އާމިރުގެ ކުޅިވަރު ފިލްމުގެ އަސްލަކީ ސްޕެއިން ފިލްމެއް
އާމިރުގެ ކުޅިވަރު ފިލްމުގެ އަސްލަކީ ސްޕެއިން ފިލްމެއް

ޑައިރެކްޓަރު އާރްއެސް ޕްރަސައްނާ އެކްޓަރު އާމިރު ޚާނަށް ހުށަހަޅާފައިވާ ސްޕޯޓްސް ޑްރާމާ އަކީ ސްޕެއިންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކެމްޕިއޯނެސް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ދެ މީހުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި އާމިރާ އެކު ޕްރަސައްނާ މިހާތަނަށް ހައެއްކަ މީޓިން ބާއްވާފައި އިރު، އޭނާ ގެނެސްދޭ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް އާމިރަށް ކަމުދާ އެއްޗަކަށްވެއްޖެ ނަމަ ފިލްމަށް އެއްބަސްވާނެ އެވެ.

ޕްރަސައްނާ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 2017 ގެ ފިލްމު "ޝުބް މަންގަލް ސާވްދާން" ގެނެސްދިން ޑައިރެކްޓަރެވެ.

އޭނާ ކެމްޕިއޯނެސް (ޗެމްޕިއަން) އަށް ބިނާކޮށް ފިލްމެއް ހަދަން އުޅޭ އިރު އެއީ 2018 ގައި ރިލީޒްކުރި ފިލްމެކެވެ. މިއީ އެކި ނުކުޅެދުންތެރިކަން ހުންނަ ބަޔަކު ތިބޭ ބާސްކެޓް ޓީމެއްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ބޮޑާ އަދި ވަރަށް ގޮތުގައި ހުންނަ ރަލަށް ދެވިހިފާފައި ހުންނަ މީހެއްގެ ސަބަބުން ޓީމަކަށް ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ޒޭވިއާ ފެޒާ އެވެ.

"ކެމްޕިއޯނެސް" އަކީ އެ ފިލްމު ރިލީޒްކުރި އަހަރު ސްޕެއިންގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

މި ފިލްމު އަސްލަކަށް ބަލައިގެން ހަދާ ފިލްމަށް އާމިރު ގެންނަން މަސައްކަތްކުރާ އިރު، ހުނަރުވެރި އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ވެސް ބޭރު ފިލްމެއް އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އެއީ 1994 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭނެ "ލާލް ސިންގް ޗައްޑާ" އެވެ.

މި ފިލްމަށް ފަހު އާމިރު ދެން މަސައްކަތް ފަށާނީ އިންޑިއާގެ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ވެރިޔާ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" ގެ މަސައްކަތެވެ.