ވެކްސިން ޖަހަން ނުބުނެ، ރައްކާތެރިވާން އާދަމް ޝަރީފް ގޮވާލައްވައިފި
ވެކްސިން ޖަހަން ނުބުނެ، ރައްކާތެރިވާން އާދަމް ޝަރީފް ގޮވާލައްވައިފި

މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އިން ރައްކާތެރިވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްްވައިފި އެވެ. އެކަމަކު ބަލިން ރައްކާތެރިވުމަށް އޮތް ހަމައެކަނި ހައްލު ކަމަށްވާ ވެކްސިން ޖެހުމުގެ ވާހަކައެއް އޭނާ ފާހަގައެއް ނުކުރައްވަ އެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅު މިހާރު ރާއްޖެއަށް ބިންދާލާފައިވާއިރު، އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ ކަމާ ބެހޭ ފަރާތްތަކާއި ސިއްހީ މާހިރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި، އާދަމް ޝަރީފް ވެސް ވަނީ އެ ވާހަކަ ތަކުރާރުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ އާ ވެޓޭރިއަންއަކީ ފަސޭހައިން ފެތުރި، ގިނަ ބަޔަކަށް ޖެހުމުގެ ފުރުސަތު އޮތް އެއްޗެއް ކަމަށް، ސިއްހީ މާހިރުން ބުނާ ކަމަށާއި އޭގެ ބިރުބޮޑު ކަމަށެވެ. އެހެންވެ، ގައުމެއްގެ ގޮތުގައި އެންމެން އެކަތިގަނޑަކަށްވެ، އަމިއްލަ ނަފްސާއި ލޯބިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި ޒިންމާ ނެގުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން މިހާރު ޖަހަމުން އަންނައިރު، ޝަރީފް ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކުން ދަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަމުންނެވެ. އެ މީހުން ދެކޭ ގޮތުގައި އިންޑިއާއިން ދިން ކޮވިޝީލްޑް ވެކްސިނަކީ، ޔަގީންކަމެއް ނެތް، ސިއްހީ ގޮތުން ރައްކާތެރިނޫން އެއްޗެކެވެ. އެހެންވެ، އެ ނުޖެހުމަށް އިދިކޮޅުގެ ބައެއް އިސް ބޭފުޅުން އަންނަނީ ގޮވާލައްވަމުންނެވެ.

ވެކްސިން ނުޖެހުމަށް އިދިކޮޅުން ގޮވާލަމުން ދާއިރު، ސިއްހީ މާހިރުން، ހާއްސަކޮށް ދިވެހި ޑޮކްޓަރުން އަންނަނީ، އެ ވެކްސިން ޖަހައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދެމުންނެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް، ފަރުދީ ޒިންމާއެއްގެ ގޮތުގައި ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމަށް އެ މީހުން އެދެ އެވެ.