ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ބެލޭނެ: އައިސީސީ
ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ބެލޭނެ: އައިސީސީ

ގާޒާ (ފެބްރުއަރީ 6) - ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލުތައް ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނިންމައިފި އެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ މި ނިންމުމާ އެކު އިޒްރޭލާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފެށުމުގެ މަގު ވަނީ ތަނަސްވެފަ އެވެ. ކޯޓުގެ ޕްރޮސެކިއުޓަރު ފަތޫ ބެންސޫދާ ކުރިން ވަނީ އިޒްރޭލުން ހިންގާ އަމަލުތައް ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ޖަރީމާތައް ހިންގާކަން ގަބޫލް ކުރުމުގެ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ.

އައިސީސީގެ ނިންމުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާޑު ވިދާޅުވެފަ އެވެ. ފަލަސްތީނުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

"އައިސީސީގެ ނިންމުމަކީ އަދުލް އިންސާފަށް ލިބުނު ކާމިޔާބީއެއް. އަނިޔާ ލިބެމުންދާ އާއިލާތަކަށް ލިބުނު ކާމިޔާބީއެއް،" ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިޔާހު ވިދާޅުވި އެވެ.

އިޒްރޭލުން ބުނެފައި ވަނީ އައިސީސީ އަށް ހުށަހަޅާ ކޮންމެ މައްސަލައަކުން އެ ގައުމުގެ ރައްޔިތުންނާއި ސިފައިން ހިމާޔަތް ކުރާނެ ކަމަށެވެ. އިޒްރޭލަކީ އައިސީސީގެ މެންބަރެއް ނޫނެވެ.

އައިސީސީގެ ނިންމުމުގައި ވަނީ އިޒްރޭލުން 1967 ވަނަ އަހަރު ހިފާފައިވާ ބިންތައް ކަމަށްވާ ގާޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައި އިޒްރޭލުން ހިންގާ ހުރިހާ އަނިޔާވެރި އަމަލުތައް އެ ކޯޓަށް ތަހުގީގު ކުރެވޭނެ ކަމަށް ބުނެފަ އެވެ.

އައިސީސީގެ ނިންމުމަށް ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެ ސަރަހައްދުގެ މައްސަލަތަކުގެ ތެރެއަށް އައިސީސީން ވަނުމަކީ ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށެވެ.