05 ފެބުރުއަރީ 2021 - 09:23

ޓިއުރިން (ފެބްރުއަރީ 5) - މި ސީޒަނަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް، ޔުވެންޓަސް އިން އޭނާ އަށް އާ ކޮންޓްރެކްޓެއް ދޭން ނިންމާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް އިން ރެއާލް މެޑްރިޑަށް 100 މިިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު ސޮއިކުރި ރޮނާލްޑޯ މި ސީޒަނަށް ފަހު ވިއްކާލަން އެ ކްލަބުން ވިސްނި އެންމެ ބޮޑު ސަބަބަކީ ކްލަބްގެ މާލީ ހާލަތަށް ވިސްނައި ބޮޑު މުސާރަ ލިބޭ ކުޅުންތެރިން މަދުކުރުމުގެ ގޮތުންނެވެ. ޔުވެންޓަސްއާ އެކު ރޮނާލްޑޯ މި ވަގުތު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.
ރޮނާލްޑޯ އަށް އިތުރު ކޮންޓްރެކްޓެއް ދޭން ޔުވެންޓަސް އިން ނިންމީ ފަހަކަށް އައިސް އޭނާ އެ ޓީމުގައި ދައްކަމުން އަންނަ ކުޅުން ރަނގަޅުވުމުންނެވެ. އަދި ޔުވެންޓަސް އަށް ލިބޭ އާމްދަނީ އިތުރުވެ، މާލީ ގޮތުން އެ ޓީމަށް ފައިދާ ބޮޑު ގޮތަކީ ރޮނާލްޑޯ އަދިވެސް އެ ކްލަބްގައި މަޑުކުރުވައިގެން ކަމަށްވާތީ އެވެ. ރޮނާލްޑޯ ވަނީ ސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއްގައި 22 ގޯލު ޖަހައިފަ އެވެ.
މި ވަގުތު ޔުވެންޓަސްގައި ރޮނާލްޑޯ ހުރީ އަހަރަކު 34 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ބޭނުންވަނީ އިތުރު ދެ އަހަރުގެ އެއްބަސްވުމެއް އޭނާ އަށް ދިނުމަށެވެ. އެއީ މިހާރު ވެސް ލިބޭ މުސާރަ އަށެވެ.
ޕޯޗުގީސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި ރޮނާލްޑޯގެ އާ ކޮންޓްރެކްޓްގެ މަޝްވަރާތައް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭސް އާއި ޔުވެންޓަސްގެ ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީއާ ދެމެދުގައި ފަށާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވެސް ބޭނުންވަނީ ޔުވެންޓަސްގެ ކޮންޓްރެކްޓް އާ ކުރާށެވެ. އެއީ ޔުވެންޓަސްގެ އާ ކޯޗު އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން އިތުރު އަަހަރުތަކެއް ކުޅެލަން ބޭނުންވާތީ އެވެ.
ޔުވެންޓަސް އިން ރޮނާލްޑޯ ގެނައި އެންމެ ބޮޑު ސަަބަބަކީ 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ހޯދަން ކުރާ މަސައްކަތް ކާމިޔާބު ކުރާށެވެ.