05 ފެބުރުއަރީ 2021 - 09:43

މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗްގެ ޕްލޭނާ އެއްގޮތަށް އޭނާ ބޭނުންވާ ކުޅުން ދައްކަން ވަގުތު ނަގާނެ ކަމަށް އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި ވަނީ މިިދިޔަ އަންގާރަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 5-0 އިން މޮޅުވެފަ އެވެ. ހަމްޕު އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދެ ގޯލު ޖެހުމުގެ އިތުރުން އެެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ.
މާޒިޔާ އިން ލީގުގެ ފުރަތަމަ ބުރުގައި ދެ ގޯލު ޖަހާފައިވަނިކޮށް ދަ ގްރާންޑޭ އިން ވަނީ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށްފަ އެވެ. އެ މެޗު މާޒިޔާ އިން ކުޅުނީ އެ ޓީމަށް ލީގުގައި އެންމެ ފުރަތަމަ ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ވަކިވުމުން އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)ގެ އިރުޝާދުގެ ދަށުންނެވެ.
ހަމްޕު ބުނީ އެ މެޗުގައި ދިމާވީ ހަމައެކަނި ކޯޗު ބަދަލުވެގެން ދިމާވި ކަމެއް ނޫން ކަމަށެވެ.
"ހަމައެކަނި ކޯޗުގެ ވާހަކައެއް ވެސް ނޫން. ޕްލޭޔަރުން ވެސް ފޯކަސް ކުރަން ޖެހޭ ވަރަށް ނުކޮށްގެން އެ މެޗު ގެއްލުނީ ޑްރޯ އަކުން. ކޯޗު ބުނާގޮތަށް ޕްލޭޔަރުން އެބަޖެހޭ މަސައްކަތްކުރަން މިހާރު އެބަ ފެނޭ އެތަން،" ދަ ގްރާންޑޭ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްޕު ބުންޏެވެ.
ވިޑަކޮވިޗް މާޒިޔާގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމުގެ ކުޅުން މެޗަކަށް ފަހު މެޗެއް އަންނަނީ ރަނގަޅުވަމުންނެވެ. ސީޒަނެއްގެ މެދުތެރެއިން ޓީމަކާ ހަވާލުވެ، ކުއްލިއަކަށް ކަންކަން ބަދަލުކުރުމަކީ ގޯހަކަށް ވެދާނެ ކަމަށް ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.
ދަ ގްރާންޑޭ މެޗަށް ފަހު ވިޑަކޮވިޗް ބުނީ އޭނާ ބުނާގޮތަށް ކުޅެން ކުޅުންތެރިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މެޗުތަކުން މޮޅުވުމުގައި ދަނޑުމަތީގައި އެ ފޯކަސްކޮށްގެން ޕްލޭނާ އެއްގޮތަށް ކުރިއަށްދާން ކުޅުންތެރިން މަސައްކަތްކުރާތީ އޭގެ ކްރެޑިޓް ވެސް ކުޅުންތެރިންނަށް ދޭ ކަމަށް ވިޑަކޮވިޗް ބުންޏެވެ.
"ހުރިހާ ޕްލޭޔަރުން ވެސް މަސައްކަތްކުރޭ އެބަ. އެކަމަކު ކޯޗު އެންމެ ބޭނުންވާ ގޮތަށް ނުވޭ. އަދިވެސް ޓައިމް ބޭނުންވާނެ ސީދާ ކޯޗު އެ ބޭނުންވާ ގޮތަށް ޓީމު ބައްޓަންވާން،" ބ. އޭދަފުށްޓައް އުފަން ހަމްޕު ބުންޏެވެ.
މާޒިޔާގައި މި ވަގުތު އޮތް ސްކޮޑުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނެ އެވެ. އެ ޓީމުގެ ބެންޗުގައި ވެސް ތިބީ ފުރަތަމަ އެގާރައިގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިންނެވެ. ހަމްޕު ބުނީ ވަރުގަދަ ސްކޮޑެއް އޮތުމާއި ޓީމުގެ ފުރަތަމަ އެގާރަ އަށް އެރުމުގައި ޓީމު ތެރޭގައި ވާދަވެރިކަން އޮތުމުގެ ފައިދާ ބޮޑު ކަމަށެވެ.
"(މަގާމުގެ ވާދަވެރިކަން ފުރަތަމަ އެގާރަ އަށް އަރަން މަސައްކަތްކުރުން) އެ ރޫހު އޮންނަން ޖެހޭނެ. ކާޑު ވެސް އެބަ އާދޭ. ދެ ކާޑު ހަމަވެއްޖިއްޔާ އެއީ ސަސްޕެންޝަނެއް. އެހެންވެ އެ ތަންތަނަށް ވެސް ޕްލޭޔަރުން އެބަ ބޭނުންވޭ. އަސްލު ޓީމު ވަރުގަދަވާން އޮތް ކަމެއް އެއީ. ބަދަލުގައި ވެސް ރަނގަޅު ކުޅުންތެރިން ތިބުން. ޗާންސް އެބަ ބޭނުންވޭ ޕްލޭޔަރުންނަށް ވެސް،" ހަމްޕު ބުންޏެވެ.
ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ އެކު، ދިވެހި ޕްރިމިއާ ލީގުުގެ ކުޅުން އޮތީ މެދުކަނޑާލައިފަ އެވެ. މި ވަގުތު މާޒިޔާ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.