މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ލައްކައަކަށް އަރައިފި
މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ލައްކައަކަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިއަ ބުރާސްފަތިދުވަހު ލައްކައެއް ހުރަސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް 102،107 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެކަމަކު މިއީ ކޮވިޑްގެ ނުރައްކާ ދުނިޔެއަށް ފެތުރުމުގެ ކުރިން މިދިއަ އަހަރުގެ ޖެނުއަރީއާ އަޅާބަލާ އިރު 47.3 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 193،697 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީި މަހުގެ ނިޔަލަށް ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ. ނަމަވެސް މާޗު މަހުން ފެށިގެން ކޮވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރުމުން ޓޫރިޒަމަށް ބޮޑު ލޮޅުމެއް އެރި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ، ކޮވިޑުގެ ތެރޭގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މަންޒިލް ކަމަށް ވާ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 22،178 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ދެވަނައިގައި އޮތް އަވަށްޓެރި އިންޑިއާއިން އައީ 20،027 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެވިދާނެ އެވެ. ރާއްޖޭގެ އެންމެނަށް ވެކްސިން ޖަހާ ނިމިއްޖެ ނަމަ 2019ގެ ހުރިހާ ޓޫރިސްޓު ރެކޯޑެއް މުގުރާލެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑް ލައްވާލުމުގެ ކުރިން 2019 ތާރީހަށް ވަނީ ޓޫރިޒަމްގައި ރާއްޖެ ދުށް އެންމެ ކާމިޔާބު އަހަރުގެ ގޮތުގަ އެވެ. އެ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އަ އެވެ. އެއީ އަހަރެއްގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އެރި ފުރަތަމަ ފަހަރު ވެސް މެ އެވެ.