03 ފެބުރުއަރީ 2021 - 16:41

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައި ހުރި ފްލެޓްތަކުގައި ފެނުގެ ޕްރެޝަރުގެ މައްސަލައެއް ދިމާ ނުވާނެ ކަމަށާއި އެތަނުގައި ހުރި 7،000 ފްލެޓަށް ބޭނުންވާ ފެނުގެ ހިދުމަތް ގާއިމްކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީން މިހާތަނަށް ހިންގި އެންމެ ބޮޑު ޕްރޮޖެކްޓާ ގުޅޭ ގޮތުން ޝާހު ވިދާޅުވީ، 25 ބުރީގެ 16 ޓަވަރަށް ބޭނުންވާ ފެނުގެ ހިދުމަތުގެ ހުރިހާ މަސައްކަތް ނިމިފައިވާ އިރު ކޮންމެ ޓަރަވެއްގެ ކޮންމެ ހަތަރު ފްލޯއަކަށް ބޫސްޓާ ޕަމްޕެއް އިންސްޓޯލްކޮށްފައިވާ ކަމަށެވެ.
"އެ އިމާރާތްތަކަށް ފެނުގެ މައްސަލައެއް ދިމައެއް ނުވާނެ. ފެނުގެ ހިދުމަތް ފުރިހަމައަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ، 25 ބުރީގެ ހައި ރައިޒް އިމާރާތްތަކުގައި ފެނުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޓެކްނިކަލް ކެޕޭސިޓީ އާއި ޒަމާނީ ވަސީލަތްތައް އެ ކުންފުނީގައި ހުރުމުން އެކަން ކުރުމުގައި މާ ބޮޑު އުނދަގޫތަކެއް ކުރިމަތިނުވާ ކަމަށެވެ. އެހެން ނަމަވެސް ފެނުގެ ހިދުމަތުގެ ސްޓޭންޑަޑްތައް ބަލަހައްޓައި އެއްވަރެއްގައި ބެހެއްޓުމަށް އެކަމާ ގުޅޭ ފުރިހަމަ ގަވައިދެއް ނެތުމަކީ ފެނުގެ ހިދުމަތް ދިނުމުގައި އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަނގަޅު ރެގިއުލޭޝަނެއް ނެތުމުން އަޅުގަނޑުމެންނަށް މާލޭގެ ހުރިހާ ބިލްޑިންތަކެއްގެ ފެނުގެ ހިދުމަތުގެ ސްޓޭންޑަޑް ކަށަވަރު ކުރެވެނީ ހަމައެކަނި އަޅުގަނޑުމެންގެ ފެން މީޓަރާ ހަމައަށް،" އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގައިދާނެ އަލިފާނުގެ ހާދިސާއަކަށް ބަލައިގެން ޕްރެޝަރުގައި ފެން ދޫކުރުމަށް ހާއްސަކޮށް ހައިޑްރެންޓް ޕަމްޕް ވެސް ވަނީ ބަހައްޓައިފަ އެވެ.
އެމްޑަބްލިއުއެސްސީން ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ފެނުގެ ހިދުމަތުގެ މަސައްކަތް އެއްކޮށް ނިންމާލީ މިދިޔަ މަހު އެވެ. ހިޔާ ފްލެޓުގެ ބައެއް ޓަވަރުތަކުގައި ކޮންމެ ފްލޯއަކު 20 ފްލެޓް ހުންނަ އިރު ކޮންމެ ފްލެޓެއްގައި މަތުވެގެން ފަސް ވަރަކަށް މީހުން އުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެހެން ކަމުން މީގެ ކޮންމެ ޓަވަރެއްގެ ފްލޯޢެއްގައި 100 މީހުން ދިރިއުޅޭނެ އެވެ. އަދި 16 ޓަވަރުގައި ޖުމްލަ 40،000 މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެ އެވެ.