ތާރީހުގައި ނުދެކޭ ތަރައްގީ ކުޅިވަރަށް އަންނާނެ: ރައީސް
ތާރީހުގައި ނުދެކޭ ތަރައްގީ ކުޅިވަރަށް އަންނާނެ: ރައީސް

ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ފަށާފައިވާ މަސައްކަތްތައް ނިމޭއިރު ރާއްޖޭގެ ތާރީހުގައި ނުދެކޭ ފަދަ ތަރައްގީ ކުޅިވަރުގެ ދާއިރާ އަށް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ވިދާޅުވީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19ގެ ދަތި ހާލަތުގެ ތެރޭގައި ފުރަބަންދުގައި ތިބިއިރު ވެސް ކުޅިވަރު ތަރައްގީކުރުމާއި ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"މާލެ އާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫއުތައް ފުރިހަމަވެގެންދާއިރު ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރު ވަސީލަތްތައް ތަރައްގީނުވާ މިންވަރަށް އެ ވަސީލަތްތައް ތަރައްގީވާނެ،" ރައީސް ވިދާޅުވި އެވެ.

ކުޅިވަރުގެ ދާއިރާއިން މިދިޔަ އަހަރު ރާއްޖެ އަށް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމަކީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބާއްވަން ކުރަން ޖެހޭ މަސައްކަތްތަކަށް އައި ހުއްޓުމުގެ ސަބަބުން އެ މުބާރާތް ފަސްކުރަން ހުށަހެޅުމެވެ. ރާއްޖެއިން އެ މުބާރާތް ފަސްކުރަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.

އައިއޯއައިޖީ 2025 ވަނަ އަހަަރަށް ފަސްކުރަން ރާއްޖޭން ހުށަހެޅި އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރު ފަށަން ހަމަޖެހިފައި އޮތް ކުޅިވަރުގެ އިންފްރާސްޓްރަކްޗާތަކުގެ މަސައްކަތަށް އައި މަޑުޖެހުމެވެ. އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެ އަތުން ގެއްލި މަޑަގަސްކަރާ އަށް އެ ގޭމްސް ހޯސްޓްކުރަން ލިބުނީ އެވެ.

ކުރިން ރޭވި ގޮތަށް އައިއޯއައިޖީ ނުބޭއްވުނު ކަމުގައި ވިޔަސް ކުޅިވަރުގެ ދާއިރާގެ ވަސީލަތްތައް ތަރައްގީކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހުއްޓައިނުލާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެކި ޕްލެޓްފޯމްތަކުގައި ވިދާޅުވެފަ އެވެ.

ފާއިތުވި އަހަރެއްހާ ދުވަހު ސަރުކާރުން ކުރި މަސައްކަތްތަކަށް ބަލާއިރު ޓޭބަލް ޓެނިހާއި ޕޫލް ބިލިއާޑަށް ހުޅުމާލޭގައި އިތުރު ވަސީލަތެއް ހަމަޖައްސައިދިނުމާއި މާލޭ ކުޅިވަރު އެކުވެނީގައި ސިންތެޓިކް ޓްރެކެއް އެޅުން ހިމެނެ އެވެ. އަދި ނެޓްބޯލް އާއި ހޭންޑްބޭލް އަދި ވޮލީ އަށް އާ އިންފްރާސްޓްރަކްޗާއެއް އަޅައިދިނުމުގެ މަސައްކަތް ހަމަޖައްސައިދިނެވެ. އަދި ދާދި ފަހުން ވަނީ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަށް ސްވިމިން އެސޯސިއޭޝަނާ ބިން ހަވާލުކޮށްފަ އެވެ.

ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ފެންވަރަށް ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރަން ރާވާފައިވަނީ މުޅި ރާއްޖެ އަށް ހުޅުވާލެވިގެންނެވެ. އެ ގޮތުން މި ސަރުކާރުން އައްޑޫގައި ގާއިމްކުރި ބެޑްމިންޓަން ކޮމްޕެެލްކެސްގައި ވަނީ ދެކުނު އޭޝިއާގެ އުމުރުފުރާ ބެޑްމިންޓަން މުބާރާތެއް ބާއްވައިފަ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ ލީގެއް ފެށުމުގެ މަސައްކަތަށް އަމާޒުކޮށްގެން ސަރުކާރުންވަނީ ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑު އަޅަން ނިންމައިފަ އެވެ. އޭގެ ތެރެއިން ބައެއް ދަނޑުތައް ނިމިފައިވާއިރު، މަސައްކަތް ފަށާފައިވާ އެއްބައި ދަނޑުތަކުގެ މަސައްކަތް އޮތީ މި ވަގުތު ހުއްޓިފަ އެވެ. އެ ރަށްރަށުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.