ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް ހުޅުވައިފި
ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް ހުޅުވައިފި

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމާއި އެފަދަ މައްސަލަތަކުގައި ޖަލަށް ހުކުމްކޮށްފައި ތިބި މީހުން، އެހެން ގައިދީންނާ ވަކިކުރަން ނިންމައި، ހާއްސަ ޔުނިޓެއް ގާއިމްކޮށްފި އެވެ.

މާފުށީ ޖަލުގައި، "ސްޕެޝަލް މެނޭޖްމެންޓް ޔުނިޓް"ގެ ނަމުގައި މިއަދު ހުޅުވި ހާއްސަ ޔުނިޓުގައި، ދީނީ ހަރުކަށި ފިކުރުގެ ގައިދީން ރިހިބިލިޓޭޓް ކުރާނެ އެވެ. ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި، 100 ގައިދީންގެ ޖާގައިގެ މި ޔުނިޓުގައި، ހަރުކަށި ފިކުރުގެ މީހުން ރިހިބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި އަލުން މުޖުތަމައުއަށް ގެނައުމަށް މަސައްކަތް ކުރާނެ އެވެ.

އެތަން މިއަދު ހުޅުވައިދެއްވުމަށް ފަހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އެންމެ ފުޅާކޮށް ފެތުރޭ އެއް ސަބަބަކީ އެފަދަ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި އެހެން ގައިދީން މަސްހުނިވުން ކަމަށެވެ. އަދި އޭގެ ސަބަބުން ޖަލުގައި ވެސް އެ ފިކުރު ފެތުރޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަދު ހުޅުވި ހާއްސަ ޔުނިޓާއެކު، ހަރުކަށި ފިކުރުގެ ގައިދީން، އެހެން ގައިދީންނާ ވަކިކޮށް، އެ މީހުން ރިހިބިލިޓޭޓް ކުރުމަށް މަގުފަހި ވާނެ އެވެ.

"މީ ހަރުކަށި ފިކުރުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތަށް ލިބުނު ކުރިއެރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި، ގައިދީން ރިހިބިލިޓޭޓް ކުރުމަށް، ހާއްސަ ޕްރޮގްރާމްތަކެއް ހިންގާއިރު، ޔުނިޓު ހިންގުމަށް، "ސްޓެންޑަޑް އޮޕަރޭޓިން ޕްރޮސީޖާސް" ނުވަތަ އެސްއޯޕީއެއް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ. އެސްއޯޕީ އެކުލަވާލާފައިވަނީ، އދ.ގެ މަސްތުވާތަކެއްޗާއި ކުށްކުރުމާ ގުޅޭ ބައި، ޔޫއެންއޯޑީސީ އާއި އީޔޫގެ އެހީއާ އެކު އެވެ.

ދީނީ ހަރުކަށި ފިކުރު ދިވެހިންގެ ތެރޭގައި މިހާރު އާއްމުވަމުން އަންނައިރު، އެކަމާ ގުޅިގެން ވޭތުވެ ދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައި ވެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވެސް، އެ ފަދަ ބަޔަކު، ތ. ތިމަރަފުށިންނާއި ރ. މަޑުއްވަރިން ވަނީ ހައްޔަރުކޮށްފަ އެވެ.