ވާޓިކަލް ސްޓޯރީޒް: އިންސްޓަގްރާމަށް ޓިކްޓޮކްގެ އިތުރު ފީޗާއެއް
ވާޓިކަލް ސްޓޯރީޒް: އިންސްޓަގްރާމަށް ޓިކްޓޮކްގެ އިތުރު ފީޗާއެއް

ޓިކްޓޮކް ގޮތަށް ކުރު ވީޑިއޯތައް އަޕްލޯޑްކުރެވޭ ފީޗާއެއް "ރީލްސް" ގެ ނަމުގައި ތައާރަފުކޮށްފައިވާ އިންސްޓްގްރާމަށް އަނެއްކާ ވެސް ޓިކްޓޮކްގެ އެހެން ފީޗާއެއް ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ މި ފީޗާ އަކީ ވާޓިކަލް ޕޮޒިޝަނުގައި ވީޑިއޯކޮށް އަޕްލޯޑްކުރެވޭ ފީޗާ ކަމަށެވެ. މިހާރު ވީޑިއޯ ކުރެވެނީ ހޮރިޒަންޓަލް ޕޮޒިޝަނުގަ އެވެ. މާނަ އަކީ ފޯނު ހުރަހަށް ބާއްވައިގެންނެވެ.

ނަމަވެސް އަލަށް ގެންނަ ބަދަލާ އެކު، ފޯނު ދިގަށް ބާއްވާއިގެން ވީޑިއޯކޮށްފައި އަޕްލޯޑްކުރޭނެ އެވެ. މި ފީޗާގެ ވާހަކަ ބައެއް މީހުން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވާ އިރު އިންސްޓަގްރާމުން އަދި ވާޓިކަލް ސްޓޯރީޒް ޓެސްޓް ވެސް ކުރަން ނުފަށާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ސޯޝަލް ޕްލެޓްފޯމްތަކަށް އާ ފީޗާތައް ދޫކޮށްލާނީ ދުރާލައި ވަރަށް ގިނަ ދުވަހު ޓެސްޓްކުރުމަށް ފަހު އެވެ. އެކަމަކު ވާޓިކަލް ސްޓޯރީޒްއާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ "ވާޓިކަލް ސްޓޯރީޒް" އަންނާނެ އިރެއް ނޭނގެ އެވެ.

އިންސްޓަގްރާމަކީ ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް ވުރެ ގިނަ އެވެ.