05 ފެބުރުއަރީ 2021 - 20:09

ކޮވިޑް-19 އަށް ވެކްސިން ޖަހަން ދާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު އެ މަންޒަރު ފެނިފައި އުއްމީދު އިހުސާސްކުރެއްވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެ އެވެ.
ވެކްސިން ޖަހަން ސޯޝަލް ސެންޓަރުގައި މީހުން މަޑުކޮށްގެން ތިބި ތަން ފެންނަ ފޮޓޯއެއް ޓްވީޓުކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ރައްކާތެރިވުމުގެ އާދަތަކުގައި ހިފަހައްޓައި ވެކްސިން ޕްރޮގްރާމަށް އެއްބާރުލުން ދޭ ނަމަ ބަލިމަޑުކަން ނިމުން އޮތީ މާ ދުރަކު ނޫނެވެ.
ވެކްސިން ޖަހަން ރަޖިސްޓްރީކުރަން ވެބްސައިޓެއް ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ރަޖިސްޓްރީ ނުވެ ތިބި 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން މާލޭގައި އިއްޔެ ފަށައި މިއަދު ހަވީރު ވެސް ވެކްސިން ޖަހައިދިނެވެ.
ވެކްސިން ޖަހަން ރަޖިސްޓްރީވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބާރު އަޅަ އެވެ.
ރާއްޖޭގައި ކޮވިޑަށް ވެކްސިން ޖަހަން ފެށީ މިދިޔަ ހޯމަދުވަހު އެވެ. އިއްޔެގެ ނިޔަލަށް 3،204 މީހުންނަށް ވަނީ ވެކްސިން ޖަހައިފަ އެވެ.
މާލެ ސަރަހައްދުގެ ހަ މަރުކަޒެއްގަ އާއި ހަ އަތޮޅެއްގައި މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.