04 ފެބުރުއަރީ 2021 - 21:34

ކޮވިޑް 19 އަށް ޕޮޒިޓިވްވުމުން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި އުމުރުން ދުވަސްވީ މީހަކު މިރޭ މަރުވެއްޖެ އެވެ.
ނެޝެނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަނުން ބުނިގޮތުގައި މަރުވީ 82 އަހަރުގެ ފިރިހެނެކެވެ. މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 54 ވަނަ މީހާ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލްވެފައި އޮތުމަށް ފަހު މިހާރު އަންނަނީ ވަރަށް ބާރަށް އަނެއްކާވެސް ފެތުރެމުންނެވެ. އެއީ އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް ރާއްޖޭގައި އުޅުމާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާ މިންވަރު މަދުވުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
އެތަނުން ބުނީ ކުރިން ހާލަތު އެންމެ ގޯސްވިއިރު އެކަކުގެ ފަރާތުން ދެ މީހުންނަށް ބަލި ޖެހުނަސް މި ފަހުން އެކަކުގެ ފަރާތުން ފަސް މީހުންނަށް ބަލި ޖެހޭ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެން އަމަލުނުކޮށްފި ނަމަ ހޮސްޕިޓަލްތައް ފުރި ގޯސް ހާލަތަކަށް ހިނގައިދާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.
ބައްޔަށް ޕޮޒިޓިވް 1800 އަށް ވުރެން ގިނަ މީހުން ތިބިއިރު އެޑްމިޓްކޮށްގެން 187 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.