ރިޔާސީ ބަޔާނުގައި އުއްމީދެއް، ސިޔާސަތެއް ނެތް: އިދިކޮޅު
ރިޔާސީ ބަޔާނުގައި އުއްމީދެއް، ސިޔާސަތެއް ނެތް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތައް ފާހަގަ ކުރައްވައި، ކުރިއަށް އޮތީ ތަރައްގީގެ އަހަރެއް ކަމަށް ވިދާޅުވި އެވެ. އަދި އިގްތިސާދު ފުޅާކޮށް، އިތުރު މަޝްރޫއުތައް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ ބަޔާނަކީ ދޮގާއި މަކަރާއި ހީލަތުގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އުއްމީދެއް ނެތް، މާޔޫސީ ބަޔާނެއް ކަމަށެވެ. އަދި އެ ބަޔާނުގެ ސަބަބުން ރާއްޖެ ކުރިމަގަށް އޮތް ނުރައްކަލާއި ބިރުވެެރިކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން މިކަމާ އެބަ ވިސްނާ." އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމުގެ އުއްމީދީ ވާހަކައެއް ރިޔާސީ ބަޔާނުގައި ނެތް ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން އިއުލާންކުރި ސިޔާސަތުތައް ފެއިލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާފު ލަސްވާ ކޮޮންމެ ދުވަހަކީ ސަރުކާރަށް އިތުބާރު ގެއްލޭނެ ދުވަހެއް." އޭނާ ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި، ރައީސްގެ ކުރިފުޅުމަތީގައި އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާގައި މިއަދު އިހްތިޖާޖް ކުރެއްވި އެވެ. އަދި މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު މަޖިލިސް ކައިރީގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ވެސް ކުރިއަށް ގެންދިޔަ އެވެ.