މަރު ކޮމިޝަނުގެ ވެރިއަކަށް ފަރީޝާ
މަރު ކޮމިޝަނުގެ ވެރިއަކަށް ފަރީޝާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ ރައީސާއަކަށް، ކޮމިޝަނުގެ މެމްބަރު، ގދ. ފަރެސްމާތޮޑާ ބަގީޗާގެ ފަރީޝާ އަބްދުﷲ ހަމަޖައްސަވައިފި އެވެ.

މިއަދު ގެޒެޓުގައި އާއްމު ކުރެއްވި ރައީސްގެ ގަރާރަކުން، ފަރީޝާއަށް މަގާމު ހަމަޖައްސަވައިދެއްވީ، މަރު ކޮމިޝަން އުފެއްދެވުމަށް 2018 ވަނަ އަހަރު އެ މަނިކުފާނު އެކުލަވައިލެއްވި ގަރާރަށް ގެންނެވި އިސްލާހެއްގެ ގޮތުގަ އެވެ.

އެ ގަރާރުގައިވާ ގޮތުން މަރު ކޮމިޝަނަށް އިތުރު ދެ ބޭފުޅުން ވަނީ އައްޔަން ކުރައްވާފަ އެވެ. އެއީ ކުރިން ވެސް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ހުންނެވި ގދ. ރަތަފަންދޫ ބަހާރީވިލާ މިސްބާހު އައްބާސް އާއި މއ. ގޯލްޑަންމޫން އަހުމަދު ނާޝިދެވެ. ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ހުސްނުއްސުއޫދަކީ މިހާރު ސުޕްރީމްކޯޓުގެ ފަނޑިޔާރެކެވެ.

ގަރާރުގައި ބުނީ، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ޖިނާއީ މައްސަލަތައް ތަހުގީުކުރާ އިދާރާއަކަށް ލިބޭ ހުރިހާ ބާރެއް، އެ ކޮމިޝަނަށް ލިިބޭނެ ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސަށް ފެނިވަޑައިގަންނަވަންދެން، ކޮމިޝަން ދެމިއޮންނާނެ ކަމަށް ވެސް ގަރާރުގައި ބުނެފައި ވެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. އެކަމަކު އެ ކޮމިޝަންގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަމުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މަރު ކޮމިޝަނުން އެންމެ ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރީ، ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގެ މައްސަލަ އެވެ. އެކަމަކު މިހާތަނަށް އައި އިރު ވެސް، އެ މައްސަލައިގެ ކޮޅެއް ފެނިފައެއް ނުވެ އެވެ.