ސުންނަތް ދެނެގަންނައިރު ސަމާލުވާން ޖެހޭ މައިގަނޑު އުޞޫލުތައް
ސުންނަތް ދެނެގަންނައިރު ސަމާލުވާން ޖެހޭ މައިގަނޑު އުޞޫލުތައް

ކީރިތި ނަބިއްޔާ ﷺ ގެ މާތް ސުންނަތަކީ މުސްލިމުންގެ ދިރިއުޅުމުގެ ދުސްތޫރުގެ ދެވަނަ މަޞްދަރެވެ. މި މަޞްދަރު އަހަރެމެންނާ ހަމައަށް އައިސްފައިވާ ގޮތަށް ބަލާއިރު އޭގެ ޞައްޙަ ކަމާމެދު ޝައްކު އުފެދެން ނުވަތަ ޞައްޙަ ގޮތުގައި އެ ދޭހަ ނުވެ ދިއުމަށް ތިން ބާވަތެއްގެ ގޮންޖެހުމަކާ ކުރިމަތިވެ އެވެ. އެއީ މަގުން އެއްކިބާވެފައިވާ މީހުން ގެންނަ ބަދަލުކުރުންތަކާއި، ބާޠިލު ގޮތުގައި ތިބޭ މީހުން ކުރާ ދޮގު ދަޢުވާތަކާއި، ޖާހިލުންގެ ތައުވީލު ކުރުން ތަކެވެ.

ސުންނަތް ދެނެގަންނަ އިރު މިފަދަ ގޮންޖެހުމެއް ކުރިމަތިވެއްޖެ ނަމަ ޙަދީޘްފުޅުތަކުގެ އަލީގައި ދީން ފަހުމް ކުރުމުގައި މައްސަލަތައް ދިމާވެ އެވެ. މިގޮތުން ބައެއް ފަހަރު ޞައްޙަ ނޫން ޙަދީޘްތައް ބޭނުން ކުރެވެ އެވެ. އަނެއްބައި ފަހަރު ދޮގު ދަޢުވާތައް ތެދެއް ކަމަށް ބަލައިގަނެވެ އެވެ. އަދި އެންމެ ބޮޑު މައްސަލައަކީ ސައްހަ ގޮތުގައި ސުންނަތް ފަހުމް ނުވުމުގެ މައްސަލަ އެވެ. މިފަދަ މައްސަލަތަކުން ސަލާމަތް ވުމަށްޓަކައި ތަބާވާން ޖެހޭ ވަރަށް މުހިންމު ތިން އުޞޫލެއް އިސްލާމީ ޢިލްމުވެރިން ފާހަގަ ކުރައްވާފައިވެ އެވެ.

މިގޮތުން ފުރަތަމަ އުޞޫލަކީ، ސުންނަތުގައި ހިމެނޭ ކޮންމެ ނައްޞެއްގެ ވެސް ކަށަވަރުކަން ސާބިތު ކުރުމަށްޓަކައި ޙަދީޘް ޢިލްމުވެރިން ކަނޑައަޅުއްވަވާފައިވާ މިންގަނޑުތަކުގެ އަލީގައި އޭގެ ސާބިތުކަމާއި ޞައްޙަކަން ކަށަވަރު ކުރުމެވެ. ސުންނަތުގެ އެ ނައްޞަކީ، ސީދާ ކީރިތިރަސޫލާ ﷺ ގެ ބަސްފުޅެއް (އެބަހީ ޙަދީޘްފުޅެއް) ކަމުގައިވިއަސް، ނުވަތަ އެކަލޭގެފާނުގެ ޢަމަލުފުޅެއް ބަޔާންކޮށްދިނުން ކަމުގައިވިއަސް، ނުވަތަ އެކަލޭގެފާނުގެ ތަޤުރީރެއް (އެބަހީ އެއްބަސްވެވަޑައިގަތުމެއް ނުވަތަ އިންކާރު ނުކުރެއްވުމެއް) ބަޔާންކޮށްދިނުން ކަމުގައި ވިއަސް މި ދެންނެވި މިންގަނޑުތަކަށް ފެތޭތޯ ބަލަންވާނެ އެވެ.

މިގޮތުން އެއް ކަމަކީ، ސަނަދުގެ ޞައްޙަކަން ކަށަވަރު ކުރުމެވެ. ސަނަދަކީ ޙަދީޘް ރިވާ ކުރައްވާ ރާވީންގެ ސިލްސިލާ އެވެ. މީގެ ޞައްޙަކަން ކަށަވަރު ކުރާނީ ކީރިތި ރަސޫލާ ﷺ އާ ހަމައިން ފެށިގެން އަހަރެމެންނާ ހަމައަށް (އަނގަބަހުން ވިއަސް އަދި ލިޔުމުން ވިއަސް) ވާސިލު ވުމުގައި އެއް ޖީލުން އަނެއް ޖީލަށް މެދުކެނޑުމެއް ނެތި އެ ނައްޞެއް ރިވާކުރަން ޢަދުލުވެރި ފަރުވާތެރި ރާވީންތަކެއް ތިބިތޯ އެންމެ ފުރަތަމަ ބަލައިގެންނެވެ. ދެން އެއަށް ފަހު މި ރާވީންގެ ސީރަތާއި އެބޭކަލުންގެ އަދުލުވެރިކަމާއި ފަރުވާތެރިކަން ހުރި މިންވަރު ދެނެގަނެގެންނެވެ. މިކަމަށްޓަކައި އިސްލާމީ ޢިލްމުވެރިން ވަނީ ވަރަށް މުހިންމު ޢިލްމުތަކެއް އުފައްދާފަ އެވެ. އެއް ޢިލްމަކީ ރާވީންގެ ސިޔަރަތު ބަޔާންކުރާ ޢިލްމު ކަމުގައިވާ އެބޭކަލުންގެ ތަރުޖަމާ ތަކެވެ. ދެވަނަ ޢިލްމަކީ އެބޭކަލުންގެ އަދުލުވެރިކަމާއި ފަރުވާތެރިކަން ބަޔާންކުރާ ޖަރަޙް އާއި ތަޢުދީލްގެ ޢިލްމެވެ. ޖަރަޙްގެ ލަފުޒީ މާނައަކީ ޒަޚަމް ކޮށްލުމެވެ. ތަޢުދީލުގެ ލަފުޒީ މާނަ އަކީ ޢަދުލުވެރިޔަކަށް ހެދުމެވެ. ވީމާ ޖަރަޙް އާއި ތަޢުދީލުގެ ޢިލްމު ވެގެންދާނީ ޢަދުލުވެރި ނޫނިއްޔާ ނުވަތަ ފަރުވާތެރި ނޫނިއްޔާ ޖެހިލުމަކާ ނުލައި އެ ރާވީ އަކު "ޒަޚަމް" ކޮށްލާ ޢިލްމަކަށެވެ. ހަމައެއާ އެކު ޢަދުލުވެރި އަދި ފަރުވާތެރި ނަމަ ޚުޝާމަދު ކުރުމަކާ ނުލައި ސީދާ ހަގީގަތަށް އެވާހަކަ ބަޔާންކުރާ ޢިލްމަކަށެވެ.

މި ދެންނެވި ޢިލްމުތަކުގެ އެހީގައި ސުންނަތުގެ ހުރިހާ ނައްޞުތައް ނުވަތަ ޙަދީޘްތައް ބައިބަޔަށް އަޅައި އެބަޔަކާ ގުޅޭ ގޮތަށް ނަންދެވިފައި ހުރެ އެވެ. ޙަދީޘްގެ މުޞްޠަލަޙު (ޓާމިނޮލޮޖީ) ގެ ޢިލްމު ފޮތްތަކުގައި މީގެ ތަފްސީލު ބަޔާންވެގެން ވެ އެވެ. މިގޮތުން ޞައްޙަ ޙަދީޘް އާއި ޞައްޙަނޫން ޙަދީޘް ވަކިކޮށްލަ އެވެ. އަދި ޞައްޙަ ޙަދީޘްތައް ވެސް އޭގެ ޞައްޙަ ކަމުގެ ދަރަޖަ ބަޔާން ކޮށްދިނުމަށްޓަކައި ތަފާތު ބައިބަޔަށް ބަހާލަ އެވެ. ވީމާ މި ޢިލްމުތަކަށް ރުޖޫޢަވެ ކޮންމެ ޙަދީޘެއް ވެސް ދިރާސާކޮށްލުމުން ޙަދީޘްގެ ސައްހަކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވޭނެ އެވެ. އަދި ޞައްޙަކަމުގެ ދަރަޖަ އަކީ ކޮބައިކަން އެނގޭނެ އެވެ.

މީގެ އިތުރުން ވެސް ހަދީޘްގެ ސައްހަކަން ކަށަވަރު ކުރުމަށް އެހެން މިންގަނޑެއް ވެ އެވެ. އެއީ އެ ޙަދީޘެއްގައި ބަޔާންކުރެވިފައިވާ ކަމެއް ދީނުގެ މައިގަނޑު މަޤުޞަދުތަކާއި އުޞޫލުތަކާ ނުވަތަ ޞައްޙަކަން ކަށަވަރު ކުރެވިފައިވާ އެހެން ނައްޞަކާ ކަނޑައެޅިގެން ފުށުއަރާތޯ ބެލުމެވެ. އެބަހީ ޙަދީޘްގެ މަތުނު (އޭގައި ބަޔާންކުރެވިފައިވާ ވާހަކަ) ޗެކު ކުރުމެވެ. މިގޮތުން މިދެންނެވި ކަހަލަ ފުށުއެރުމެއް ނެތް ކަމަށްވާ ނަމަ ޙަދީޘްގެ ޞައްޙަކަން އެ ކަށަވަރު ކުރެވުނީ އެވެ.

ސުންނަތް ދެނެގަތުމުގައި ގެންގުޅެން ޖެހޭ ދެވަނަ އުޞޫލަކީ، ޙަދީޘްތަކުގެ ނަޢްޞު ރަނގަޅަށް ދޭހަވުމެވެ. މިގޮތުން ރަނގަޅަށް ދޭހަވުމަށްޓަކައި ލަފުޒުތަކުގެ ޞައްޙަ މާނަތައް ދެނެގަންނަން ޖެހެ އެވެ. އިބާރާތް އަތުރާ ގޮތްތައް އެނގެން ޖެހެ އެވެ. އެ ނައްޞެއްގައި ބުނާ އެއްޗެއް ބުނަމުންގެންދެވޭ ގޮތަށް (އެބަހީ އޭގެ ސިޔާޤު ނުވަތަ ކޮންޓެކްސްޓް) އަށް ބަލަން ޖެހެ އެވެ. ޙަދީޘް ރިވާކުރެއްވުނު ސަބަބަށް ބަލަން ޖެހެ އެވެ. ޤުރްއާނާއި ސުންނަތުގެ އެހެން ނައްޞުތަކާއި، ދީނުގެ މައިގަނޑު އުޞޫލުތަކާއި، ދީނުގެ މައިގަނޑު މަޤުޞަދުތަކާ މި ނައްޞާ ހުންނަ ގުޅުންތައް ދެނެގަންނަން ޖެހެ އެވެ. ނައްޞުގައި ހިމެނޭ ކަމަކީ ތަޝްރީޢު ކުރުމުގެ ގޮތުން (އެބަހީ ޝަރުޢީ ޙުކުމެއްގެ ގޮތުގައި) އައިސްފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ބަލަން ޖެހެ އެވެ. ނައްޞަކީ ޢާންމު އެއްޗެއްތޯ ނުވަތަ ޚާއްޞަ އެއްޗެއްތޯ ބަލަން ޖެހެ އެވެ. އެއީ މަންސޫޚުވެފައިވާ އެއްޗެއްތޯ ނުވަތަ ނޫންތޯ ޗެކު ކުރަން ޖެހެ އެވެ. މިފަދަ އެތައް ކަމަކަށް ބަލައި ސަމާލުކަން ދީގެން މެނުވީ ނައްޞުގައި ބުނާއެއްޗެއް އެންމެ ޞައްޙަ ގޮތުގައި ދޭހަ ނުކުރެވޭނެ އެވެ. ހަމައެކަނި ޢަރަބި ބަހުގެ މާނަ އެނގިލައިގެން ނުފުދޭނެ އެވެ. ވީމާ މިދެންނެވި ފަދަ ކަންކަމަށް ނުބަލައި ޙަދީޘް މާނަކޮށްފިނަމަ ޙަދީޘްފުޅުތަކުގެ ހަގީގީ މާނަ އޮޅި ވަރަށް ނުރައްކާތެރި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ސުންނަތް ދެނެގަތުމުގައި ގެންގުޅެން ޖެހޭ ތިންވަނަ އުޞޫލަކީ، ސަނަދުގެ ގޮތުންނާއި މަތުނުގެ ގޮތުން ޞައްޙަކަމަށް ބެލެވުނު މި ނައްޞާ ތަޢާރުޒުވާ ވަރުގަދަ އެހެން ނައްޞެއް ނެތްކަން ކަށަވަރު ކުރުމެވެ. މިގޮތުން ކީރިތި ޤުރުއާނުގެ ނައްޞެއް ނުވަތަ ސަނަދާއި މަތުނުގެ ގޮތުން ޞައްޙަކަން ބޮޑު ނުވަތަ ރިވާޔަތްތަކުގެ ޢަދަދު ގިނަ އެހެން ނައްޞެއް ނެތްކަން ކަށަވަރު ކުރަން ޖެހެ އެވެ. އަދި އިސްލާމީ މައިގަނޑު އުޞޫލުތަކާއި ތަޝްރީޢު ކުރުމުގެ ޙިކުމަތާއި އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤުޞަދުތަކަށް ބަލާއިރު މި ނައްޞަށް ވުރެ ބޮޑަށް ގުޅޭ ނުވަތަ ގާތްކަންބޮޑު އެހެން ނައްޞެއް ނެތްކަން ކަށަވަރު ކުރަންވާނެ އެވެ. މިފަދަ ނައްޞެއް އޮވެއްޖެ ނަމަ ޞައްޙަ ކަމުގެ ގޮތުން އިސްކަން ދޭންވާނީ މިފަދަ ނައްޞަށެވެ.

މި އިޝާރާތް ކުރި ތިން އުޞޫލަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތް ދެނެގަނެ އެއިން ޙުކުމްތައް ނެގުމުގައި ހިފަހައްޓަން ޖެހޭ ވަރަށް މުހިންމު އަސާސީ ތިން އުޞޫލެވެ. ސުންނަތް ދެނެގަންނަ އިރު މި ތިން އުޞޫލަށް އަބަދުވެސް ތަބާވާން ޖެހޭނެ އެވެ. ނުވަތަ ތިމާ ކޮޕީ ކުރާ ޢިލްމުވެރިން މިކަންކަމަށް ތަބާވެފައި ވޭތޯ ބަލަން ވީ ވަރަކުން މަސައްކަތް ކުރަން ޖެހޭނެ އެވެ. ސުންނަތް ދޭހަވުމުގައި އުފެދޭ އިޚްތިލާފުތައް ކުޑަވެގެންދާނީ އޭރުންނެވެ. އަދި އިޚްތިލާފު އުފެދުނަސް ދެކޮޅުވެރިކަމެއް ނެތި ހުރިހާ ރައުޔުތަކަށް އިޙުތިރާމް ކޮށްގެން އުޅެން ދަސްވާނީ އޭރުންނެވެ.