09 ނޮވެމްބަރ 2016 - 09:03

ޕެރިސް (ނޮވެމްބަރު 9) - ފުޓްބޯޅަ ކެރިއަރު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ބޭނުންނަމަ ފްރާންސްގެ ޑިފެންޑަރު މަމަދޫ ސަކޯ ލިވަޕޫލް ދޫކޮށްލަން ޖެހޭ ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ޔޫރަޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި މަނާބޭހަށް ޕޮޒިޓިވް ވުމުން ޔޫއޭފާ އިން ސަކޯ ސަސްޕެންޑްކުރި އެވެ. އެހެން ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭނާ އަށް އިތުރު އަދަބެއް ނުދެ އެވެ. އޭގެ ފަހުން ސަކޯ އާއި ލިވަޕޫލާ ދެމެދު ވަނީ މައްސަލަ ބޮޑުވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސަކޯ އަށް ލިވަޕޫލް ސީނިއާ ޓީމުން ފުރުސަތު ނުދޭން ކްލޮޕް ނިންމީ ޕްރީ ސީޒަން ޓުއާގައި އެމެރިކާގައި ސަކޯގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފެނުމުންނެވެ. ކްލަބްގެ މަސްލަހަތަށް ބެލުމަށް ފަހު ޕްރީ ސީޒަން ޓުއާ ތެރެއިން ސަކޯ ވަނީ ޓީމުން ބާކީކޮށް ވަކިން ތަމްރީން ހެދުމަށް އިންގްލެންޑަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ސަކޯ އަންނަނީ ލިވަޕޫލް 23 އަހަރުން ދަށުގެ ޓީމާ އެކު މެޗުތައް ކުޅެމުންނެވެ. އަދި ދާދި ފަހުން ސަކޯ ވަނީ ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަކޯއާ ކްލޮޕާ ދެމެދު އިތުރަށް މައްސަލަ ގޯސްވީ ޓީމަށް ނާރުވާތީ ސޯޝަލް މީޑިއާގައި ސަކޯ ނުރުހުން ފާޅުކުރުމުންނެވެ.
"ސަކޯގެ އުމުރަކީ 26. މިއީ އޭނާ ގިނަ މެޗުތަކެއް ކުޅެން ޖެހޭ ދުވަސްވަރު. ޑިފެންޑަރެއްގެ ޕީކް ދުވަސްވަރު އެންމެ މަތީ ލެވެލްގައި ކުޅެގެން ކުރިއެރުން ލިބޭނީ. ލިވަޕޫލުން ފުރުސަތު ނުދޭނަމަ ސަކޯގެ ފުޓްބޯޅަ ކެރިއަރު ސަލާމަތްކުރަން އޭނާ އެބަޖެހޭ އެ ކްލަބް ދޫކޮށްލަން،" ފްރާންސްގެ ކޯޗު ޑިޝޯމްޕް ބުންޏެވެ.
އޭނާ ބުނީ ސަކޯ އަކީ މުސްތަގުބަލަށް ބަލާއިރު ފްރާންސަށް ވެސް މުހިއްމު ކުޅުންތެރިޔެއް ކަމަށެވެ. އަދި ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ސަކޯ ބޭނުންވާނެ ކަމަށް ޑިިޝޯމްޕް ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލް ދޫކޮށް ފްރާންސްގެ ނީސް އަށް ބަދަލުވި އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ވަނީ ސަކޯ އެ ޓީމަށް އަންނަން ބޭނުންވެއްޖެނަމަ މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އިންގްލެންޑުގެ ލެސްޓާ ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން ސްޕެއިނުގެ ސެވިއްޔާ އާއި އިޓަލީގެ އިންޓަ އިން ސަކޯ އަށް ބިޑް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.