ނަޝީދު ވިދާޅުވަނީ އިންތިހާބު ފަސްކުރަން ހުއްޖަތު ނުހޯދުމަށް
ނަޝީދު ވިދާޅުވަނީ އިންތިހާބު ފަސްކުރަން ހުއްޖަތު ނުހޯދުމަށް

ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސްކުރަން ހުއްޖަތުތައް ހޯދަން ނޫޅެ، މިހާރު ކަނޑައަޅާފައިވާ ދުވަހަށް އިންތިހާބު ބާއްވަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ޓްވީޓަކުން އެ މަނިކުފާނުގެ ވާހަކަފުޅު މި އައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނަށް އިންތިޚާބު ބާއްވަން އުނދަގޫ ކަމަށް ބުނެ، އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނިކޮށެވެ.

ކޮވިޑް-19އާ ހެދި މިދިއަ އަހަރު ފަސްކުރި އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައި އޮތީ އޭޕްރީލް 10 ގަ އެވެ. އެކަމަކު ކޮވިޑްގެ ކޭސްތައް ވަރަށް މަދުން ފެންނަތާ ދުވަސްތަކެއް ވުމަށް ފަހު އަލުން މިހާރު ވަނީ ވަރަށް މައްޗަށް ދާން ފަށައިފަ އެވެ. އެހެންކަމުން ކައުންސިލް އިންތިޚާބު އިންތިޒާމްކުރުމާއި އިންތިޚާބަށް ކެމްޕެއިން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން ވަނީ ހަމަޖައްސައިފަ އެވެ.

އެ ގައިޑްލައިންގައި ބާރުއަޅާފައި އޮތީ ގިނަ މީހުން އެއްތާކަށް އެއްވާ އިރު ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެތީ، އެގޮތަށް އެކަން ނުހިނގާނެ ގޮތަށް އިންތިޚާބު ބާއްވާށެވެ. އެހެންވެ އަޅަން ޖެހޭ ފިޔަވަޅުތަކާ ހެދި އިންތިޚާބު ބާއްވަން އީސީން ކުރަން ޖެހޭ މަސައްކަތް ގިނަވެ އަދި ހަރަދުތައް ވެސް ދެ ގުނަ ބޮޑުވެ އެވެ. މިހާރު މުޅި އިންތިޚާބަށް 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެކަމަކު އިންތިހާބު ބާއްވަން އީސީއަށް މިހާރު ކަނޑައަޅާފައި ވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އިތުރަށް 44 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް، ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ގައިޑްލައިންގައި ހުރި ކަންކަމުން ގިނަ ހުރަސްތަކެއް ދިމާވާތީ، އީސީން ނިންމީ އިންތިހާބު ފަސްކޮށްދޭން އެދި ރައްޔިތުންގެ މަޖިލިހަށް ހުށައަޅާށެވެ.

އެކަމަކު މަޖިލިހުގެ ރައީސް ހުންނެވީ އެކަން ގަބޫލުފުޅުކުރައްވާ ގޮތަށް ނޫންކަން މިއަދުގެ ޓްވީޓުން އެނގެ އެވެ.

އެ މަނިކުފާނު ވިދާޅުވީ "ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރަން ސަބަބާއި ހުއްޖަތު ހޯދުމަށް ވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން" ކަމަށެވެ.

އެޗުޕީއޭގެ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ގެންގޮސް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފަހު ރައްކާތެރިކަމާ އެކު ގެންގޮސް ދިނުމަކީ ވެސް އީސީގެ ޒިންމާއެކެވެ.

އޭގެ އިތުރުން އިންތިޚާބުގެ މަސައްކަތް ނުހުއްޓޭނެ ގޮތަށް ބެކަޕް ޕްލޭނެއް [އިތުރު އޮފިޝަލުން] ކަނޑައެޅުމާއި ވޯޓާސް ލިސްޓާއި އެހެނިގެން ލިޔެކިޔުންތައް އޮންލައިންކޮށް ބެލެހެއްޓޭނެ އިންތިޒާމު ވެސް ހަމަޖައްސަން ޖެހެ އެވެ.

މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި އީސީން އަމަލުކުރި އުސޫލަކީ، ވޯޓު ލުމުގެ ހައްގު ލިބިގެންދާ 50 މީހުން ހަމަވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމެވެ. އެ އަދަދު ހަމަ ނުވާ ނަމަ އެ ރިސޯޓެއްގެ މުވައްޒަފުން ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސަނީ އެންމެ ކައިރި ރަށެއްގަ އެވެ. ނަމަވެސް އެގޮތަށް އެހެން ރަށްރަށަށް ގޮސް ވޯޓު ލާން ފުރުސަތު ނުދެވޭނެ ކަމަށް ގައިޑްލައިނުގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ ވޯޓު ލުމުގެ ހައްގު ލިބޭ މީހުން ތިބޭ ކޮންމެ ރިސޯޓެއްގައި އީސީން ވޯޓު ފޮށި ބަހައްޓަން ޖެހޭނެ އެވެ.