04 ފެބުރުއަރީ 2021 - 18:25

ނޭޕީޓޯ (ފެބްރުއަރީ 4) - މިއަންމާގެ ޑިމޮކްރެޓިކް ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ފަހު އެ ގައުމުގެ އަސްކަރިއްޔާ އިން ފޭސްބުކް މަނާކޮށްފި އެވެ.
ބަޣާވާތަށް ފަހު މިއަންމާ އިން ވަނީ މުވާސަލާތީ ގިނަ ވަސީލާތްތައް ކަނޑާލައިފަ އެވެ. އެހެންވެ ގައުމުން ބޭރަށް މުވާސަލަތު ކުރެވޭނެ ހަމައެކަނި ވަސީލަތަކަށް އޮތީ ފޭސްބުކެވެ. މިއަންމާގެ އޮފިޝަލުން ބުނެފައި ވަނީ ފޭސްބުކް މާނަކުރީ ގައުމުގެ ހަމަޖެހުމަށްޓަކައި ކަމަަށެވެ.
މިއަންމާގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން މިނިސްޓްރީން ބުނީ ފޭސްބުކް މަނާކޮށްފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފޭސްބުކަކީ މިއަންމާގައި ވަރަށް މަގްބޫލް ޕްލެޓްފޯމެކެވެ. އާބާދީގެ 54 މިލިއަން މީހުންގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ފޭސްބުކް ބޭނުން ކުރެ އެވެ.
މިއަންމާ އަށް ބަޣާވާތް ގެނައުމަށް ފަހު އަސްކަރީ ވެރިޔާ މިން އައުންގް ލައިންގް ވަނީ ގައުމު ހިންގަން 11 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
މިއަންމާ ސިފައިން ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހު ބޭއްވި ޕާލަމެންޓުގެ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހެދުމަށް ފަހު އެވެ. އެ އިންތިޚާބުން މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީގެ ޕާޓީ ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ.
ބަޣާވާތަށް ފަހު، ސޫކީ އާއި އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިއަންމާގައި މިހާރު ވަނީ އެއް އަހަރުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.