އިންޑިއާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ދަށަށް، ކީއްވެ؟
އިންޑިއާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ދަށަށް، ކީއްވެ؟

ނިއު ދިއްލީ (ފެބްރުއަރީ 6) - އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އަކީ ކޮވިޑް ޖެހުނު މީހުން ދެ ވަނަ އަށް އެންމެ ގިނަ ގައުމެވެ. މިހާތަނަށް 10.8 މިލިއަން މީހުން ޕޮޒިޓިވްވެ 154,956 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ދަށަށް، ކީއްވެ؟
އިންޑިއާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ދަށަށް، ކީއްވެ؟

އެކަމަކު ވޭތުވެދިޔަ ހަފުތާތަކުގައި އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެންމެ ފަހުން އިއްޔެ 11,689 މީހުން ޕޮޒިޓިވްވެފައިވާ އިރު މަރުވެފައި ވަނީ 94 މީހުންނެވެ. މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވެފައި ވަނީ 8،635 މީހުންނެވެ. އިންޑިއާގައި ކޮވިޑް ޕީކަށް ދިޔަ އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދުވާލަކު 100،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ދަށަށް، ކީއްވެ؟
އިންޑިއާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ދަށަށް، ކީއްވެ؟

އެންމެ ފަހުން މި ހަފުތާގެ އަދަދުތަކަށް ބަލާއިރު އެއީ ވޭތުވެދިޔަ އަށް މަސް ދުވަސްތެރޭ ދުވާލަކު ޕޮޒިޓިވްވާ ރޭޓް އެންމެ ދަށަށް ދިޔަ ދުވަސްތަކެވެ. އަދި މަރުވާ ރޭޓް ވެސް ވަނީ މެއި މަހަށް ފަހު ފުރަތަމަ ފަހަރަށް 100 އިން ދަށްވެފަ އެވެ.

ކޮވިޑުގެ ފުރަތަމަ ކޭސް އިންޑިއާ އިން ރިޕޯޓްކޮށްފައި ވަނީ ޖެނުއަރީ 30، 2020 ގަ އެވެ. ކޮވިޑުގައި އިންޑިއާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައި ވަނީ މާޗު މަހު މެދުތެރޭގަ އެވެ. ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި 20 ގައުމަށް ބެލި ނަމަވެސް އެންމެ މަދުން މީހުން މަރުވެފައި ވަނީ އިންޑިއާ އިންނެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި އިންޑިއާ އިން ކޮވިޑް ޖެހިގެން ރިޕޯޓްކުރި އަދަދަށް ވުރެ އަސްލު އަދަދު މާ މަތިވާނެ އެވެ. އެކަމަަށް ބާރު ލިބެނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހަދަމުންދާ އެންޓިބޮޑީސް ސާވޭތަކުންނެވެ.

ޑިސެމްބަރުން ޖެނުއަރީ އަށް ކުރިއަށް ގެންދިޔަ އާބަން އަދި ރޫރަލް އޭރިޔާތަކާއި ސިއްހީ ޚިދުމަތްތެރިންގެ ރަސްމީ ސާވޭއަކުން ދައްކާފައިވާ ގޮތުގައި 21.5 ޕަސެންޓް ނުވަތަ 280 މިލިއަން މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ވަނީ އުފެދިފަ އެވެ. އިންޑިއާގައި އެންމެ ބޮޑަށް ބަލި ފެތުރުނު ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ނެގި 28،000 ސާމްޕަލްގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންގެ އެންޓިބޮޑީސް ހުރި ކަމަށް ސީރޮލޮޖިކަލް ޑޭޓާ އިން ދައްކާފައިވެ އެވެ.

އިންޑިއާގައި ފެތުރިފައިވާ ބައިބޯ އާބާދީގައި ކޮރޯނާވައިރަސް ފަސޭހައިން ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރު ތަޖްރިބާކާރުން ދީފައިވެ އެވެ. އިންޑިއާގެ ގިނަ ހިސާބުތަކުގައި ސާފުތާހިރުކަން ދަށްވުމާއި ބަލި ހަލުވިކަމާ އެކު ފެތުރިގެންފި ނަމަ ސިއްހީ ނިޒާމަށް އޮބިނޯންނާނެކަމުގެ އިންޒާރުތައް ވެސް ދީފައިވެ އެވެ. އެހެންވެ ސަރުކާރުން، ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށް މާޗު މަހު ވަނީ ގައުމު ލޮކްޑައުންކޮށްފަ އެވެ. ގިނަ ސްޓޭޓްތަކުގައި ވަނީ މާސްކް މަޖްބޫރުކޮށްފަ އެވެ.

އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ގޮތުން ޖޫން މަހުން ފެށިގެން އިންޑިއާ އިން ވަނީ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފަ އެވެ.

ގުޖުރާތު، އުއްތަރަ ޕްރަދޭޝް އަދި އަންދުރަ ޕްރަދޭޝް އާއި ވެރިރަށް ނިއު ދިއްލީ އަދި މުމްބާއީ ( މި ހުރިހާ ސިޓީތަކެއްގެ އާބާދީ 330 މިލިއަން) ގެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލްތަކުގައި ކޭސްތައް ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ދިއްލީގައި ކޮވިޑަށް ޚާއްސަ ކުރި އެނދުތަކުގެ 90 ޕަސެންޓް މިހާރު ހުރީ ހުސްކޮށެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް ދަށަށް ދިޔަ ސަބަބު، ފުރިހަމަ ޑޭޓާގެ އަލީގައި ނޫނީ ބުނުމަކީ އުނދަގޫ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އިންޑިއާގައި ހާޑް އިމިއުނިޓީ (ގައިން ގަޔަށް އަރާ ބައްޔެއްގައި އާބާދީގެ ބޮޑު ބައެއް އެ ބައްޔަކަށް އިމިއުންވުން) އުފެދިފައިވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެ އެވެ.

އަނެއްކޮޅުން އިންޑިއާގައި ވަނީ ވެކްސިން ދިނުން ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. އަމާޒުކޮށްފައި ވަނީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އިންޑިއާ އިން ވަނީ ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން ވެކްސިން ދޭން ފަށައިފަ އެވެ.