ކޫޕްމަން ގައުމީ ޓީމުގެ ކޮންޓްރެކްޓް އާކޮށްފި
ކޫޕްމަން ގައުމީ ޓީމުގެ ކޮންޓްރެކްޓް އާކޮށްފި

ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަން، ގައުމީ ފުޓްބޯޅަ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފި އެވެ.

އުމުރުން 64 އަހަރުގެ ކޫޕްމަން ގައުމީ ޓީމުގެ ކޯޗަކަށް ހަަމަޖެއްސީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އެއްބަސްވުން އާ ކުރީ ތިން އަހަރުގެ މުއްދަތަށެވެ. ކޫޕްމަން އެކަން އިއުލާނުކުރީ އޭނާގެ އިންސްޓަރާމް އެކައުންޓް މެދުވެރިކޮށެވެ. ކޫޕްމަން ވަނީ އޭނާ އަށް އެފްއޭއެމުން ކުރާ އިތުބާރަށް ޝުކުރު އަދާކޮށްފަ އެވެ.

އެފްއޭއެމް އިން ބުނީ ކޫޕްމަންގެ އެއްބަސްވުމާ ގުޅޭ ގޮތުން އަންނަ ހަފްތާ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ގައުމީ ޓީމާ އެކު މިހާތަނަށް ކޫޕްމަން މެޗަކަށް ނުނިކުމެ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ގައުމީ ޓީމު ކުޅެން ހަމަޖެހިފައި އޮތް ހުރިހާ މެޗެއް ފަސްކުރުމުންނެވެ. އެއީ ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކާއި ސާފް ސުޒުކީ ކަޕްގެ މެޗުތަކެވެ. އެ މެޗުތައް މިހާރު ބާއްވަން ތާވަލުކޮށްފައިވަނީ މި އަހަރަށެވެ. މިހާރު އޮތްގޮތުން ކޫޕްމަން ގައުމީ ޓީމު ގޮވައިގެން ނުކުންނާނެ ފުރަތަމަ މެޗަކީ އަންނަ މަހު ވޯލްޑް ކަޕް ކޮލިފައިންގައި ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެފްއޭއެމުން ކޫޕްމަން އަށް ދީފައިވާ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އިތުރުން ސާފް ސުޒުކީ ކަޕްގެ ތަށި ދިފާއުކުރުމެވެ. ރާއްޖޭން ވަނީ ގައުމީ ޓީމުގައި ކުރިން ހުރި ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓްގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ އެވެ. މި އަހަރުގެ ސާފް ސުޒުކީ ކަޕް ވެސް އޮންނާނީ އެންމެ ފަހުން ވެސް މުބާރާތް ހޯސްޓްކުރި ބަންގްލަދޭޝްގަ އެވެ.

ރާއްޖެއާ ހަވާލުވުމުގެ ކުރިން ކޫޕްމަން އެންމެ ފަހުން ކޯޗު ކޮށްދިނީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ އަރޫބާ އަށެވެ. ދެ އަހަރު ދުވަހު އަރޫބާ އަށް ކޯޗުކޮށްދިން ކޫޕްމަން ކޯޗިންގެ ތެރެއަށް އައީ 1989 ވަނަ އަހަރު އެވެ. އޭނާ ކޯޗިންގެ މަސައްކަތް ކުރި ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި ނެދަލެންޑްސްގެ ގްރޮނިންގެން އެސިސްޓަންޓް ކޯޗުކަމާއި ސައުދީ އަރަބިއްޔާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ހިމެނެ އެވެ. އަދި އޭނާ ވަނީ ޗައިނާގެ ކްލަބެއް ކަމަށްވާ ގުއަންޒޫ އަށް ވެސް ކޯޗު ކޮށްދީފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ކޫޕްމަންއާ އެކު ދެ ފަހަރެއްގެ މަތިން ޕްރެކްޓިސް ސެޝަންތަކެއް ބާއްވައިފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅާއި ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުން ކުރުމަށް ފަހު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރަން ހުއްދަ ދިނުމުން މިދިޔަ ޖުލައި މަސް ތެރޭގައި ވެސް ޕްރެކްޓިސްތައް ބޭއްވި އެވެ. ދާދި ފަހުން ކޫޕްމަން ވަނީ ގައުމީ ޓީމުގެ ސްކޮޑެއް ނަގައި ކުޅުންތެރިންނާ ބައްދަލު ވެސް ކޮށްފަ އެވެ. އެއީ އަންނަ މަހު ކުޅެން ޖެހޭ ޗައިނާ އާއި ސީރިއާ މެޗަށް ނެގި ސްކޮޑެކެވެ. ލީގުގައި މިހާރު ކުރިއަށްދާ މެޗުތަކުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބެލުމަށް ފަހު އެ ސްކޮޑަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.