04 ފެބުރުއަރީ 2021 - 09:45

ބާސެލޯނާ (ފެބްރުއަރީ 4) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ މީގެ ހަތަރު އަހަރު ކުރިން ސޮއިކުރި އެއްބަސްވުން މީޑިއާގައި ލީކުކުރުމުގެ ތުހުމަތު ފަސް މީހަކަށް ކުރެވިފައިވާ ކަމަށާއި އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން މެސީގެ ވަކީލުންގެ ޓީމުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެސީގެ 674 މިލިއަން ޑޮލަރުގެ އަގުހުރި ކޮންޓްރެކްޓް ލީކުކުރުމުގެ ތުހުމަތުކުރެވޭ ފަސް މީހަކީ ދާދި ފަހުން ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާދިން ޖޯސެފް މާރިއާ ބާޓޮމެއު، މިހާރު ވަގުތީ ރައީސަކަށް ހުރި ކާލެސް ޓަސްކުއެޓްސް، ކުރީގެ ނައިބު ރައީސް ޖޯޑީ މެސްޓްރޭ، ބާސެލޯނާގެ ސީއީއޯ އޮސްކާ ގްރާއު އަދި ބާސެލޯނާގެ ލީގަލް ސާވިސްގެ ހެޑް ރޯމާ ޕަންޓީ އެވެ.
ކޮންޓްރެކްޓް ލީކުރުމުގައި މި މީހުންގެ މައްޗަށް މެސީގެ ގާނޫނީ ޓީމުން ތުހުމަތުކުރަނީ އެ ލިޔެކިޔުންތައް ފެންނާނެ މީހުންނަކީ އެ މީހުން ކަމަށްވާތީ އެވެ. މެސީގެ ކޮންޓްރެކްޓް ޝާއިއުކުރި ނޫސް ކަމަށްވާ އެލް މުންޑޯއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މެސީގެ ގާނޫނީ ޓީމުގެ އިތުރުން ބާސެލޯނާ އިން ވެސް ވަނީ ބުނެފަ އެވެ.
ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މެސީގެ ކޮންޓްރެކްޓްގެ މައުލޫމާތު ލީކުކޮށްލުމުގެ ފަހަތުގައި މިހާރު އެ ކްލަބްގެ ވަގުތީ ލީޑަޝިޕްގެ ބައިވެރިވުމެއް އެބަ އޮތެވެ. އެކަމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ ވަގުތީ ރައީސް ޓަސްކުއެޓްސް ދެއްކެވި ވާހަކަތަކެވެ. އޭނާ ވިދާޅުވީ މެސީ ވިއްކާލި ނަމަ އެއީ މާލީ ގޮތުން ބަލާއިރު ބާސެލޯނާ އަށް ގޯސް ނިންމުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ބާސެލޯނާ އިން ލީކުވި މެސީގެ ކޮންޓްރެކްޓްގައި ހުރި މައުލޫމާތު ދޮގެއް ނުކުރެ އެވެ. ކޮންޓްރެކްޓް ލީކުވި ގޮތާ މެދު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނީ މިކަމުގައި ބައިވެރިވާ ބަޔަކު ކްލަބްގެ މަގާމެއްގައި ހުރި ނަމަ ވަގުތުން ވަކިކުރަން ޖެހޭ ކަމަށެވެ.
މީޑިއާގައި ކޮންޓްރެކްޓް ލީކުވުމާ އެކީ ދެން މެސީ ބާސެލޯނާގައި އިތުރަށް މަޑުނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި މެސީ އަންނަ ސީޒަނުގައި އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު ބޮޑެވެ. އަންނަ މަހު ހަތް ވަނަ ދުވަހު ބާއްވާ ބާސެލޯނާގެ ރައީސަކު ހޮވާ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ދެ ކެންޑިޑޭޓުން ކަމަށްވާ ވިކްޓަ ފޮންޓް އާއި ޔޮއާން ލަޕޯޓާ ވެސް ވަނީ މެސީ އެ ޓީމުން ނުފެނުމުގެ ފުރުސަތު ބޮޑުވަމުން އަންނަ ކަމަށް ބުނެފަ އެވެ.
ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ފޮންޓް ބުނީ މެސީ ކްލަބް ދޫކޮށް ދިއުމަކީ ހުރިހާ ކަމެއްގެ ނިމުމެއް ނޫން ކަމަށެވެ. އެ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ ބާސެލޯނާގެ އާމްދަނީގެ ބޮޑު ހިއްސާއެއް އޮތީ މެސީއާ ގުޅިފައިކަން އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.