03 ފެބުރުއަރީ 2021 - 20:05

އާއިލާއިން ބުނިގޮތުގައި، އުމުރުން 25 އަހަރުގެ ސަލްމާ ނަސީރާއި އޭނާގެ ފިރިިމީހާ ދިޔައީ، އަލަތު ދަރިފުޅަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ކޮޓަރި ރީތިކޮށް، ތަކެތި ހޯދައި، ގިނަ އުއްމީދުތަކެއް ދަރިފުޅާ މެދު ކުރި އެވެ. ހާއްސަކޮށް، ކައިވެންޏަށް ދެ އަހަރު ފަހުން، ދަރިއަކު ލިބޭތީ ސަލްމާ ހުރީ ވަރަށް ބޮޑަށް އުފާވެފަ އެވެ.
އެކަމަކު، ރާއްޖޭގައި މިހާރު ވަރަށް މަދުން ނޫނީ ދިމާނުވާ ފަދަ ހާލަތެއްގައި، ވިހެއުމުގެ ތެރޭގައި ސަލްމާ މިއަދު ވަނީ މަރުވެފަ އެވެ. ފިރިހެން ދަރިފުޅު ވިހޭތާ ދެ ގަޑިއިރު ފަހުން، މިއަދު މެންދުރު ސަލްމާ މަރުވީ، އޭނާ ވިއްސި އޭޑީކޭ އިން ބުނިގޮތުގައި، ލޭ މަނާނުވެގެންނެވެ.
ތުއްތު ދަރިފުޅުގެ ހާލު ރަނގަޅެވެ. އެކަމަކު ސަލްމާގެ ކުއްލި ވަކިވުމާ ގުޅިގެން އާއިލާ އަށް ލިބިފައިވަނީ ހިތާމަ އާއި ކުއްލި ސިހުމެކެވެ.
އާއިލާއިން ބުނިގޮތުގައި ސަލްމާ މަރުވިކަން އޭނާގެ ފިރިމީހާ އަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ.
"ޝޮކެއްގައި އަދިވެސް އޭނާ ހުރީ. އަނެއްހެން ވާހަކަ ވެސް ނުދައްކާ،" ގއ. މާމެންދޫ ޒުވާނާގެ އާއިލާގެ މީހަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ކައިވެންޏަށް ދެ އަހަރު ވީ ތަނުން، ސަލްމާ ބަނޑުބޮޑުވި އިރު އެއްވެސް ސިއްހީ މައްސަލައެއް ނުޖެހެ އެވެ. ވިހެއުމާ ހަމައަށް ވެސް އޭނާގެ ހާލު ރަނގަޅެވެ. އާއިލާ މީހުން، އެ ދެމަފިރިން ސިފަކުރީ ވަރަށް ލޯބިން އުޅުނު ބައެއްގެ ގޮތުގަ އެވެ. އެހެންވެ، ތުއްތު ދަރިފުޅާއި ފިރިމީހާ އަދި އާއިލާ ދޫކޮށް، ކުއްލި ގޮތަކަށް ސަލްމާ މަރުވުމަކީ އެންމެންނަށް ވެސް ލިބުނު ބޮޑު ހިތާމައެކެވެ.
އެ ދެމަފިރިން މާލޭގައި ދިރިއުޅުނު ނަމަވެސް، ސަލްމާގެ އާއިލާ އުޅެނީ ރަށުގަ އެވެ. ދަރިފުޅުގެ މަރުގެ ހަބަރާ އެކު އޭނާގެ ބައްޕަ އާއި އާއިލާގެ އެހެން މީހުން މިހާރު ވަނީ މާލެ އައިސްފަ އެވެ. ސަލްމާގެ ޖަނާޒާ އޮންނާނީ މިރޭ 10:00 ގައި އާ ސަހަރާގަ އެވެ.
ސަލްމާއާ ގާތް ގުޅުމެއް އޮންނަ އާއިލާގެ މީހަކު ބުނިގޮތުގައި ދަރިފުޅާ މެދު ގިނަ އުއްމީދުތަކެއްކޮށް، އެ ދަރިފުޅު އުރާލުމުގެ އުފާ ވެސް ނުލިބި، މަންމަ ވަކިވެގެން ދިޔުމަކީ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ.
"ވަރަށް އަވަހަށް ދަރިފުޅު ފެންނާނޭ ކިޔައި ވަރަށް އެކްސައިޓްވެގެން އޭނާ މި ފަހުން އުޅުނީ. އެކަމަކު ދަރިފުޅު އުރާ ވެސް ނުލެވި އޭނާ އެ ދިޔައީ،" އާއިލާގެ މީހާ ކިޔައިދިނެވެ.
"ދަރިފުޅު ފެންނައިރަށް ހަމަ އެހެން ހިތަށްއަރަނީ."
ވިހެއުމުގެ ތެރޭގައި މައިން މަރުވުމަކީ ރާއްޖޭގައި މިހާރު ވަރަށް މަދުން ދިމާވާ ކަމެކެވެ.
އޭޑީކޭގައި މި ހާދިސާ ދިމާވި ގޮތް އެ ހޮސްޕިޓަލުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.