03 ފެބުރުއަރީ 2021 - 11:14

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައިވެ އެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެ އެވެ.
މި މައުލޫމާތު[email protected]އަށް ފޮނުވަން ޓޫރިޒަމް މިނިސްޓްރީން އެދިފައިވެ އެވެ.
ވެކްސިން ޖަހަން، ރިސޯޓު މުވައްޒަފުންނާއި ސަފާރީ އާއި ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަޖިސްޓަވެވޭނެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިގެން މަސައްކަތްކުރަން ޖެހިފައިވާ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 10،000 ޑޯޒް ވެކްސިން ހާއްސަކޮށްފައިވާ ކަމަށެވެ. މިއީ 5،000 މުވައްޒަފުންނަށް ބޭނުންވާ އަދަދެވެ.
ވެކްސިން ދިނުމުގައި ޓޫރިސްޓުންނާ އެންމެ ގިނައިން ބައްދަލުވާ މުވައްޒަފުންނަށް ހާއްސަ އިސް ކަމެއް ދެއްވާނެ ކަމަށް މައުސޫމު ވިދާޅުވި އެވެ. ފުރަތަމަ ބުރުގައި 10،000 ޑޯޒް ދީފައި އެ މުވައްޒަފުންނަށް ދެވަނަ ޑޯޒް ޖަހަންވާ އިރަށް އިތުރު މުވައްޒަފުންނަށް ވެސް ވެކްސިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.