03 ފެބުރުއަރީ 2021 - 17:48

މާލޭގައި ދިރިއުޅެން ދަތިވެ، ދަރިންނާއެކު ރަށަށް ބަދަލުވާން ބޭނުންވާ މީހުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
މާލޭގައި އުޅޭ 500 އާއިލާއެއް، އަމިއްލަ ރަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާއިރު، އެ އާއިލާތަކަށް ސަރުކާރުން މާލީ އެހީއެއް ދޭނެ އެވެ. އެއީ ރަށުގައި ދިރިއުޅުން ފަށައިގަތުމަށް ދޭ ލޯނުގެ އެހީ އަކާއި ހަ މަސް ވާންދެން ދޭ އެލަވަންސެކެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަށަށް ބަދަލުވާން އެދޭ ފަރާތްތަކުން، އެކަމަށް ހާއްސަކޮށްފައިވާ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާން އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމު" ފުރިހަމަކޮށް، އެތަނަށް ހުށަހެޅުމަށެވެ.
އެ ފޯމު ޖެންޑާ މިނިސްޓްރީންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ، ބަދަލުވާން އެދޭ ރަށެއްގެ ރަށު ކައުންސިލަށެވެ.
ސަރުކާރުން، 26 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ރަށަށް ބަދަލު ކުރާނީ އަމިއްލައަށް އެކަމަށް އެދޭ މީހުންނެވެ. އަމިއްލަ މީހެއްގެ ބަދަލުގައި އެއީ އާއިލާއަކަށް ވާން ޖެހެ އެވެ. ކުޑަކުދިން ތިބޭނަމަ، އިސްކަން ދޭނެ އެވެ.
ރަށަށް ބަދަލު ކުރާނެ މީހުން، އެ ކަމާ ބެހޭ ކޮމެޓީއަކުން އެސެސް ކުރާއިރު، އާއިލާގައި މީހުން ތިބި އަދަދާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލީ ހާލަތާއި ބަދަލުވާ ރަށުގައި ބޯހިޔާވަހިކަން ހުރިތޯ ކޮމެޓީން ބަލާނެ އެވެ.
ރަށުގައި ހުރި ގެ މަރާމާތުކޮށް، ބައެއް ފަރުނީޗަރު ހޯދުމަށް، 20،000 ރުފިޔާގެ ލޯނެއް ސަރުކާރުން ދޭނެ އެވެ. އަދި އާއިލާއިން އާއްމު ހާލަތަށް ރުޖޫއުވުމަށް، ހަ މަސް ވާންދެން، 3،000 ރުފިޔާގެ އެލަވަންސެއް ދޭއިރު، އަމިއްލަ މަސައްކަތެއް ފެށުމަށް ނުވަތަ ފަންނީ ކަމެއް ދަސް ކުރުމަށް، ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފަ އެވެ.