03 ފެބުރުއަރީ 2021 - 15:58

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ އަހަރުގެ މާޗު މަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް، އިތުރު އެއް މަހަށް ދަންމާލައިފި އެވެ.
ބަލިން ސަލާމަތްވުމަށް ރާއްޖޭގައި އެންމެ ފުރަތަމަ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މާޗު 12، 2020 ގައި އެއް މަސް ދުވަހަށެވެ. އެކަމަކު ރާއްޖޭގައި އަދި ވެސް ހަލުއިކަމާއެކު ބަލި ފެތުރުމުގެ ނުރައްކާ އޮތުމުން، ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ ދަންމާލައިފަ އެވެ.
މިއީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 11 ވަނަ ފަހަރެވެ.
އެ މުއްދަތު އިތުރުކޮށްފައިވަނީ ކޮވިޑް ފެތުރުމުގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވުމުންނެވެ.
"ބުނެވިޔަ ގާނޫނުގެ ދަށުން، އަހުރުންނަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މާޗު 12، 2020 އިން ފެށިގެން އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މާޗު 5، 2021 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިއުލާނުކޮށްފީމެވެ،" ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވެ އެވެ.
އޭގެ އިތުރުން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމިއިރު، ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު، އެ ބަލި ކޮންޓްރޯލްކުރަން ވެކްސިން ދޭން ވެސް ވަނީ ފަށައިފަ އެވެ.