ފިއޮރެންޓީނާ ބަލިކޮށް އިންޓަ އެއް ވަނަ އަށް
ފިއޮރެންޓީނާ ބަލިކޮށް އިންޓަ އެއް ވަނަ އަށް

މިލާން (ފެބްރުއަރީ 6) - އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އަތުން 2-0 އިން މޮޅުވެ އިންޓަ މިލާން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އިންޓަ އެއް ވަނަ އަށް އެރީ 21 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން އެއް ވަނައިގައި އޮތް އޭސީ މިލާން ދެ ވަނައިގައި އޮތީ 20 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ކްރޮޓޯނޭ އަތުން މޮޅުވެގެން މިލާނަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ތިން ވަނައިގައި އޮތް ރޯމާ އަށް 20 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 19 މެޗުން 39 ޕޮއިންޓާ އެކު އެވެ.

ފިއޮރެންޓީނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި އިންޓަ އަށް ލީޑުނަގައިދިނީ މެޗުގެ 31 ވަނަ މިނިޓްގައި އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެވެ. އިންޓަ އިން ދެ ވަނަ ގޯލު ޖެހީ ދެ ވަަނަ ހާފްގަ އެވެ. އަޝްރަފް ހަކީމީ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ އިވާން ޕެރިސިޗް އެވެ.

އިތުރު ގޯލުތަކެއް ޖަަހަން އިންޓަގެ ޕެރިސިޗާއި ހަކީމީ އަދި ލަޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅަތައް ހުއްޓުވީ ފިއޮރެންޓީނާ ގޯލުގައި ހުރި ޕޮލެންޑުގެ ކީޕަރު ބާޓްލޮމިއޭ ޑްރަގޯސްކީ އެވެ. ފިއޮރެންޓީނާގެ ހަމަލާތައް ހުއްޓުވަން އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިއީ ލީގު މެޗެއްގައި ފިއޮރެންޓީނާ ދަނޑުގައި އިންޓަ އިން މިދިޔަ ހަތް އަހަރު ތެރޭ މޮޅުވި ފުރަތަމަ ފަހަރެވެ.

އިންޓަ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ޔުވެންޓަސްއާ ދެކޮޅަށެވެ. އޭގެ ފަހުން ލީގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުމަށް ފަހު މިލާނާ ބައްދަލުކުރާނީ މި މަހު 21 ވަނަ ދުވަހު އެވެ.