ސަލްމާން ޕްރޮޑިއުސްކުރާ މިއުޒިކް ޝޯއެއް ޒީޓީވީ އަށް
ސަލްމާން ޕްރޮޑިއުސްކުރާ މިއުޒިކް ޝޯއެއް ޒީޓީވީ އަށް

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަދި އިންޑިއާގައި ކާމިޔާބު އެތައް ލަވަކިޔުންތެރިންނެއް އުފައްދާފައިވާ މިއުޒިކް ޝޯ "ސާރޭގާމާޕާ" ގެނެސްދޭ ޒީޓީން ވަރަށް ތަފާތު ގޮތަކަށް މިއުޒިކް ޝޯއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މިހާރު ޕްރޮމޯތައް ވެސް ދައްކަމުން އަންނަ މި ޝޯގެ ނަމަކީ "އިންޑިއަން ޕްރޯ މިއުޒިކް ލީގް" އެވެ. މި ޝޯގެ ޕްރޮމޯޝަންތަކުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ވެސް ބައިވެރިވާ އިރު، މިއީ އޭނާގެ ފިލްމު ކުންފުނި އެސްކޭއެފުން ޒީ ނެޓްވޯކާ ގުޅިގެން ގެނެސްދޭ ޝޯއެކެވެ.

މި މަހުގެ 26 ގައި ފަށާ "އިންޑިއަން ޕްރޯ މިއުޒިކް ލީގް" އަކީ އިންޑިއާގެ ޗެނެލްތަކުން އާންމުކޮށް ގެނެސްދޭ މިއުޒިކް ޝޯތަކާ ވަރަށް ތަފާތު ކޮންސެޕްޓަކަށް ގެނެސްދޭނެ އެއްޗެކެވެ. އެގޮތުން ޝޯ ގެނެސްދޭނީ މަޝްހޫރު ލަވަކިޔުންތެރިންތަކެއް ހިއްސާވާ ގޮތަށް ހަ ޓީމަކާ އެކީގަ އެވެ. އަދި ކޮންމެ ޓީމަކަށް ސަޕޯޓްކުރާ މަޝްހޫރު ފިލްމީ ތަރިންނާއި ކްރިކެޓް ތަރިން ވެސް ހިމެނޭނެ އެވެ.

ޝޯގައި ވާދަކުރާ ޓީމްތަކުގެ ތެރޭގައި ހިމެނެނީ:

* ޔޫޕީ ދަބަންގްސް: އަންކިތު ތިވާރީ، ޕާޔަލް ދޭވް، ސަލްމާން އަލީ

* ބެންގާލް ޓައިގާޒް: ޝާން، އަކްރިތީ ކައްކަރް، ރިތޫރާޖް މޮހާންޓީ

* ގުޖްރާތު ރޮކާޒް: ޖާވިދު އަލީ، ބޫމީ ތުރިވެދީ، ހެމަންތު

* ބްރިޖްވާސީ މުމްބާއި ވޮރިއާޒް: ކައިލާޝް ކޭރް، ޝިލްޕާ ރާއޯ

* ދިއްލީ ދުއްރަންދާރްސް: ޕޫރްވާ މަންތުރީ، ސާޖިދު، ނޭހާ ބަސީން

* ޕަންޖާބް ލަޔަންސް: މިކާ ސިންގް، އަސީސް ކޯރް، ރޫޕަލީ ޖައްގާ

"އިންޑިއަން ޕްރޯ މިއުޒިކް ލީގް" ޕްރޮމޯޝަނަލް ލަވައިގެ ގޮތުގައި މީގެ އެންތަމް ވެސް ވީޑިއޯއާ އެކު ވަނީ ދައްކާލައިފަ އެވެ. ޝޯގެ ހޯސްޓުންނަކީ ސްޓާ ޕްލަސް އިން ސަލްމާން ޕްރޮޑިއުސްކޮށް 2019 ގައި ގެނެސްދިން "ނަޗް ބަލިޔޭ" ސީޒަން 9 ހޯސްޓްކުރި ވަލޫޝާ ޑި ސޫޒާ އާއި މިހާތަނަށް އެތައް ޝޯއެއް ހޯސްޓްކޮށްފައިވާ އެކްޓަރޔ ކަރަން ވާހީ އެވެ.

"އިންޑިއަން ޕްރޯ މިއުޒިކް ލީގް" ގްރޭންޑް އޯޕަނިން މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ފަށާނީ ވަރަށް ކުލަގަދަކޮށް، މަޝްހޫރު ގިނަ ފަންނާނުންތަކެއް ވެސް ބައިވެރިވާ ގޮތަށެވެ. މި ޝޯ ފަށާނީ ރާއްޖެ ގަޑިން 7:30 ގަ އެވެ.