03 ފެބުރުއަރީ 2021 - 22:19

ރާއްޖޭން މިއަދު 121 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ މިއަދުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަދު ޓެސްޓު ކުރި 3،197 ސާމްޕަލްގެ ތެރެއިން 121 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ، މާލެ ސަރަހައްދުގެ މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން 102 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުން، 4 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ރިސޯޓުތަކުން 15 މީހަކަށް ވަނީ ބަލިޖެހިފަ އެވެ.
ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރި މީހުންގެ އަދަދު ވެސް މިއަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން 178 މީހަކަށް، އެކި ފެސިލިޓީތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ، މިއަދު މަރުވި މީހާއާއެކު 53 އަށް އަރައިފަ އެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ރާއްޖޭން މިހާރު މި ފެންނަނީ ކޮވިޑްގެ ތިން ވަނަ ރާޅެވެ. އަދި މާ ފަސޭހައިން ފެތުރޭ، އާ ވެޓޭރިއަން ރާއްޖޭގައި އުޅޭއިރު ބަލި ޖެހޭ ނިސްބަތް ވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.