ޓެރަރިސްޓެއް ކަމަށް ބުނާ އަމީން ގޭބަންދަށް ބަދަލުކޮށްފި
ޓެރަރިސްޓެއް ކަމަށް ބުނާ އަމީން ގޭބަންދަށް ބަދަލުކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭ ބަންދަށް މިއަދު ބަންދުކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން ހައްޔަރު ކުރި ފުވައްމުލަކަށް ނިސްބަތްވާ އަމީނަކީ، ޓެރަރިސްޓް ޖަމާއަތް، އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މީހެކެވެ. އޭނާ ހައްޔަރުކޮށް ދައުވާކޮށްފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގަ އެވެ.

އަމީންގެ ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމީ، އެކަށީގެންވާ ބޭސް ފަރުވާ ލިބެން ނެތް ކަމަށް ބުނެ އެވެ. ރާއްޖެ ބަލި ހުންނަ އަމީނަށް، އެކި ފަހަރު މަތިން ފަރުވާ ދީފައިވާ ކަމަށް، ކަރެކްޝަންސްގެ އޮފިޝަލުން، މިއަދުގެ ޝަރީއަތުގައި ބުނެފައި ވެ އެވެ. ނަމަވެސް އިސް ގާޒީ އަހުމަދު ޝަކީލު ނިންމެވީ، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭތީ އާއި ގޮޅިން ނިކުމެ ކަސްރަތުކޮށް ހެދުމުގެ ހައްގު ނުލިބޭތީ ގޭބަންދަށް ބަދަލު ކުރުމަށެވެ.

އަމީން ގޭ ބަންދަށް ބަދަލު ކުރީ، ތުހުމަތު ކުރެވޭ ފަދަ އެހެން ކުށެއް ނުކުރުމާއި ގެއިން ބޭރަށް ނިނުކުތުމާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފަ އެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ވަނީ މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.

އަމީނަކީ، ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. އޭރު އަމީން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.