ސަން ފްރަންޓަށް ދޭންޖެހޭ ބަދަލު ގުނާނީ އިސްތިއުނާފް މަރުހަލާ ނިމުނު ދުވަހުން ފެށިގެން
ސަން ފްރަންޓަށް ދޭންޖެހޭ ބަދަލު ގުނާނީ އިސްތިއުނާފް މަރުހަލާ ނިމުނު ދުވަހުން ފެށިގެން

މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުން ބިން ގަތުމަށް ސަން ފްރަންޓުން ސަރުކާރަށް ދެއްކި ފައިސާ އަނބުރާ ނުލިބުމުން އެ ކުންފުންޏަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލު ގުނަން ފަށާނީ، ބިން ނުވިއްކޭނެ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް މުއްދަތު ނިމުނު ދުވަހުން ފެށިގެން ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހާބަރު ސަރަހައްދުން ބިން ވިއްކަން ސަރުކާރުން ނިންމުމުން އެތަނުން ދެ ބިމެއް ގަންނަން ސަން ފްރަންޓުން 26.9 މިލިއަން ރުފިޔާ ދައްކާފައި ވަނިކޮށް ސިވިލް ކޯޓުން މާޗް، 2011 ގައި ކުރި ހުކުމަކާ ހެދި އެ ބިން ހަވާލު ނުކުރެވި އަދި ފައިސާ ވެސް އަނބުރާ ނުލިބުމުން ސަން ފްރަންޓުން ވަނީ އެ ކުންފުންޏަށް 30 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދަން ދައުވާކޮށްފަ އެވެ.

ސަން ފްރަންޓުން ދައުވާކުރަނީ ބިން ނުވިއްކޭނެ ކަމަށް ދަށު ކޯޓުން ހުކުމް ކުރި ދުވަހުން ފެށިގެން ގެއްލުމުގެ ބަދަލު ހިނގާ ގޮތަށެވެ. އެކަމަކު ސިވިލް ކޯޓުން 2014 ގައި ނިންމާފައިވަނީ ސަން ފްރަންޓުން ގެއްލުމުގެ ބަދަލު ހިސާބުކުރި ގޮތް ރަނގަޅު ނޫން ކަމަށާއި ގެއްލުމުގެ ބަދަލު ގުނަން ފެށޭނީ ބިން ނުވިއްކޭނެ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމުނު ތާރީޚު ކަމަށްވާ 29، ނޮވެމްބަރު 2012 އިން ފެށިގެން ކަމަށެވެ.

ގެއްލުމުގެ ބަދަލާ މެދު ދަށު ކޯޓުން ނިންމި ނިންމުން ސަން ފްރަންޓުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ދަށު ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށާއި ގެއްލުމުގެ ބަދަލު ގުނަން ފަށާނީ އިސްތިއުނާފް މަރުހަލާ ނިމުނު ދުވަހުން ފެށިގެން ކަމަށެވެ.

ހައި ކޯޓުގެ އެ ހުކުމުގެ ސަބަބުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަން ފްރަންޓަށް ދައުލަތުން ދޭންޖެހޭނެ މިންވަރު ކުޑަވާނެ ކަމަށް ބެލެވެ އެވެ. ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މިންވަރާ މެދު ގޮތެއް ނިންމަން ސަން ފްރަންޓަށް ޖެހޭނީ ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ހާބަރު ސަރަހައްދުން ބިން ނުވިއްކޭނެ ކަމަށް މާޗް، 2011 ގައި ކުރި ހުކުމް އިސްތިއުނާފް ކުރުމަކީ ދައުލަތަށް އޮތް ހައްގެއް ކަމަށާއި އެހެންވެ އެ ހައްގު ދައުލަތުން ބޭނުންކޮށް، އިސްތިއުނާފް މަރުހަލާގައި އެ މައްސަލަ އޮތް މުއްދަތަކީ ގެއްލުމުގެ ބަދަލު ހިސާބު ކުރާއިރު ގުނޭނެ މުއްދަތެއް ނޫން ކަމަށެވެ.

"އިސްތިއުނާފް ކުރުމުގެ އެ ހައްގު ދައުލަތަށް ފުރިހަމައަށް ލިބިދިނުމުގެ ގޮތުން، ސަން ފްރަންޓް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދެއްކި ފައިސާ ދިވެހިރާއްޖޭގެ ހައި ކޯޓުގެ އެ ގަޒިއްޔާ ނިމެންދެން އަނބުރާ ނުދީ ބެހެއްޓިދާނެ ކަމަށް ގަބޫލު ކުރެވޭ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.

އެ މައްސަލާގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އެ ފައިސާ ނުދީ މަޑުކޮށްލުމުގެ ބާރު ދައުލަތަށް އޮންނާނެ ކަމަށާއި މަދަނީ ހުކުމްތައް އިސްތިއުނާފް ކުރެވޭ ހިނދު އެ ހުކުމަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ސަން ފްރަންޓުން ތުހުމަތު ކުރާ ގޮތުގައި ބިން ނުވިއްކޭނެ ކަމަށް ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރީ ވެސް އެ ކުންފުނިން ސަރުކާރަށް ދެއްކި ފައިސާ އަނބުރާ ނުދީ ހިފެހެއްޓުމަށެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ ނުބައި ނިޔަތެއްގައި ދައުލަތުން ކުރި ކަމެއް ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

ބިން ގަތުމަށް ސަން ފްރަންޓުން ދައުލަތަށް ދެއްކި 26.9 މިލިއަން ރުފިޔާ އަނބުރާ އެ ކުންފުންޏަށް އަނބުރާ ދޭން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

ހުޅަނގު ހާބަރު ސަރަހައްދުން ބިން ނުވިއްކޭނެ ކަމަށް ސިވިލް ކޯޓުން އޭރު ހުކުމްކުރީ އޭރުގެ އިދިކޮޅު ޕާޓީތަކުން ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރީ ނޮމެވްބަރު، 2012 ގަ އެވެ.