އެންމެ ރަނގަޅީ ވެކްސިން ދޭއިރު އަންގި ނުލެއްވުން؛ ކީއްވެ؟
އެންމެ ރަނގަޅީ ވެކްސިން ދޭއިރު އަންގި ނުލެއްވުން؛ ކީއްވެ؟

ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދަށް ވެފައިވަނީ ވެކްސިނެވެ. އެތައް ގައުމެއްގައި މި ވެކްސިން ދޭން ފަށާފައި ވާއިރު އާންމުންގެ އެތައް ބަޔަކަށް ސުވާލު އުފެދުނު އެއް ކަމަކަށްވީ ކޮވިޑުން ރައްކާތެރިވާން ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅަންޖެހޭއިރު، ވެކްސިން ދޭއިރު ސިއްހީ ހިދުމަތްތެރިން އަންގި ނުލައްވައި ތިބޭތީ އެވެ.

ކޮވިޑް-19 ވެކްސިން ދޭއިރު އަންގި ލެއްވުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ވަރަށް ގިނަ ގައިޑްލައިންތަކުގައި ބުނެފައިވެ އެވެ. ސިއްހީ ހިދުމަތް ދޭއިރު އަންގި ލައްވަން މަޖުބޫރުވަނީ، ހިދުމަތް ލިބިގަންނަ މީހާގެ ހަށިގަނޑުން ބޭރުވާ ނުރައްކާތެރި ދިޔައެއް ފަދަ އެއްޗެއް އަތުގައި އުނގުޅުން ފަދަ ކަމެއް ދިމާވެދާނެ ހާލަތުގަ އެވެ. ކޮވިޑް ވެކްސިން ދިނުމަކީ މިފަދަ ހާލަތެއް ކަމަށް ނުވާއިރު ގިނަ ބަޔަކަށް އެއް ވަގުތެއްގައި ހިދުމަތް ދޭއިރު އަންގި ލައްވައިގެން އުޅޭ ނަމަ، އަންގީގެ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވެދާނެ އެވެ.

ކޮންމެ މީހެއްގެ ގައިގައި އަތްލުމަށް ފަހު އަންގި ބަދަލު ނުކުރާ ނަމަ އަންގިއެއް ލެއްވުމުގެ މާނައެއް ނެތެވެ. އެއީ އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފަތުރާ ވަސީލަތަކަށް އަންގި ވެދާނެތީ އެވެ. އެކަމަކު އަންގި ނުލައްވާ ހިދުމަތް ދޭއިރު ކޮންމެ މީހަކަށް ވެކްސިން ދީފައި އަތް ސެނިޓައިޒްކުރަން ފަސޭހަވުމުން މާ ރައްކާތެރިވާނެ އެވެ.

ކޮންމެ މީހަކަށް ވެކްސިން ދީފައި އަންގި ބަދަލުކޮށް، އަތް ވެސް ސާފުކުރަން ޖެހޭނެ އެވެ. ސަބަބަކީ މިފަދަ ކަންކަމަށް ބޭނުންކުރަން ލަފާ ދީފައިވާ، އެއްފަހަރު ބޭނުންކުރެވޭ ވައިނިލް އަންގި އަކީ ދޮވެގެން ބޭނުންކުރެވޭ އެއްޗަކަށް ނުވާތީ އެވެ. އެތައް ބަޔަކަށް އެއް ވަގުތެއްގައި ހިދުމަތް ދޭއިރު އަންގި ލައްވައިގެން ހުރުމަކީ އަންގި ލައްވައިގެން ހުންނަ މީހާ އާއި އެހެން މީހުންނަށް ވެސް ބަލިތައް ފަސޭހައިން ޖެހުމުގެ ސަބަބަކަށް ވާނެ އެވެ.

އެކަމަކު ގިނަ ގައިޑްލައިންތަކުގައި އަންގާފައި އޮންނަނީ ކޮވިޑް ވެކްސިން ދޭއިރު، ކޮވިޑުން ރައްކާތެރިވާން އަޅަންޖެހޭ މާސްކާއި ފޭސް ޝީލްޑް ފަދަ ތަކެތި އަޅައިގެން ތިބުން ލާޒިމް ކަމަށެވެ.

ކޮވިޑް ފެތުރެން ފެށިތާ ކުރީކޮޅު އަދި މިހާރު ވެސް ބައެއް މީހުން ފިހާރަތަކަށް ދާއިރު އަންގި ލައްވައިގެން އުޅެ އެވެ. އެކަމަކު މިއީ ވެސް ރައްކާތެރި ގޮތެއް ނޫން ކަމަށް ތަޖުރިބާކާރުން ކެނޑިނޭޅި އަންނަނީ ބުނަމުންނެވެ. އެއީ، އެންމެ ރަނގަޅު ގޮތަކީ އެހެން މީހުން އަތްލާފައިވާ ތަނެއްގައި އަތް ލެވިއްޖެ ނަމަ އަވަހަށް އަތް ސާފުކުރުން ކަމަށް ވާއިރު އަންގި ލައިގެން ހުންނައިރު އެގޮތަށް ކަންތައް ނުކުރެވޭތީ އެވެ. އަންގި އޮތުމުން ތިމާގެ އަތުގައި ވައިރަސް ނުޖެހުނަސް، އަންގިން އެހެން ތަނަކަށް ވައިރަސް ގެންގޮސްދެވޭތީ އެވެ. ކޮންމެ ވަގުތަކު އަތް ސާފުކޮށްލެވޭނީ، އަންގި ނެތުން ރައްކާތެރީ އެވެ.