ރަޖިސްޓްރީ ނުކުރާ 65 އަހަރުން މަތީ މީހުންނަށް ވެސް ސެންޓަރުތަކުން ވެކްސިން ދޭނެ
ރަޖިސްޓްރީ ނުކުރާ 65 އަހަރުން މަތީ މީހުންނަށް ވެސް ސެންޓަރުތަކުން ވެކްސިން ދޭނެ

މާލޭގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުން ކޮވިޑް ވެކްސިން ޖަހަން ޕޯޓަލް އިން ރަޖިސްޓްރީ ނުކޮށް އޮތަސް، ވެކްސިން ދޭ މަރުކަޒުތަކަށް ދިއުމުން ރަޖިސްޓްރީކޮށްދީ ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސޯޝަލް ސެންޓަރު އަދި ހުޅުމާލެ ފްލޫ ކްލިނިކް ހުރި ތަނުން ހެނދުނު 9:00 ން ހަވީރު 5:00 އާ ހަމައަށް، 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

އެޗްއީއޯސީގެ އިސް އޮފިޝަލު އަދި ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ ވެކްސިން ޖަހަން، އުމުރުން ދުވަސްވީ ބައެއް މީހުން އަދި ރަޖިސްޓްރީނުވާ ކަމަށެވެ. އެހެންވެ، ކޮވިޑުގެ ނުރައްކާ އޮތް އުމުރުގެ މީހުންނަށް ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައިދިނުމަށް، ރަޖިސްޓްރީ ނުވިޔަސް އެ ސެންޓަރުތަކަށް ދިއުމަށް ވަނީ އެދިފަ އެވެ.

"އެ ސެންޓަރުތަކަށް ދިޔައީމަ، އެ ތަނުގައި ތިއްބެވި އޮފިޝަލުން އެހީތެރިކަން ފޯރުކޮށްދޭނެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް. މީގެ ބޭނުމަކީ ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުން،" ތަސްލީމާ ވިދާޅުވި އެވެ.

ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުގައި އިއްޔެ ވަނީ 75 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފަ އެވެ.

ވެކްސިން ޖެހުމަށް my.health.mv ޕޯޓަލްގައި ރަޖިސްޓްރީވާން އެޗްޕީއޭ އިން ވަނީ ހުޅުވާލައިފަ އެވެ. އިސްކަންދޭ ތަރުތީބުން ވެކްސިން ޖެހުމަށް ކުރިއަށް އޮތް ތަނުގައި ހުޅުވާލާނެ އެވެ.

މި ވަގުތު ވެކްސިން ޖަހައިދެނީ މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގަ އެވެ. އޭގެ އިތުރުން ހއ. އަތޮޅާއި ނ. އަތޮޅާއި ލާމު އަދި ފުވައްމުލަކުގައި ވެކްސިން ދޭން މިއަދު ފަށާނެ އެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑު ނުވަތަ ރަސްމީ ލިޔުމެއް ގެންދަން އެދިފަ އެވެ. އަދި ބައްޔަކަށް ބޭހެއް ކާނަމަ އެ ބޭހުގެ މައުލޫމާތު ގެންދަން އެދިފައި ވެ އެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ އޮކްސްފޯޑް ވެކްސިނެވެ. އިންޑިޔާ އިން ވަނީ މީގެ އެއްލައްކަ ޑޯޒް ހަދިޔާ ކޮށްފަ އެވެ. އަދި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން އިތުރު ހަތް ލައްކަ ޑޯޒް ވެކްސިން ގަންނަން ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.