ނިކަރާގުއާގެ ރައީސް އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ނައިބް ރައީސަކަށް އަނބިކަނބަލުން
ނިކަރާގުއާގެ ރައީސް އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ނައިބް ރައީސަކަށް އަނބިކަނބަލުން

މަނަގުއާ (ނޮވެމްބަރު 8) - ނިކަރާގުއާގެ ރައީސްކަމުގެ މަގާމު ޖެހިޖެހިގެން ތިން ވަނަ ދައުރު ޑެނިއަލް އޮރްޓެގާ މި ފަހަރު ކާމިޔާބު ކުރެއްވިއިރު ނައިބް ރައީސަކަށް ހައްދަވާފައި ވަނީ އަނބިކަނބަލުން ރޮސާރިއޯ މުރިއްލޯ އެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިޚާބު 72.5 ޕަސެންޓުން އޮރްޓެގާ ކާމިޔާބު ކުރެއްވިއިރު އިދިކޮޅު ސެންޓަ-ރައިޓް ކެންޑިޑޭޓް މެކްސިމިނޯ ރޮޑްރިގޭޒް އަށް ލިބިވަޑައިގެންނެވީ 14.2 ޕަސެންޓެވެ.

މުރިއްލޯ އަކީ ކުރިން ވެސް ސަރުކާރުގެ ތެރޭގައި ވަރަށް ނުފޫޒުގަދަ ފަރާތެކެވެ. ސަރުކާރުން ނިންމާ ބޮޑެތި ކަންތައްތަކުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން އޮރްޓެގާ އިސްތިއުފާ ދެއްވައިފި ނަމަ ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު މިހާރު އެވަނީ އަނބިކަނބަލުން މުރިއްލޯ އަށް ފަހިވެފަ އެވެ.

ނިކަރާގުއާގައި ބޭއްވި އިންތިޚާބާ މެދު އެމެރިކާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މާކް ޓޯނާ ވިދާޅުވީ ވޯޓުލުމުގައި މަކަރު ހަދާފައިވާ ކަމަށާއި އެއީ އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓުންނަށް ފުރުސަތު ނުދިން އިރު އިންތިޚާބު މޮނިޓާ ކުރަން ވެެސް ފުރުސަތު ދީފައި ވަނީ ވަރަށް ކުޑަކޮށް ކަމަށް ވިދާޅުވި އެވެ. ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ދައުވަތު ނުދީ އިންތިޚާބު ބޭއްވުމަކީ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ވެސް އިދިކޮޅު ކޯލީޝަން، ބްރޯޑް ފްރަންޓް ފޯ ޑިމޮކްރެސީ (އެފްއޭޑީ) އިން ބުނެފައި ވަނީ އިންތިޚާބުގައި މަކަރުހަދާ އޮޅުވާލާފައިވާ ކަމަށެވެ. އިންތިޚާބު ބޮއިކޮޓްކޮށްފައިވާ އެފްއޭޑީން ބުނީ 70 ޕަސެންޓް މީހުން ވޯޓުލާން ނުނިކުންނަ ކަމަށެވެ. ނަމަވެސް އިންތިޚާބާ ބެހޭ ކޮމިޝަނުން ބުނެފައި ވަނީ 65.8 ޕަސެންޓް މީހުން ވޯޓުލާން ނުކުތް ކަމަށެވެ.

އުމުރުން 70 އަހަރުގެ އޮރްޓެގާ އެންމެ ފުރަތަމަ ނިކަރާގުއާގެ ރައީސްކަން ހޯއްދެވީ 1984 ވަނަ އަހަރު އެވެ. ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އަދި ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވީ 2011 ވަނަ އަހަރު އެވެ. މި އަހަރު އެވަނީ ހަތަރު ވަނަ ދައުރަކަށް ހޮވިވަޑައިގެން، ޖެހިޖެހިގެން ތިން ދައުރަށް ހޮވިވަޑައިގެންފަ އެވެ.