06 ފެބުރުއަރީ 2021 - 09:58

މިއުނިކް (ފެބްރުއަރީ 6) - ލިވަޕޫލާއި އާރްބީ ލައިޕްޒިގު ބައްދަލުކުރާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގު، ކޮވިޑް-19ގެ ޕްރޮޓޮކޯލްތަކާ ހެދި ޖަރުމަނުގައި ކުޅެވޭނެ ގޮތެއް ނުވުމުން އެ މެޗު ހަންގޭރީގެ ބުޑަޕެސްޓުގައި ބާއްވަން މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮވިޑް-19ގެ އާ ވޭރިއަންޓުގެ ނުރައްކާ ޔޫރަޕްގައި ބޮޑުވެ ޖަރުމަނު ސަރުކާރުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނޭ ގޮތަށް އެކި ގައުމުތަކުން އަންނަ މީހުންނަށް ޖަރުމަނަށް އެތެރެނުވެވޭ ގޮތަށް އުސޫލުތައް ކަނޑައެޅި އެވެ. މިއާ އެކު މި މަހު 16 ވަނަ ދުވަހު ޖަރުމަނުގައި ލައިޕްޒިގާއި ލިވަޕޫލް ކުޅެން އޮތް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ޖަރުމަނުގައި ނުކުޅެވޭނެ އެވެ. ޖަރުމަނުގެ ސަރުކާރުން ވަނީ އެކަން ލައިޕްޒިގުގެ އޮފިޝަލުންނަށް އަންގައިފަ އެވެ.
ޔުއެފާ އިން ލައިޕްޒިގަށް އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ކުރިން މެޗު ކުޅެން ނިއުޓްރަލް ދަނޑެއް ހޯދުމަށެވެ. އެހެން ނޫން ނަމަ ލިވަޕޫލް 3-0 އިން ފުރަތަމަ ލެގުން މޮޅުވީ ކަމަށް ނިންމަން ޖެހިދާނެ ކަމަށް ޔުއެފާ އިން ވަނީ ލައިޕްޒިގަށް އަންގައިފަ އެވެ. ލައިޕްޒިގާއި ލިވަޕޫލުން ބޭނުންނަމަ ފުރަތަމަ ލެގު މި މަހު 16 ގައި ލިވަޕޫލް ދަނޑުގައި ކުޅެފައި ދެ ވަނަ ލެގު އަންނަ މަހު 10 ވަނަ ދުވަހު ލައިޕްޒިގު ދަނޑުގައި ކުޅެވިދާނެ އެވެ. އެކަމަކު އެ ގޮތަށް ލިވަޕޫލުން އެއްބަހެއް ނުވެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލައިޕްޒިގުން އަންނަނީ އެ ޓީމުގެ ހޯމް މެޗު ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައި ކުޅެން މަޝްވަރާކުރަމުންނެވެ. ހަންގޭރީ ފުޓްބޯޅަ އެސޯސިއޭޝަންގެ ތަރުޖަމާނު ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ލައިޕްޒިގުން ބޭނުންނަމަ އެ ޓީމުގެ ހޯމް މެޗު ހަންގޭރީގައި ކުރިއަށްގެންދެވިދާނެ ކަމަށެވެ.
ލައިޕްޒިގާއި ލިވަޕޫލުން ރުހޭނަމަ ދެ ލެގުގެ ބަދަލުގައި އެއް މެޗު ވެސް ކުޅެވޭނެކަން ޔުއެފާ އިން ވަނީ އަންގައިފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ އުއްމީދަކީ އެންމެ ފުރަތަމަ ވެސް ރޭވުނު ގޮތަށް ދެ ޓީމުގެ ދަނޑުގައި ދެ ލެގު ކުޅެވޭ ގޮތްވުން ކަމަށާއި އެކަމަށް ވީ އެންމެ އަވަހަށް ހައްލެއް ބޭނުންވާ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ ކުޅޭނީ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށެވެ. މުންޗެންގްލަޑްބެކް ދަނޑުގައި ކުޅެން އޮތް މެޗު އޮތީ މި މަހު 24 ވަނަ ދުވަހު އެވެ. އެ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ ޖަރުމަނު ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މަހު 17 ވަނަ ދުވަހު ބަދަލުތަކެއް ގެންނަން ނިންމާފައިވާތީ އެވެ.