05 ފެބުރުއަރީ 2021 - 09:19

ލަންޑަން (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން މޮޅުވެ، ޗެލްސީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު ޗެލްސީ އޮތީ ނުވަ ވަަނައިގަ އެވެ. މުހިއްމު ތިން ޕޮއިންޓް ހޯދައި ޗެލްސީ ހަ ވަނަ އަށް ޖެހިލީ 22 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ހަތް ވަނައިގައި އޮތް އެވަޓަންއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. އެވަޓަން އިން 36 ޕޮއިންޓް ހަމަކޮށްފައިވަނީ 20 މެޗުންނެވެ. ރޭގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ އަށް ވަނައިގަ އެވެ. އެ ޓީމަށް 21 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.
ޓޮޓެންހަމް ކޮޅަށް ޗެލްސީގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 24 މިނިޓްގައި ޖޯޖީނިއޯ އެވެ. މިއީ ޓޮޓެންހަމްގެ އެރިކް ޑަޔާ، އެ ޓީމުގެ އޭރިއާތެރެއިން ޗެލްސީގެ ޓިމޯ ވާނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ޖޯޖީނިއޯ ކާމިޔާބުކުރި ގޯލެކެވެ. ލީޑުފުޅާކުރަން ޗެލްސީގެ ވާނާ އާއި މޭސަން މައުންޓް އަދި މަޓެއޯ ކޮވަޗިޗް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ އެއް ވަނަ ފޯވާޑް ހެރީ ކޭން ނުލައި ކުޅުނު މި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ފަހު ކޮޅުގައި ބްރެޒިލްގެ ފޯވާޑް ކާލޮސް ވިނީޝިއުސް އަށެވެ. ސާޖް އޯރިއޭ ނަގައިދިން ހުރަހަކުން ވިނީޝިއުސް ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ކުރިން އެރިކް ލަމޭލާ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.
ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ތިން މެޗުގައި ވެސް ޗެލްސީ ކޮޅަށް ގޯލެއް ނުވަދެ އެވެ. ޗެލްސީ އަށް ކޯޗުކޮށްދިން ފުރަތަމަ ތިން މެޗުގައި މީގެ ކުރިން އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ ނިމިފައިވަނީ މީގެ 17 އަހަރު ކުރިން ހޯސޭ މޮރީނިއޯ އެ ޓީމާ އެންމެ ފުރަތަމަ ހަވާލުވިއިރު އެވެ.
މިއީ ލީގުގައި ޓޮޓެންހަމް ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ. އަދި މޮރީނިއޯގެ ކޯޗިން ކެރިއަރުގައި އޭނާ ހަވާލުވެ ހުރި ޓީމެއް ލީގުގައި އަމިއްލަ ދަނޑު ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ ކުރިން މިދިޔަ ހަފްތާގައި ލިވަޕޫލް ވެސް ވަނީ ޓޮޓެންހަމް ދަނޑުގައި މޮޅުވެފަ އެވެ. މޮރީނިއޯ ވަނީ ރޭގެ މެޗުގެ ރެފްރީ އަންދްރޭ މެރިނާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.