03 ފެބުރުއަރީ 2021 - 13:41

ކޮވިޑް-19ގެ ބިރުވެރި ތިން ވަނަ ރާޅު ބިންދާލައިފި އެވެ. ކޮންމެ ދުވަހަކު މުޅި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ. ކޮވިޑްގެ އާ ވޭރިއެންޓް އުޅޭކަން ޔަގީންވެ، ހައި ރިސްކު ގައުމަކަށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ރާއްޖެ ބަދަލުވީ އެވެ.
އެކަމަކު މި ނުރައްކަލުން ސަލާމްވާން އޮތް އެންމެ ކުރު އަދި ރައްކާތެރި މަގު ކަމަށް ވާ ވެކްސިން ދިނުމާ ދެކޮޅަށް ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކާއި ސޯޝަލް މީޑިއާގައި މަދު ބަޔަކު ފާޅުކުރާ، ސައިންޓިފިކް އެއްވެސް ހެއްކެތް ނެތް ހާސަރުގަނޑުން ބައެއް ދިވެހިންނަށް ނުބައި އަސަރު ވެސް ކުރަމުން ދެ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ފެނުނު މަންޒަރެއް ނޫނެވެ. އާންމު ސިއްހަތުގެ ނުރައްކަލެއް ކުރިމަތިވި ކޮންމެ ފަހަރަކު އޭރަކު އޮންނަ ސަރުކާރަކުން އަޅާ ފިޔަވަޅުތައް ގަބޫލުކޮށް، އެއަށް އަމަލްކުރި އެވެ. ވެކްސިން ދިނުމުގައި ރާއްޖެއަކީ ދުނިޔެއަށް ވެސް ނަމޫނާ ގައުމެކެވެ. ވަކިވަކިން އޮތް ރަށްތަކެއް ނަމަވެސް، ވެކްސިން ފޯރުކޮށްދިނުމުގައި ސަރުކާރުތަކުން އޭރަކު ލިބެން އޮތް އެންމެ އަވަސް ވަސީލަތްތައް ބޭނުންކުރި އެވެ. ސިއްހީ އެހީތެރިން ގައުމީ ހިދުމަތުގައި ދެމިތިއްބެވެ.
އެކަމަކު މިހާރު ރާއްޖެ އޮތީ ކޮންމެ ކަމެއް ސިޔާސީކުރުމުގެ ސަގާފަތެއްގަ އެވެ. ކޮވިޑާ ދެކޮޅު ވެކްސިން ވެސް، ބައެއް މީހުންނަށް ފެންނަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގަ އެވެ. އެހެންކަމުން އާންމުންނާ ހަމައަށް ރަނގަޅުު، ތެދު މައުލޫމާތު ފޯރުވަން ކުރިއަށް ވުރެ ބޮޑެތި ހުރަސްތަކެއް އެބަ ހުއްޓެވެ. އެ ހުރަސްތައް ނައްތާލަން ނަމޫނާ ދައްކާ ދިވެހިންނަށް ސާބަހެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ރާއްޖޭގެ ގަދަރުވެރި އަދި ހިދުމަތްތެރި އެތައް ބަޔަކު ހިމެނެ އެވެ.
ކޮންމެ ޑޮކްޓަރަކު ވެސް ވެކްސިން ޖަހަން ނުކުންނަނީ، އެއީ ރައްކާތެރިކަމަށް މި ވަގުތު އޮތް އެންމެ ބޮޑު ހައްލުކަމުގައި ދެކިގެންނެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އިމޮނައިޒޭޝަންގެ ޗެއާ އަދި އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު، އަހްމަދު ފައިސަލް ވިދާޅުވި ގޮތުގައި އޭނާ ވެކްސިން ޖެއްސެވީ، އެންމެންގެ ވެސް ރައްކާތެރިކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ތިމާއަށް ބަލި ނުޖެހެންޏާ ތިމާގެ ފަރާތުން އެހެން މީހުންނަކަށް ވެސް ނުޖެހޭނެ އެވެ. އަދި އަވަހަށް ވައިރަސް ހުއްޓުވިއްޖެ ނަމަ ވައިރަސްގެ އާ ވޭރިއެންޓް އައުން ވެސް ހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.
"ވެކްސިން ޖައްސަވާ. ރައްކާތެރިކުރައްވާނީ މާތްﷲ،" ވެކްސިން ޖެއްސެވުމަށް ފަހު ނެންގެވި ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި ޑރ. ފައިސަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗާއި އޭޑީކޭ އާއި މާލެ ސަރަހައްދުގެ ސިއްހީ ހިދުމަތް ދޭ އެހެން ތަންތަނުގައި މަސައްކަތްކުރާ ގިނަ ސިއްހީ އެހީތެރިން މިހާރު ވަނީ ވެކްސިން ޖަހައިފަ އެވެ. އެ އެންމެންގެ ވެސް އަޑަކީ، ވެކްސިނާ އެކު، އެންމެން އެކުވެގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމެވެ.
ވެކްސިނާ ގުޅޭ ގޮތުން ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވީ "ދުލުން ބުނުމަށް ވުރެ އިތުބާރު ހިފަން ބޭނުން ބަޔަކަށް، އަމަލުން މިސާލު ދައްކައިދެވިއްޖެ" ކަމަށެވެ. އަދި އޭނާ ވެސް ވެކްސިން ޖެއްސެވީ ހިތްހަމަޖެހުމާއި އުއްމީދާ އެކީގައި ކަމަށާއި ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.
"ބޮޑު ރާޅެއް އެހެރަ ނަގަނީ. މޮޅީ ވެކްސިން ޖެހުން،" ޑރ. ނިޔާފް ވިދާޅުވި އެވެ.
ކޮވިޑް ފެތުރުނު ދުވަސްވަރު އަހަރެމެން އެންމެންނާ އެންމެ ގާތްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޑރ. މުހައްމަދު އަލީ އާއި ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު މޫސާ ހަސަން ފަދަ ބޭފުޅުން ވެސް ވެކްސިން ޖައްސަވާފައި، އެކަން އާންމުކުރެއްވި އެވެ.
ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމް.ޔޫ މަނިކު) ދެއްކެވި ނަމޫނާ ވެސް ކުޑައެއް ނޫނެވެ. އުމުރުން ދުވަސްވީ ބޭފުޅަކަށް ވެފައި ހައި ރިސްކް ކެޓެގަރީއަށް ނިސްބަވެވަޑައިގަތަސް، އާ ވެކްސިނާ މެދު އޭނާގެ ހިތްޕުޅުގައި ޝައްކެއް ނެތެވެ.
"މިއާ ދޭތެރޭގައި ޝައްކެއް އޮވެގެން ނުވާނެއޭ. އަޅުގަނޑުމެންނަށް ހަމަ އެނގޭ މި ވެކްސިން [ރަނގަޅުކަން]،" ވެކްސިން ޖެއްސެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޔުނިވާސަލްގެ ޗެއާމަން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ހުރިހާ ބޭފުޅުން ވެސް، އެއްވެސް ބިރެއް ނުގަނެ ހަމަ ވެކްސިން ޖަހަންވީއޭ."
އެމް.ޔޫ މަނިކު ފަދަ ބޭފުޅުންނަކީ ވެކްސިންގެ ހަރަކާތްތައް ރާއްޖޭގައި އެންމެ ފުރަތަމަ ފެށިގެން އައި އިރު ވެސް އެކަންކަން ތަޖުރިބާކުރެއްވި ބޭފުޅުންނެވެ. ސިއްހީ ކަންކަމުގައި، އަދި ހާއްސަކޮށް ބަލިމަޑުކަމުގެ ދުވަސްވަރެއްގައި އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ދެރައެއް، ނިކަމެތިކަމެއް އަންނާނެ ގޮތަކަށް ގަސްދުގައި މަސައްކަތްނުކުރާނެ ކަމަށް، އެފަދަ ބޭފުޅުންނަށް ގަބޫލުކުރެއްވޭނެ އެވެ.
ވެކްސިން ޖަހަން ރައްޔިތުންނަށް ހިތްވަރުދީ، އެކަން ކުރަން ބާރުއަޅަން ސިއްހީ ހިދުމަތްތެރިންނާއި އާންމުންގެ ގިނަ ބަޔަކު ކުރާ މަސައްކަތް އޮތީ ކުރިއަށެވެ. މިވަގުތު މި ބަލިމަޑުކަމުން ކިރިޔާާ ވެސް ސަލާމަތެއް ވާން އޮތް އެންމެ ބޮޑު ފަރުވާއަކީ ވެކްސިންކަން، އެ މީހުންނަށް އެނގެ އެވެ. އެހެންކަމުން އާންމުންގެ ހިތުގައި ޝައްކާއި ވަހުމް އުފައްދައި، މުޅިން ނުބައި މައުލޫމާތު ފަތުރަން މަސައްކަތްކުރާ މަދު ބައެއްގެ ވާހަކަތަކުގެ ރައްދަށް ތެދު މައުލޫމާތާއި ހަގީގަތް، އެމީހުން އެ އަަންނަނީ ހާމަކުރަމުންނެވެ.
ޑރ. ނިޔާފް ވިދާޅުވި ގޮތަށް "ދުލުން ބުނުމަށް ވުރެ އިތުބާރު ހިފަން ބޭނުން ބަޔަކަށް، އަމަލުން މިސާލު ދައްކައިދެވިއްޖެ" އެވެ.