03 ފެބުރުއަރީ 2021 - 11:38

ރާއްޖޭގައި މިއަދު ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެކްސިން ދޭން ފެށިއަސް އެތަންތަނަށް ގޮސް ކިޔޫ ޖެހެން ނުޖެހޭނެ ކަމަށާއި ހެލްތު ޕޯޓަލްގައި ރަޖިސްޓްރީވުމުން ވެކްސިން ޖެހުމުގެ އެޕޮއިންޓްމެންޓް ދޭން ގުޅާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން އަތޮޅު ހޮސްޕިޓަލްތަކުގައި މިއަދު ފެށިއަސް ފުރަތަމަ އިސްކަން ދީފައި އޮތީ ސިއްހީ ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. އޭގެ ފަހުން ވެކްސިން ޖަހާނީ ބަލި ހާލަތަށް ބަލައި އެޗްޕީއޭ އިން އިސްކަންދޭ ތަރުތީބުންނެވެ.
ވެކްސިން ޕްރޮގްރާމްގެ ތަފްސީލް، އެޗްއީއޯސީގެ ނިއުސް ކޮންފަރެންސްގައި އާއްމުންނާ ހިއްސާކުރައްވަމުން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު، މުހައްމަދު ފައިސަލް ވިދާޅުވީ ވެކްސިން ޖަހާނީ މައި ހެލްތު ޕޯޓަލްގައި ރަޖިސްޓްރީވުމުން އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ. ވެކްސިން ޖަހަން ވީ ދުވަހާއި ގަޑި، ކަނޑައަޅާފައި އޮތް ތަރުތީބުން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެކްސިން ޖަހަން ރަޖިސްޓްރީވުން ވަރަށް މުހިއްމު، އެއީ ވެކްސިން ޖަހަން މައުލޫމާތު އަޅުގަނޑުމެންނަށް އެނގެން ޖެހޭތީވެ. މި ވެކްސިނަކީ ކިޔޫ ހަދައިގެން ޖެހޭނެ ވެކްސިނެއް ނޫން. އެއީ ޕެންޑަމިކެއް ވީމަ މީހުން ގިނަނުކޮށް ވަކި ގަޑިއަކަށް ގެނެސްގެން ޖަހަން ޖެހޭތީވެ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
ވެކްސިން ޖަހަން ޖެހޭ ތަރުތީބު ކަނޑައެޅުމުގައި ބަލަނީ މައި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ މައުލޫމާތަށް ކަމަށާއި ރަޖިސްޓްރީ ނުވާ ނަމަ އެކަމުގައި އުނދަގުތަކެއް ކުރިމަތިވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ހެލްތު ކެއާ ވޯކާސްއަށް ފުރަތަމަ ވެކްސިން ދިނުން މުހިއްމު ވަނީ ޕެންޑަމިކެއްގައި ބައްޔަށް އެންމެ ބޮޑަށް ހުށަހެޅޭނެ އަދި ބަލި މީހުންނަށް ފަރުވާދޭން ވެސް ތިބި ބަޔަކީ އެ މީހުންނަށް ވާތީ އެވެ. އޭގެ ފަހުން އިސްކަންދޭން ތަރުތީބެއް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އުމުރުން ދުވަސްވީ މީހުން ވެކްސިން ޖަހަން ރަޖިސްޓްރީވުމުގައި އާއިލާގެ އެހެން މީހުން އެހީތެރިކަން ފޯރުކޮށްދޭން ޑރ. ފައިސަލް އެދިވަޑައިގަތެވެ. ވެކްސިން ޖަހަން ދާ އިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ގެންދަން ޖެހެ އެވެ.
ކޮވިޑް ވެކްސިން ދޭން ނިންމާފައި ވަނީ ވެކްސިން ޖަހަން ދާއިރު ހުން އައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށެވެ.
ރާއްޖޭގައި މި ޖަހާ އޮކްސްފޯޑް ޔުނިވަސިޓީގެ ވެކްސިން، ކޮވިޝީލްޑަކީ ރައްކާތެރި ވެކްސިނެއް ކަމުގެ ޔަގީންކަން ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުން ދެ ވަނަ ޑޯޒް ޖަހަން ގުޅާނެ ކަމަށެވެ. ދެ ވަނަ ޑޯޒް އެންމެ ލަސްކުރެވޭނީ 12 ހަފުތާ ވަންދެން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ވެސް މާބަނޑު މީހުންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ނުދެ އެވެ. ކޮވިޑް ވެކްސިނަކީ އާބާދީގެ އެންމެންނަށް ޖެހޭނެ އެއްޗަކަށް ނުވާތީ އެންމެ މުހިއްމީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދެމިތިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫނީ މި ވެކްސިންގެ ބޭނުން އަދި ޖަހަން ޖެހޭ ސްޕީޑުގައި ނުވެސް ޖެހިދާނެ. އެއީ މާ ގިނައިން މީހުން ބަލިވާ ނަމަ ވެކްސިން ޖެހުމަށް ވެސް ބުރޫއަރާނެތީ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
"ގިނަ ބަޔަކު ވެކްސިން ޖަހައިފި ކަމަށް ވަންޏާމު، ގޭގައި އުޅޭ މާބަނޑު މީހާ ވެސް އަދި ބަނޑުގައި އޮތް ދަރިފުޅު ވެސް ރައްކާތެރިކޮށްދެވޭނެ."
ވެކްސިން ޖަހައިގެން ނޭދެވޭ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ ޚިދުމަތްތެރިންގެ ލަފަޔާއި އިރުޝާދު ހޯދަން ވެސް އޭނާ އެދިވަޑައިގަތެވެ.
ވެކްސިން ޕްރޮގްރާމް ހޯމަ ދުވަހު ފަށައި ރޭގެ ނިޔަލަށް 800 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހައިފަ އެވެ.