05 ފެބުރުއަރީ 2021 - 11:52

ހުޅުމާލޭގައި އަލަށް އަޅާ، އަގު ހެޔޮ 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ކަމަށާއި އެ މަސައްކަތް ދެ އަހަރު ބައިން ނިމޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެފޯޑަބްލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވި އެވެ. މި ހައުސިން ޔުނިޓްތަކަކީ ކުރިން ތަރައްގީކޮށްފައިވާ ގިންތީގެ ހައުސިން ޔުނިޓްތަކާ އަޅާބަލާއިރު ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގު ހެޔޮ ޔުނިޓްތަކަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2،000 ހައުސިން ޔުނިޓްގެ މަސައްކަތު އެއްބަސްވުމުގައި އެންބީސީސީ އާއި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ދެމެދު މި މަހުގެ ދެ ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރާ ގޮތަށެވެ. އަދި މި މަޝްރޫއުގެ 85-100 ޕަސެންޓް ފައިނޭންސްކުރާނީ ކޮންޓްރެކްޓަރު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ޕްރޮޖެކްޓުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ.
މި 2،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާޚާނާގެ 1،400 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާޚާނާގެ 600 ޔުނިޓެވެ.
މި މަސައްކަތް 900 ދުވަސް (2.4 އަހަރު) ތެރޭ ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މަސައްކަތާ ހަވާލުވި އެންބީސީސީ އަކީ އިންޑިއާ ސަރުކާރުން 1960 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން 2018 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށް ވުރެ ގިނަ ކޮންސޮލިޑޭޓެޑް ރެވެނިއު ހޯދާފައިވެ އެވެ. ހައި ކޮމިޝަނުން ބުނި ގޮތުގައި މިއީ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އަދި އީ.ޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ހުނަރު ވަރުގަދަ ކުންފުންޏެކެވެ.
ރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތުގައި ވެސް މި ކުންފުނި ހިއްސާވެ އެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ވެސް މި ކުންފުނިން މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މޮރިޝަސްގެ ޕޯޓް ލުއިސް ގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރު ހިމެނެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިހާރު ހަދައި ނިންމާފައިވާ 7،000 ފްލެޓް ލިބޭ މީހުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަަވަހަށް ފަށާނެ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.