ކޮވެކްސް ސްކީމަށް ޗައިނާ އިން 10 މިލިއަން ޑޯޒް ވެކްސިން ދެނީ
ކޮވެކްސް ސްކީމަށް ޗައިނާ އިން 10 މިލިއަން ޑޯޒް ވެކްސިން ދެނީ

ބެއިޖިން (ފެބްރުއަރީ 4) - ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާ އެކު ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން އުފައްދާފައިވާ ކޮވެކްސް ސްކީމަށް ޗައިނާ އިން 10 މިލިއަން ޑޯޒުގެ ވެކްސިން ދޭނެ ކަމަށް ބުނެފި އެވެ.

މުއްސަނދި ގައުމުތަކުން ވެކްސިން ޖަހަމުންދާއިރު ފަގީރު ގައުމުތަކަށް އެ ފުރުސަތު ނުލިބިދާނެތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްނެގުމުގެ މަތިން އުފައްދާފައިވާ ކޮވެކްސް ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ދެ ބިލިއަން ޑޯޒުގެ ވެކްސިން އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށް މި ވަގުތަށް ބޭނުންވާނެ ވެކްސިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮވެކްސް އަށް 10 މިލިއަން ޑޯޒް ވެކްސިން ދިނުމަށް ޗައިނާ އިން ނިންމާފައިވާ ކަމަށެވެ.

ޗައިނާގެ ތިން ކުންފުންޏަކުން އުފައްދާ ވެކްސިން ކޮވެކްސްގައި ބޭނުން ކުރާނެ އެވެ. އެއީ ސިނޮފާމް، ސިނޮވެކް އަދި ކޭންސިނޯ އެވެ. ޗައިނާ އިން ވަނީ ފަގީރު ގައުމުތަކަށް އެތައް މިލިއަން ވެކްސިނެއް ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ކޮރޯނާވައިރަސް ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީންނެވެ. އެ ގައުމުން ވައިރަސް އެންމެ ފުރަތަމަ ސިއްރު ކުރި ކަމަށް ބުނެ އެކި ފަރާތްތަކުން ފާޑުކިޔައިފައިވެ އެވެ.

ޗައިނާގެ އާ އަހަރާ ދިމާކޮށް އެ ގައުމުގައި މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފަ އެވެ.