަށް އޭރު ކުރި ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަމަށް ތުހުމަތުކޮށް އާންމުން ފާޑުކިޔުން އަމާޒުވުމުންނެވެ.
ޝިދާތާ މަގާމުން ދުރުކުރަން ސޯޝަލް މީޑިއާގައި ވެސް އޭރު ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދިޔަ އެވެ.
މަގާމުން އިސްތިއުފާ ދެއްވިތާ އަހަރެއް ވުން ހަނދާންކުރައްވަމުން ފޭސްބުކްގައި ޝިދާތާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރު ގެންނަން އެކަކަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވިފައި ވާނީ އޭނާއަށް ކަމަށެވެ.
މި ސަރުކާރު އައީ އޭރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމްކުރަން ކަމަށް ވިޔަސް، ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެސް އޭނާއަށް ކަމަށް ޝިދާތާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
"ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއް ނެތި ވަކާލާތުކުރިން، މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހު ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަން ޖެހޭ ކަމެއް،" ޝިދާތާ ލިއުއްވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ އެގޮތަށް ދިމާވި ނަމަވެސް ސިޔާސީ ގޮތުން ފަހަތަށް ޖެހިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ދާނީ ކުރިއަށް، އިންޝާﷲ،" ޕޯސްޓް ނިންމާލައްވަމުން ލިއުއްވި އެވެ.
ރައީސްގެ އިތުރުން މި ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް، މައުމޫން އަބްދުﷲ ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ހޯމް މިނިސްޓަރަކަށް ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ފަހުން ޕާޓީގެ މަސައްކަތްތަކުގައި ވެސް ޝިދާތާ އުޅުއްވަނީ ވަރަށް ދުރުކޮށެވެ. އޭނާއަކީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް އެވެ.