03 ފެބުރުއަރީ 2021 - 21:03

ހާއްސަ ހުއްދައިގެ ދަށުން މާލެއިން ގދ. ތިނަދު އަށް ދިޔަ ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.
ތިނަދޫ ކައުންސިލުން ބުނިގޮތުގައި އެ ރަށަށް ދިޔައީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައިގެ ދަށުން، ޖެންޑާ މިނިސްޓްރީގެ ޓީމެކެވެ. އެ މީހުން ރަށުގައި ހޭދަކުރި މުއްދަތެއް ކައުންސިލަކަށް އަދި ސާފެއް ނުވެ އެވެ.
"އެއީ އަޅުގަނޑުމެންނަށް އެނގިގެން އަންނަ ބައެއް ނޫން. އެހެންވީމަ މި ރަށަށް ބަޔަކު އައިކަމާއި އަދި އެ މީހުން ޕޮޒިޓިވްވީކަން ވެސް މި އެނގުނީ އަދިކިރިޔާ،" ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި ތިނަދުއަށް ދިޔަ މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވީ، އެ މީހުން އެނބުރި މާލެ އައިސް ޓެސްޓު ހެދުމުންނެވެ. އެތަނުން މިހާރު އަންނަނީ އެ މީހުންނާ ބައްދަލުވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ރެންޑަމް ސާމްޕަލް ނަގަމުންނެވެ.
މީގެ ދެ ހަފުތާކުރިން، ފ. ނިލަންދުއަށް ދިޔަ، އެންވަރަމެންޓް މިނިސްޓްރީގެ މީހެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާއަށް ބަލި ޖެހިފައި ހުރިކަން އެނގުނީ، މާލެ އައިސް ޓެސްޓު ހެދުމުންނެވެ. އެހެންވެ، އެ ރަށުން ވެސް ތިރީހަކަށް މީހުން އެކަހެރިކުރަން ޖެހުނެވެ.
ކޮވިޑްގެ ތިން ވަނަ ރާޅު މިހާރު ރާއްޖެއަށް ބިންދާލާފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. މިގޮތަށް މިހާރު ރަށްރަށަށް ދަތުރު ކުރެވޭނީ ވެސް ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއަކާއެކު އެވެ.