08 ނޮވެމްބަރ 2016 - 14:58

ވޮޝިންޓަން (ނޮވެމްބަރު 8) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން މިއަދު ފަށާއިރު އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ވެސް ކުރީގައި އުޅުއްވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން އެވެ.
އެއް ބަޔަކު ބުނަނީ މިއީ އެމެރިކާގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ވާދަވެރި އިންތިޚާބު ކަމަށެވެ. އެކަމަކު އެންމެ ފަހުގެ އެވްރެޖް ޚިޔާލު ހޯދުންތަކުގައި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ވުރެ ހިލަރީ އުޅުއްވަނީ 3.2 ޕަސެންޓް ކުރީގައި ކަމަށް ރިއަލްކްލިއާޕޮލިޓިކްސް އިން ބުނެފައިވެ އެވެ.
ހިލަރީ އަށް މި ނަތީޖާ އައިސްފައި ވަނީ ޚާރިޖީ ވަޒީރުކަމުގައި އަމިއްލަ އީމެއިލް ސާވާ ބޭނުންކުރި މައްސަލައިގައި އާ ތަހުގީގެއް ކުރަމުންދާ ކަމަށް އެފްބީއައި އިން ބުނި ނަމަވެސް އެ ކަމުގައި އެކަމަނާގެ މައްސަލައެއް ނެތް ކަމަށް އެފްބީއައި އިން ބުނެފައި ވަނިކޮށެވެ.
ސީބީއެސްގެ ޚިޔާލު ހޯދުންތަކުގައި ހިލަރީ އުޅުއްވަނީ ހަތަރު ޕަސެންޓޭޖް ޕޮއިންޓް ކުރީގަ އެވެ. ހިލަރީ އަށް 45 ޕަސެންޓް ލިބިވަޑައިގަންނަވާ އިރު ޓްރަމްޕަށް ލިބިވަޑައިގަންނަވާނެ ކަމަށް ސީބީއެސް އިން ލަފާކޮށްފައި ވަނީ 41 ޕަސެންޓެވެ. އިންތިޚާބުގައި ދެން ވާދަކުރައްވަނީ ލިބަޓޭރިއަން ޕާޓީގެ ކެންޑިޑޭޓް ގެރީ ޖޯންސަން އާއި ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން އެވެ. ޖޯންސަން އަށް ފަސް ޕަސެންޓް އަދި ސްޓެއިން އަށް ދެ ޕަސެންޓް ވޯޓު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ އިލެކްޓޯރަލް ވޯޓް ވެސް ހިލަރީ ކާމިޔާބު ކުރައްވާނެ ކަމަށް އެމެރިކާގެ ގިނަ މީޑިއާތަކުން ލަފާކޮށްފައިވެ އެވެ. އެންބީސީ އިން ލަފާކުރާ ގޮތުގައި ހިލަރީ އަށް 274 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެ އެވެ. ޓްރަމްޕަށް 170 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.
އެންމެ ނުފޫޒުގަދަ އެއް ވެބްސައިޓް ކަމަށްވާ ފައިވްތާޓީއެއިޓް.ކޮމް އިން ލަފާކުރާ ގޮތުގައި ހިލަރީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ 68.3 ޕަސެންޓް ފުރުސަތު ބޮޑެވެ. ޓްރަމްޕް ރައީސް ކަމަށް ހޮވުމުގެ ފުރުސަތަކީ 31.6 ޕަސެންޓް ކަމަށް ވެސް އެ ވެބްސައިޓުން ބުނެފައިވެ އެވެ.