03 ފެބުރުއަރީ 2021 - 15:28

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ކާފިއުއާ ގުޅިގެން، ރޭގަނޑު 10:30ގެ ފަހުން ޕަބްލިކް ޓްރާސްޕޯޓުގެ ހިދުމަތްތައް ހުއްޓާލާނެ ކަމަށާއި އެކަމަކު އިމަޖެންސީގައި ހިދުމަތް ދޭން ޓެކްސީ ސެންޓަރުތަކަށް ހުއްދަތަކެއް ދޫކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމުން މިހާރު ވަނީ ރޭގަނޑު 8:30 -4:30 ގެ އަށް ވެހިކަލް ދުއްވުން މާލެ ސަރަހައްދުގައި މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ފުލުހުންގެ ސުޕްރިންޓެންޑެންޓް، ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ހުސެއިން ސަމީރު ވިދާޅުވީ މިރެއިން ފެށިގެން 10:30 ގައި ޕަބްލިކް ޓްރާސްޕޯޓުގެ ހިދުމަތްތައް ހުއްޓާލާނެ ކަމަށެވެ. މީގެ ތެރޭގައި ބަހުގެ ހިދުމަތާއި މާލެއިން ވިލިމާލެ ހުޅުމާލެ އަދި ތިލަފުއްޓަށް ކުރާ ފެރީގެ ދަތުރު ވެސް ހިމެނެ އެވެ. އެ ހުރިހާ ތަންތަނަކަށް ވެސް އެންމެ ފަހުގެ ދަތުރު ފަށާނީ 10:30 ގަ އެވެ.
އޭނާ ވިދާޅުވީ ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ޒަރޫރީ ބޭނުމެއްގައި ތަނަކަށް ދާން ޖެހިއްޖެ ނަމަ އެ ކަންކަމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދީފައިވާނެ ކަމަށެވެ.
- ދުއްވުން މަނާ ވަގުތުގައި ފެނާއި ގޭހުގެ ހިދުމަތް ދިނުމަށް ކޮންމެ ކުންފުންޏަކަށް ދެ ވެހިކަލް ބޭނުންކުރެވޭނެ، ހިދުމަތް ލިބޭނީ 11:00 އާ ހަމައަށް
- އިމަޖަންސީ ބޭނުންތަކަށް މާލެ އަދި ހުޅުމާލޭގައި ޕެޓްރޯލް ޝެޑުން ރޭގަނޑު 8:00 ގެ ފަހުން ހިދުމަތް ލިބޭނެ
ހުސެން ވިދާޅުވީ އެކި ކަންކަމަށް ވަޒީފާއަށް ނުކުންނަ މީހުން، އެ މީހުންގެ ވަޒީފާއާ ގުޅިފައިވާ އައިޑީ ގެންގުޅެން ޖެހޭނެ ކަމަށެވެ. ސެކިއުރިޓީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ވަޒީފާގެ ބޭނުމަށް ބޭރަށް ދާއިރު ފާސް ހިފައިގެން އުޅުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
މީގެ ކުރިން، ކާފިއުއާ ހިލާފަށް އަމަލުކުރާ ނަމަ ޖޫރިމަނާ ކުރަނީ ނަސޭހަތް ދިނުމަށް ފަހު އެވެ. ނަމަވެސް މިހާރު ޖޫރިމަނާ ކުރުމުގައި ނަސޭހަތް ނުދީ ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.