05 ފެބުރުއަރީ 2021 - 08:50

އެމެރިކާގެ ކެޕިޓޮލް ހިލްގައި މިދިޔަ މަހުގެ ކުރީކޮޅު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހޫނުވި މައްސަލަގަނޑުގެ ތެރެއިން ހަމަނުޖެހުންތާއި އަނިޔާވެރި ކަމަށް ހިތްވަރުދިން ކަމަށް ބުނާ މައްސަލަތަކުގައި ސާވާތަކުން ބޭރުކޮށްލުމުން ގެއްލުނު ސޯޝަލް ޕްލެޓްފޯމް ޕާލާގެ ސީއީއޯ ޖޯން މޭޓްޒްގެ މަގާމު ވެސް ގެއްލިއްޖެ އެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މި މަހުގެ 1 އިން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާކަން ޖޯން ވަނީ ބައެއް މީޑިއާތަކަށް ފޮނުވި ޓެކްސްޓް މެސެޖަކުން ކަށަވަރުކޮށްދީފަ އެވެ.
"ޕާލާ" ގެ ސީއީއޯ މަގާމުން ވަކިކުރަން ބޯޑުން ނިންމި އެ ޕްލެޓްފޯމަށް ދިމާވި މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމުގައި އިސްވެރިޔާގެ ހައިސިއްޔަތުން އޭނާ ނުކުޅެދިފައިވާ ކަމަށް ބޯޑަށް ގަބޫލުކުރެވިގެން ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ޖޯން އަކީ "ޕާލާ" އުފެއްދުމުގައި ހިއްސާވި ތިން މީހުންގެ ތެރެއިން އެކަކެވެ. އަނެއް ދެ މީހުންނަކީ ޖެރަޑް ތޮމްސަނާއި ރެބެކާ މާސާ އެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރެއްވި އުންމީދުތައް ފެނަަށްވުމުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރު ދެއްވައިގެން ސަޕޯޓަރުންތަކެއް ލައްވައި ކެޕިޓޮލް ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި "ޕާލާ" އަކީ އެ ކަމުގައި ބައިވެރިވި މީހުން އެ މީހުންގެ މައުލޫމާތު ހިއްސާކުރަން އެންމެ ބޮޑަށް ބޭނުންކުރި ޕްލެޓްފޯމެވެ. އެމެރިކާގައި "ޕާލާ" ބޭނުންކުރާ މީހުންގެ ތެރޭގައި ގިނައީ ވެސް ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ މީހުންނެވެ.
"ޕާލާ" ގެ ބޭނުން ނާޖާއީޒު ގޮތުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިފަން ފެށުމުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން އެ އެޕް ބޭރުކޮށްލުމުގެ އިތުރަށް އެމޯޒަން ވެބް ސާވިސް އިން އެ ހޯސްޓްކުރުން އޮތީ ހުއްޓާލައިފަ އެވެ. ނަތީޖާ އަކީ "ޕާލާ" އެއްކޮށް ބަންދުވުމެވެ. މި މައްސަލާގައި ޕާލާ އިން އެމެޒޯނަށް ދައުވާ ވެސް ކޮށްފައިވެ އެވެ.
"ޕާލާ" އަކީ 2018 ގައި ވުޖޫދަށް އައި ހިދުމަތެކެވެ. އެ ބޭނުން ކުރެވޭނެ ހުރިހާ ދޮރެއް ބަންދުކުރި އިރު ޕާލާގެ އަހުލުވެރިންގެ އަދަދު 10 މިލިއަނަށް އަރަ އެވެ.