ދިރާގުގެ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރުމަށް އެދެފި
ދިރާގުގެ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރުމަށް އެދެފި

ކޮވިޑްގެ ތިން ވަނަ ރާޅުގެ މި ހާލަތުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިރާގުގެ ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް ހިދުމަތް ހޯދަން އެދެފި އެވެ.

ދިރާގުން ބުނީ އިންޓަނެޓާއި މޯބައިލް ޕެކޭޖުތައް ބަދަލުކޮށް ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ޕެކޭޖުތަކުގެ ޔޫސޭޖު ބަލާލައި ބިލް ދެއްކުމާއި ދިރާގުގެ އެހެން ހިދުމަތްތައް ހޯދުމަށް ކަސްޓަމާ ކެއާތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް މިހާރު ހުޅުވިފައި ހުއްޓަސް ހިދުމަތް ހޯދަން އެޕޮއިންޓްމަންޓް ހައްދަން ޖެހެ އެވެ. އަދި އެޗްޕީއޭއިން އަންގާފައިވާ ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް ހިދުމަތްދޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށެވެ.

ދިރާގުން މިގޮތަށް ހިދުމަތް ދިނުމުގައި އާ ކަސްޓަމަރުންނަށް އިސްކަންދޭނެ އެވެ. އަދި އެހެން ކަސްޓަމަރުން ދިރާގު މައި އެކައުންޓް މެދުވެރިކޮށް ހިދުމަތް ހޯދަން ދިރާގުން އެދެ އެވެ.

ދިރާގުން ބުނީ މައި އެކައުންޓަށް ރަޖިސްޓާ ނުވާ ކަސްޓަމަރުން ވެސް ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓާވާން އެދޭ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް މަދު ވުމަށް ފަހު އަނެއްކާވެސް ވަނީ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ކޭސްތައް އިތުރުވެފަ އެވެ.