03 ފެބުރުއަރީ 2021 - 13:06

ނުރައްކާތެރި ބަލިމަޑުކަމަކުން ފުރާނަ ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުއީ މަގުސަދުތަކުގެ ނަޒަރުން ބަލާއިރު ޒަރޫރީ ކަމެއް ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ވެސް ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ވެކްސިން ޖަހަމުންދާ މި ދަނޑިވަޅުގައި، އެ ވެކްސިނާ މެދު ސުވާލު އުފައްދައި އެކަމާ ދެކޮޅަށް ވެސް އެއް ބަޔަކު ދަނީ ކެމްޕެއިން ކުރަމުންނެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި އެއް މަގުސަދަކީ ފުރާނަ ސަލާމަތްކުރުން ކަމަށެވެ. އެހެންވެ، މާތްﷲގެ ހަޟްރަތަށް ވަކީލުކޮށް ސިއްހީ މާހިރުންނަށް އިތުބާރުކޮށް ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެން ވެކްސިން ޖެހުމަކީ މުޅި މުޖުތަމައުއަށް ހޯދައިދެވޭނެ ރައްކާތެރިކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމަށް ކުރިމަތިވެފައިވާ މި ނާޒުކު ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި ގައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ގައުމު ރައްކާތެރި ބަނދަރަކަށް ގެންދިއުމަށް އެންމެން އެކީ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރަންޖެހޭ،" ޝަހީމްގެ ޓްވީޓުގައި ވެ އެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 16،155 އިން މައްޗަށް އަރާފައިވާއިރު އެ ބަލީގައި 52 މީހަކު މަރުވެފައި ވެ އެވެ. މި ވަގުތު ވެސް 1،833 މީހަކު ކޮވިޑަށް ފަރުވާ ހޯދަ އެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ އޮކްސްފޯޑް ވެކްސިނެވެ. އިންޑިޔާ އިން ވަނީ މީގެ އެއްލައްކަ ޑޯޒް ހަދިޔާ ކޮށްފަ އެވެ. އަދި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން އިތުރު ހަތް ލައްކަ ޑޯޒް ވެކްސިން ގަންނަން ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. ރާއްޖެއަށް ބޭނުންވާ ވަރަށް ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ވެކްސިން ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިންއާ މެދު ރައްޔިތުން ހާސްވާން ނުޖެހޭނެ ކަމަށެވެ. އެ ކެމްޕޭން ނިންމާނީ ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީން ހިމެނޭ ގޮތަށް އެންމެންނަށް ވެކްސިން ދިނުމަށް ފަހު ކަމަށް، ވެކްސިން ޖަހަން މިދިޔަ ހޯމަ ދުވަހު ކެމްޕޭން ފެއްޓެވުމަށްފަހު ނަސީމް ވިދާޅުވި އެވެ.
ހުރިހާ ހޮސްޕިޓަލެއްގައި މިއަދު ކޮވިޑް ވެކްސިން ޖަހަން ފަށާއިރު މާދަމާ ހުރިހާ ރަށެއްގެ ހެލްތު ސެންޓަރެއް ހިމެނޭހެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ޖަހަން ފަށާނެ އެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ދީ އެ ބަލިމަޑުކަމުން އަރައިގަތުމެވެ.